Roadha Mihaaru
ތެލެސީމިއާ ކުދިންނާ ގުޅޭ ވައުދު ފުއްދައިފި

ތެލެސީމިއާ ކުދިންގެ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިފި

27 ޑިސެމްބަރ 2018

ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށްޓަކައި އެ ކުދިންނަށް ބޭނުންވާ ލެ އާއި އެހެން ވަސީލަތްތައް ރަށްރަށުން ފަސޭހައިން ލިބޭނެ ނިޒާމެއް ހެލްތު މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށްޓަކައި އެ ކުދިންނަށް ބޭނުންވާ ލެ އާއި އެހެން ވަސީލަތްތައް ރަށްރަށުން ފަސޭހައިން ލިބޭނެ ނިޒާމެއް ހެލްތު މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

ތެލެސީމިއާ ކުދިންގެ ފަރުވާ އާއި ލޭ ގެންގުޅުމުގެ ނިޒާމު އިފްތިތާހުކުރުމަށް ޗަމްްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިޔާތުގައި ވާހަަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ސަރުކާރުން އަޅާލާނެ ކަމަށެވެ. އަދި އެގޮތުން ރާއްޖޭގައި މި ވަގުތު ތެލެސީމިއާ އަށް ފަރުވާ ހޯދަމުުން އަންނަ 270 ކުދިންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ހައްލެއް ހޯއްދައިދީފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ނިޒާމުގެ ދަށުން ތެލެސީމިއާ ކުދިންނަށް އެ ކުދިންގެ ބޭސް ފަރުވާ އަށް ބޭނުންވާ ވަސީލަތްތައް އެސްޓީއޯ މެދުވެރިކޮށް ފަސޭހައިން ލިބޭ ގޮތް ހަމަޖައްސާފައި ވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ލިބޭނެ ނިޒާމެއް ހަމަޖެއްސުމަށް ސިއްހީ ހިދުމަތް ދޭ ތަންތަނުން ކޮންމެ މަހަކު ތަފްސީލީ ރިޕޯޓެއް މިނިސްޓްރީ އަށް ފޮނުވަން ކަނޑައަޅާފައި ވެއެވެ.

މީގެ އިތުރުން ތެލެސީމިއާ އާ ގުޅޭ ގިނަ ހަރަކާތެއް ފަސް އަހަރުގެ މުއްދަތުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެތެރޭގައި ތެލެސީމިއާ އަށް ގައުމީ ފެންވަރެއްގައި ސްކްރީން ކުރުމާއި މި ބައްޔާ ގުޅޭގޮތުން ޖެނެޓިކް ކައުންސެލިން ދިނުން ހިމެނެ އެވެ.

ސަރުކާރުގެ ސިޔާސަތަކީ ތެލެސީމިއާ ކުދިންނަށް އޯގާތެރިކަމާއި އަޅާލުން އެންމެ މަތީ ދަރަޖަ އަށް ލިބޭ ބަޔެއްގެ ގޮތުގައި ބަލައިގަތުން ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަމީން ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތަކީ ތެލެސީމިއާ ކުދިންނަކީ ސަރުކާރުގެ އޯގާތެރިކަމާއި އަޅާލުން އެންމެ މަތީ ދަރަޖައަކަށް ލިބޭ ބައެއް ކަމަށް ބަލައިގަނެ، އެ ކުދިންނަށް ބޭނުންވާ ވަސީލަތްތަކާއި ފަރުވާތައް އެންމެ ފުރިހަމަކޮށް ފޯރުކޮށްދިނުން،" އަމީން ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ލޭގެ ގައުމީ ސިޔާސަތު އިފްތިތާހުކޮށްދެއްވަނީ. -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ލޭގެ ގައުމީ ސިޔާސަތު އިފްތިތާހުކޮށްދެއްވަނީ. -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ރައްޔިތުންގެ 40 ޕަސެންޓަކީ ތެލަސީމިއާ ކެރިއަރުން ކަމަށް ވާތީ، ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން މި ކަމާ މެެދު ވިސްނުމުގެ މުހިއްމުކަން ވެސް އަމީން ފާހަގަ ކުރެއްވި އެވެ.

"ތެލެސީމިއާގެ ފަރުވާ އަކީ އަގުބޮޑު ފަރުވާއަކަށް ވެފައި، އަލުން އުފަންވާ ކުދިންގެ ނިސްބަތް ދަށް ނުކުރެވިއްޖެ ނަމަ ދައުލަތުން ތެލަސީމިއާ ކުދިންނަށް ކުރަންޖެހޭ ހަރަދު އިންތިހާއަށް ގިނަވެގެން ދާނެ،" މިިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތެލެސީމިއާ ޖެހިފައި ހުރި ބޮޑު މީހަކަށް އަހަރަކު 144،000 ރުފިޔާ ދައުލަތުން ހޭދަ ކުރެއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއޭޓްރިކްސް ޑރ. އަހްމަދު އަލީ ވިދާޅުވީ ކޮންމެ ކަމަށް ލޭ ބޭނުންވާ ވަގުތު ފަސޭހައިން ލޭ ލިބޭނެ ނިޒާމެއް ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އަމިއްލަ އަށް ލޭ ހަދިޔާ ކުރުމުގެ އާދަ އާއި އެކަމާ މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިއްމު ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ލޭ އެޅުމުގެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ލޭ އެޅުމުގެ ހުރިހާ މަރުހަލާ އެއްގައި އެކަށީގެންވާ ރަނގަޅު ފެެންވަރެއްގައި ހިންގާނެ ގޮތެއް އިންތިޒާމު ކުރުން،" ޑރ. އަހްމަދު ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލެއާއި އެކަމަށް ބޭނުންވާ ފަރުވާ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފަސޭހައިން ލިބޭނެ ގައުމީ ސިޔާސަތެއް އެކުލަވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 30 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދެކެވެ. ބަންދު ދުވަސްތައް ނުލައި ގުނާ ނަމަ މި ވައުދު ފުރިހަމަކުރަން ޖެހޭނީ މި މަހުގެ ނިޔަލަށެވެ.