Roadha Mihaaru
އެއާ އެމްބިއުލާންސް ހުއްދަ ދެ ގަޑިއިރުން ލިބޭނެ

އެއާ އެމްބިއުލާންސް ލަންކާއަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

28 ފެބުރުއަރީ 2024

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ބަލި މީހުން ވީހާވެސް އަވަހަށް ފޮނުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްރީ ލަންކާއަށް އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމުގެ ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ބަލި މީހުން ވީހާވެސް އަވަހަށް ފޮނުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްރީ ލަންކާއަށް އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމުގެ ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަން ޖެހޭ ހުއްދަ ހޯދުމުގައި ހޭދަވާ ވަގުތު ކުޑަކުރީ މިދިޔަ މަހުގެ ފަހުކޮޅު ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން، އެ ގައުމަށް ކުރެއްވި ދަތުރުގައި ލަންކާ ސަރުކާރާ އެކު ކުރި މަޝްވަރާގަ އެވެ.

ރާއްޖެއިން ލަންކާއަށް ބަލި މީހުން އުފުލުމަށް ހުއްދަތައް ހޯދުމަށް، 6 ގަޑިއިރާ 24 ގަޑިއިރު މިހާރު ހޭދަވެ އެވެ. އެކަމަކު މަޝްވަރާކޮށް ފަހުން މި ހަމަޖެހުނު އިންތިޒާމްތަކާ އެކު ދެ ގަޑިއިރުގެ ތެރޭގައި އެ ހުއްދަ ލިބޭނެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބަދަލު ގެނައުމުގެ މަސައްކަތް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީ ލަންކާގެ ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އެ އޮފީހުން ބުނި ގޮތުގައި ދިވެހިންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މިއީ އިމަޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލި މީހުން ގެންދިއުން އަވަސްކުރުމަށް ރައީސްގެ އިރުޝާދުގެ ދަށުން ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވުމާއި އެ ހިދުމަތް ފުޅާ ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ ހިދުމަތް އަންނަ މަހުގެ އެއް ވަނަ ދުވަހު ތައާރަފުކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސް ފަރުވާގެ އިންތިޒާމު ވެސް ހަމަޖެއްސުމަށެވެ. އަދި އެ ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސުގައި ބަލި މީހުން އުފުލުމުގެ އަަވަސް އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.