Roadha Mihaaru
މަގުތަކުން ދިން ޕާކިންތަކާ ގުޅޭ ޝަކުވާއަށް ހުޅުވާލައިފި

މާލޭގެ މަގުތަކުން ދޫކުރި ޕާކިން ޖާގައާ ގުޅޭ މައްސަލަ ރިވިއުކުރަން ޝަކުވާއަށް ހުޅުވާލައިފި

30 ޖެނުއަރީ 2024

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މާލޭގެ މަގުމަތިން ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން، ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މާލޭގެ މަގުމަތިން ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން، ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ޕާކިން ސްލޮޓް ލިބުނު މެސެޖަށް ފަހު އިތުރު މުއާމަލާތެއް ނުކުރާ މީހުންނާއި ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށް ފަހު އެއްބަސްވުން ނުހަދާ އަދި އެކަމާ ގުޅޭ އިތުރު ޝަކުވާތައް ހުރި ނަމަ، ޝަކުވާ ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ވަނީ އެދިފަ އެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވިއިރު ވަނީ މާލޭ މަގުތަކުން ޕާކިން ސްލޮޓުތައް ކުއްޔަށް ދޫކޮށްފަ އެވެ. ނަމަވެސް، އޭރު އެކަން ކުރި ގޮތުން ވެސް ގިނަ ބައެއްގެ ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޕާކިން ސްލޮޓްތަކާ ގުޅޭގޮތުން ގިނަ ޝަކުވާތައް އެބަހުރި ކަމަށެވެ. ޖާގަ ލިބުނު މީހުން ދައްކަންޖެހޭ ފީ ނުދެއްކުމާއި ބައެއް މީހުންނަށް ޖަވާބު ނުދީ އަދި އުސޫލުތަކާ ހިލާފަށް ވެސް ދީފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެ ކައުންސިލުން ވަނީ ޕާކިން ސްލޮޓްތައް ދޫކުރި ގޮތް ރިވިއުކުރަން ނިންމައިފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު"ން ހުށަހެޅި މައުލޫމާތާ ގުޅިގެން، ސިޓީ ކައުންސިލުން މިދިޔަ އޮގަސްޓް މަހު ބުނީ، ޑިޕްލޮމެޓިކް މިޝަންތަކާއި ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި އާންމުންނަށް މިދިޔަ މެއި މަހާ ހަމައަށް 776 ޕާކިން ސްލޮޓް ދޫކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ޕްރައިވެޓް ވެހިކަލްތަކާއި ޓެކްސީތަކަށް ދޫކުރި 713 ސްލޮޓާއި ޑިޕްލޮމެޓިކް މިޝަންތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ ވެރިންނަށް ދޫކުރި 63 ޖާގަ އެވެ.

ޕާކިން އަށް ދޭ ޖާގައިގެ ކުލި އުޅެނީ 750ރ. އާއި 3،000ރ. އާ ދެމެދުގަ އެވެ.