Roadha Mihaaru
ރާއްޖެ-ލަންކާއާ ދެމެދު އެއާ އެންބިއުލެންސް ފަށަނީ

މާޗު 1 ގައި ރާއްޖެ އާއި ލަންކާއާ ދެމެދު އެއާ އެންބިއުލެންސްގެ ހިދުމަތް ފަށަނީ

30 ޖެނުއަރީ 2024

އަންނަ މާޗު މަހުން ފެށިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެންބިއުލޭންސްގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އަންނަ މާޗު މަހުން ފެށިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެންބިއުލޭންސްގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ކޮލޮމްބޯއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ މިއަދު ވަނީ އެ ގައުމުގެ ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު ސިރިޕަލާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގައި ހިނގާ ހާދިސާތަކުގައި އަނިޔާވާ މީހުން ކުއްލި ފަރުވާއަށް ލަންކާއަށް ގެންދިއުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެއްވި ކަަމަށެވެ.

މިނިސްޓަރު އަމީންއާ ހަވާލާދީ އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ހުރިހާ މެޑިކަލް އިވެކުއޭޝަން ފްލައިޓުތަކެއް އިންޑިއާއަށް ކުރަމުން އައި ނަމަވެސް، ލަންކާގެ ކުއްލި ފަރުވާގެ ފެންވަރު ރަނގަޅުވުމުން ބަލި މީޙުން ލަންކާ ހޮސްޕިޓަލުތަކަށް ފޮނުވަން ދިވެހި ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު، އެއްބަސްވީ އެއާ އެންބިއުލޭންސްގެ ހިދުމަތް މާލެ އާއި ކަޓުނެޔޭކް އެއާޕޯޓާ ދެމެދު މާޗު އެކެއްގައި ފެށުމަށެވެ.

އެކަމަށްޓަކައި ލަންކާ ސަރުކާރުން ދޭން ޖެހޭ ހުރިހާ ހުއްދައެއް އޭނާ ދީފައިވާނެ ކަމަށާއި އެއާ އެންބިއުލޭންސްގެ ހިދުމަތަށް ކަޓުނެޔޭކް އެއާޕޯޓުގައި ހާއްސަ ޔުނިޓެއް ގާއިމްކުރަން މިހާރު އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ބައްދަލުވުމާ ގުޅިގެން އަމީން "އެކްސް" ގައި ވިދާޅުވީ، މެޑިކަލް އިވެކިއޭޝަން ފަދަ ކުއްލި ހާލަތްތަކުގައި އޮޕަރޭޓުކުރާ ފްލައިޓުތަކަށް ވަގުތު ހުއްދަ ލިބޭނެ ގޮތަށް ފްރޭމްވޯކެއް އެކުލަވާލުމަށް ލަންކާ އިން އެއްބަސްވެފައިވާ ކަމަށެވެ. އެއާ އެންބިއުލޭންސާ ގުޅޭ ވާހަކައެއް އަދި އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

މި ސަރުކާރުން ނިންމާފައި ވަނީ އަންނަ މާޗު 1 އިން ފެށިގެން ރާއްޖެއަށް އަށް އެއާ އެމްބިއުލާންސް ތައާރަފު ކުރާށެވެ. އެކަން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ. އެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

އޭގެ އިތުރުން ކުއްލި އަވަސް ފަރުވާއާއި އެހެނިހެން ކަންކަމަށް ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފް ކުރަން ވެސް ސަރުކާރުން މި ހަފްތާގައި ވަނީ ނިންމައިފަ އެވެ.