Roadha Mihaaru
ޣައްޒާގެ ސްކޫލަކަށް ބޮން އަޅައިފި؛ 37 މަރު

ޣައްޒާގައި އދ. އިން ހިންގާ ސްކޫލަކަށް ބޮން އަޅައިފި؛ 37 މަރު

06 ޖޫން 2024

ފަލަސްތީނުގެ ޣައްޒާގައި އދ. އިން ހިންގާ ސްކޫލަކަށް، ކުރިން އިންޒާރު ވެސް ދިނުމަކާނުލައި އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން 37 މީހަކު މަރުވެއްޖެ އެވެ.

ފަލަސްތީނުގެ ޣައްޒާގައި އދ. އިން ހިންގާ ސްކޫލަކަށް، ކުރިން އިންޒާރު ވެސް ދިނުމަކާނުލައި އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން 37 މީހަކު މަރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ހަމަލާ ދެމުން ގެންދާ ޣައްޒާގައި މި ހަމަލާ ދިން ސްކޫލަކީ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ހިމާޔަތް ހޯދަމުން ދިޔަ ތަނެކެވެ. އެކަމަކު މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ކޮން ބައެއް ކަމައެއް ހާމައެއް ނުކުރެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާ ދިނީ އދ. އިން ރެފިއުޖީ އެޖެންސީގެ ސްކޫލެއްގައި ހިމާޔަތް ހޯދަމުން ދިޔަ ހަމާސްގެ "ޓެރަރިސްޓުންނަށް" ކަމަށާއި ސީދާ އަމާޒަށް ދިން މި ހަމަލާގައި މަރުވީ ޓެރަރިސްޓުން ކަމަށެވެ.

އެކަމަކު ރެފިއުޖީ އެޖެންސީގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ވިދާޅުވީ ސްކޫލްތަކަކީ އަސްކަޒީ އަމާޒުތަކަށް ހެދުން އާންމު ކަމަކަށް ހަދަމުން އަންނަ ކަމަށާއި އެ ސްކޫލަކީ އދ. އިން ބަލަހައްޓަމުން އަންނަ ތަނަކަށް ވާތީ އެތަނުގެ ކޯޑިނޭޓްސް ވެސް އިޒްރޭލާއި ހަނގުރާމަވެރި ޖަމާއަތްތަކަށް ވެސް ދީފައި ވާނެ ކަމަށެވެ.

"އުންރުވާ އިން އާންމުންނަށް ހިޔާވަހިކަން ހޯދައިދޭން ބޭނުންކުރަން ފެށި ސްކޫލަކަށް އަނެއްކާވެސް ހަމަލާ ދީފި،" ލަޒާރިނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ސްކޫލަކަށް މިއަދު އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ވެފައިވާ ގެއްލުންތައް ބަޔަކު ބަލާއިރު ކުޑަ ކުއްޖަކު އެ ދިމާލަށް ބަލަހައްޓައިގެން. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ސްކޫލަކަށް މިއަދު އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ވެފައިވާ ގެއްލުންތައް ބަޔަކު ބަލާއިރު ކުޑަ ކުއްޖަކު އެ ދިމާލަށް ބަލަހައްޓައިގެން. -- ފޮޓޯ: އޭއެފްޕީ

ލަޒާރިނީ ވިދާޅުވީ މިއީ ފާޅުގައި އަދި ގަސްދުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ އަމަލުތައް ކަމަށެވެ. އޭނާ ވިދާޅުވީ ހަމަލާ ދިން ސްކޫލްގައި 6،000 މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިޒްރޭލުގެ ޖަމާއަތަކުން ވެސް ވަނީ މި ހަމަލާ އަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެފަ އެވެ.

"އިޒްރޭލުން އެ ބުނާ ގޮތަށް، އެ ސްކޫލަކީ ހަމާސް އިން އަސްކަރީ ހަރަކާތްތައް ރޭވުމުގައި ބޭނުންކުރާ ތަނެއް ނަމަ ވެސް މިއީ ޣައިރު ގާނޫނީ އަމަލެއް. ހުއްޓުމެއް ނެތި ކުރިއަށްދާ ހަމަލާތަކާ ހެދި ހިމާޔަތް ހޯދަން ގޮސް ތިބި މީހުން މިހާ ބޮޑު ނުރައްކަލަކަށް ވެއްޓޭ ފަދަ ހަމަލާއެއް ދީގެން ނުވާނެ،" އެ ޖަމާއަތުން ބުނެފައިވެ އެވެ.

ޣައްޒާގައި ހަމަލާތައް ކުރިއަށް ދާއިރު، އެކަން ހުއްޓުމަކަށް ގެނެވޭތޯ ބާއްވާ މަޝްވަރާތައް ވެސް ކުރިއަށްދެ އެވެ. އެކަމަކު ޣައްޒާއިން ޝަހީދުވި އަދަދު 36،000 އިން މައްޗަށް އަރައިގެން ދިޔަ އިރު ވެސް މިކަމުގައި ކުރިއެރުމެއް ނުލިބެ އެވެ. -- އޭއެފްޕީ