Roadha Mihaaru
އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން ޕާކިން ޒޯނު ކުއްޔަށް

އަމީނީ މަގާ ގުޅިފައިވާ މަގާއި ގޯޅިތަކުން ޕާކިން ޒޯނު ކުއްޔަށް ދޫކުރަނީ

30 ޖެނުއަރީ 2021

އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިން ޒޯނުތައް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިން ޒޯނުތައް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އަމީނީމަގުގެ ދެކުނުން ގުޅިފައި ހުރި ގޯޅިތަކުން، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މި ބުރުގައި ދޫކުރާނީ 292 ޖާގަ ކަމަށެވެ. މި ޒޯނުން ޖާގަ ދޫކުރަނީ، ކާރަށާއި 350 ކިލޯއިން ދަށުގެ ޕިކަޕަށެވެ. އެގޮތުން އަމީނީ މަގާ ގުޅިފައި އޮތް 13 މަގާއި ގޯޅިން ޖާގަ ވަނީ ކަނޑައަޅައިފަ އެވެ.

މަގުމަތިިން ޕާކިން ސްލޮޓެއް ދޫކުރަނީ މަހަކު 1،500 ރުފިޔާއަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ޕާކިން ސްލޮޓްތައް ކުއްޔަށް ދޭނީ މާލޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. އަދި ޕާކުކުރަން ޖެހޭނީ، އެ ސްލޮޓަކަށް ރަޖިސްޓްރީކުރި އުޅަނދުތައް އެކަނި ކަމަށާއި އެހެން އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އަމީނީމަގާ ގުޅިފައިވާ މަގުތަކާއި ގޯޅިތަކުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޖާގަ ގަތުމަށް ހުށަހަޅާނީ ސިޓީ ކައުންސިލްގައި އެކަމަށް ހާއްސަކޮށްފައިވާ "ޕާކިން ޕޯޓަލް" މެދުވެރިކޮށެވެ. ޖާގަ ހޯދުމުގެ ފުރުސަތު ހުޅުވާލަން އޮތީ މާދަމާ މެންދުރު ފަހު އެވެ. ޖާގަތައް ހުސްވަންދެން އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުން، ވަކި ވަގުތުތަކަށް ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް، "ޓައިމް ޕާކިން" ޖާގަތައް މާލޭ ސިޓީ ކައުންސިލުން އަންނަނީ ހަމަޖައްސައިދެމުންނެވެ.