Roadha Mihaaru
ނަތަންޔާހޫއަށް އދ.ގެ ރެފިއުޖީ އެޖެންސީ އަކީ ހަމާސް

ނަތަންޔާހޫއަށް އދ.ގެ ރެފިއުޖީ އެޖެންސީ އަކީ ހަމާސްގެ ގޮތްޕެއް

01 ފެބުރުއަރީ 2024

ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށް އުފައްދާފައިވާ އދ.ގެ އެޖެންސީ "އުންރުވާ" ގެ މުވައްޒަފުންތަކެއް އިޒްރޭލަށް ދިން ހަމަލާގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތުކޮށްފައި ވާއިރު އެ އެޖެންސީ އަކީ ހަމާސްގެ މެންބަރުން ވަދެ ހިސާރުކޮށްފައިވާ ތަނެއްގެ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަކޮށްފި އެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށް އުފައްދާފައިވާ އދ.ގެ އެޖެންސީ "އުންރުވާ" ގެ މުވައްޒަފުންތަކެއް އިޒްރޭލަށް ދިން ހަމަލާގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތުކޮށްފައި ވާއިރު އެ އެޖެންސީ އަކީ ހަމާސްގެ މެންބަރުން ވަދެ ހިސާރުކޮށްފައިވާ ތަނެއްގެ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަކޮށްފި އެވެ.

އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސް އިން ހަަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމުގައި އުންރުވާގެ 12 މީހަކު ބައިވެރިވާ ކަމަށް އިޒްރޭލުން ކުރި ތުހުމަތާ އެކު ބޮޑެތި ގައުމުތަކުން ވަނީ އެ އެޖެންސީއަށް ފަންޑުކުރުން ހުއްޓާލައިފަ އެވެ.

"އުންރުވާގެ ތެރެއަށް ހަމާސް އޮތީ އެއްކޮށް ވަދެފައި،" އދ.ގެ އެމްބެސެޑަރުންނާ އެކު އޮތް ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވި އެވެ. "އދ.ގެ އެހެން އެޖެންސީތަކާއި އެހީ ދޭ އެހެން ޖަމިއްޔާތަކުން އުންރުވާގެ ބަދަލުގައި މަސައްކަތްކުރަންޖެހޭ."

އިޒްރޭލުން މިގޮތަށް ތުހުމަތުކުރާއިރު އުންރުވާއިން ވަނީ މިނިވަން ބަޔަކު މި ތުހުމަތު ތަހުގީގުކުރުން މުހިންމު ކަމަށެވެ.

އދ.ގެ އެމްބެސެޑަރުންނާ އެކު އޮތް ބައްދަލުވުމުގައި ނަތަންޔާހޫ ތުހުމަތުކުރި ގޮތުގައި އުންރުވާ މަސައްކަތްކުރަމުން އަންނަނީ ހަމާސް ބޭނުންވާ ގޮތަށެވެ. ސްކޫލްތަކާއި އެހެން ބައެއް ތަންތަނުގައި ވެސް ހަމާސްގެ ކޮންޓްރޯލް އޮންނަ ގޮތަށް ކަންކަން ކުރާ ކަމަށް ބުނެފައިވެ އެވެ.

"މިހެން މި ބުނަނީ ވަރަށް ހިތާމަޔާ އެކު. އެހީގެ މަސައްކަތްކުރަން ޖެހޭނީ އެ މަގުސަދުގައި ކަމަށް ވިޔަސް އުންރުވާއިން މަސައްކަތްކުރަނީ އެގޮތަކަށް ނޫން،" ނަތަންޔާހޫ ތުހުމަތުކުރި އެވެ.

އިޒްރޭލުގެ ތުހުމަތާ ގުޅިގެން އެމެރިކާ، އިނގިރޭސި ވިލާތް، ޖަރުމަން، ޖަޕާން އަދި އެހެން ބައެއް ގައުމުތަކުން ވެސް ވަނީ އުންރުވާއަށް ފަންޑުކުރުން ހުއްޓާލައިފަ އެވެ. އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާރު ވެސް 27،000 މީހަކު ޝަހީދުކޮށް ގެތައް ބިމާހަމަކޮށްލާފައި ވާއިރު، އުންރުވާގެ މަސައްކަތް މަޑުޖެހިއްޖެ ނަމަ އާންމުންނަށް ބޮޑު ދަތިކަމެއް ކުރިމަތިވާނެ ކަމަށް އދ. އިން އަންނަނީ ބުނަމުންނެވެ. އުންރުވާގެ ބަދަލުގައި އެހެން ޖަމިއްޔާތަކުން މަސައްކަތްކުރަން ބުންޏަސް، އެ ޖަމިއްޔާއިން ކުރާ ގޮތަށް ފަލަސްތީނުގައި މަސައްކަތްކުރާނެ ތަޖުރިބާ ހުރި ބަޔަކު ނުތިބޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. --އޭއެފްޕީ