Roadha Mihaaru
ހިދުމަތްކުރަން އެނބުރި އަދި އަންނާނަން: ޑރ. ޝަހީމް

ހިދުމަތްކުރަން އެނބުރި އަދި އަންނާނަން: ޑރ. ޝަހީމް

29 ޖެނުއަރީ 2024

ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއަސް، ގައުމަށް ހިދުމަތްކުރުމަށް އެނބުރި އަދި ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއަސް، ގައުމަށް ހިދުމަތްކުރުމަށް އެނބުރި އަދި ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ޝަހީމާއެކު އިތުރު ދެ ބޭފުޅަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިހާތަނަށް ވަނީ ފާސްކޮށްފަ އެވެ. އެއީ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.

އެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ޝަހީމް ހުންނެވީ އެ މިނިސްޓްރީގެ މި އަހަރުގެ އެކްޝަން ޕްލޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގަ އެވެ. އެހެންވެ، އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވާހަކަދެއްކެވީ ވެސް ކުރީގެ މިނިސްޓަރުގެ ހައިސިއްޔަތުންނެވެ.

އޭނާ ވިދާޅުވީ ތިން ފަހަރެއްގެ މަތިން މިނިސްޓަރުކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށާއި މިވީ މުއްދަތުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެވިފައިވާތީ އުފާކުރައްވާ ކަމަށެވެ.

ރާވާފައިވާ ގޮތަށް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަން އެދިވަޑައިގެން، ޝަހީމް ވަނީ ހިދުމަތްކުރުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. .

"އަޅުގަނޑަކަށް ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމަށް އިހުތިރާމްކުރަން. އަޅުގަނޑަށް އާ ކަމެއް ވެސް ނޫން އެއީ. އެކަމާ އަޅުގަނޑު އިހުތިރާމްކުރަން. އަޅުގަނޑަށް ވަރަށް ގިނަ ގޮންޖެހުންތަކާއެކުގައި މި ވުޒާރާގައި އެކި ދުވަސްވަރުގައި އަޅުގަނޑު މަސައްކަތްކޮށްފައިވާނެ. މި ފަހަރު ވެސް މިވީ ކުރު މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ވަގުތު މިކަމަށް ހޭދަކޮށްގެން މި ވުޒާރާގެ ކަންކަން ކުރިއެރުވުމަށްޓަކައި އަޅުގަނޑު މަސައްކަތްކޮށްފައިވާނެ." އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަންނަވަނީ މަގާމެއްގެ ބޭނުމުގައި ނޫން ކަމަށެވެ. އިތުރު ވަޒީފާގެ ފުރުސަތުތައް އެބަހުރި ކަމަށާއި އެކަމަކު ގައުމީ ހިދުމަތަކީ ތަފާތު ކަމެއްކަން ފާހަގަކުރެއްވި އެވެ.