Roadha Mihaaru
އެމްޑީޕީން ވެސް ނިންމީ 4 ވަޒީރަކަށް ރުހުން ނުދޭން

އުޝާމް، ހައިދަރު، ޑރ. ޝަހީމް އަދި ސައީދަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި

28 ޖެނުއަރީ 2024

އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއެކު، ތިން ވަޒީރަކަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއެކު، ތިން ވަޒީރަކަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ފާސްކުރީ އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެކަމަކު، އެމްޑީޕީގެ ލިސްޓުގައި ޒަމީރުގެ ނަމެއް ނެތެވެ.

އޭގެ އިތުރުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ރުހުން ނުދިނުމަށް ވެސް އެ ދެ ޕާޓީގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.

ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދޫ ކޮށްފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމާއި އިންޑިއާއާ ގުޅުން ގޯސްވުން ހިމެނެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓަށް އެހުން އޮންނާނީ މިއަދުގެ މެންދުރު 1:30 ގަ އެވެ.