Roadha Mihaaru
ޕްރައިމަރީ މެދުހެންވޭރު ދާއިރާ ވޯޓުގެ މައްސަލަ ކޯޓަށް

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގެ މެދުހެންވޭރު ދާއިރާގެ ވޯޓުގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

02 ފެބުރުއަރީ 2024

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ހަމަނުޖެހުން ހިނގި މެދުހެންވޭރު ދާއިރާގެ ވޯޓުގެ ނަތީޖާގެ މައްސަލަ ސިވިލް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ހަމަނުޖެހުން ހިނގި މެދުހެންވޭރު ދާއިރާގެ ވޯޓުގެ ނަތީޖާގެ މައްސަލަ ސިވިލް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

ސަރުކާރު ހިންގާ ދެ ޕާޓީގެ ޕްރައިމަރީ ކުރިޔަށް ދިޔައިރު އެންމެ ބޮޑަށް މައްސަލަ ޖެހުނީ މެދުހެންވޭރު ދާއިރާގެ ފޮށިތަކުގަ އެވެ. އެ ފޮށިތަކުގައި މައްސަލަ ބޮޑުވީ ކުރިން ވޯޓު ލާ ލިސްޓްގައި ނަން އޮތް ބައެއް މީހުންގެ ނަންތައް އެންމެ ފަހު ވަގުތު އުނިކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ވޯޓު ލާ މަރުކަޒުގައި މީހުން އެއްވެ، ގަޔަށް އަތްލައި ޒުވާބު ހިނގާފައިވެ އެވެ. އަދި ބައެއް ވޯޓު ކަރުދާސްތައް ވީދާލައި ހަމަނުޖެހުން ހިންގި އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން، އެ ދާއިރާ އަށް ވާދަ ކުރެއްވި ކެންޑިޑޭޓް ހަސަން ރަމީޒު (ޓިމޯ) ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ނަތީޖާ އިއުލާން ކޮށްފައި ވަނީ ވޯޓު ކަރުދާސްތައް އިރާލި މައްސަލަ ނުބަލައި ކަމަށެވެ.

"އެއީ ގުނައިފަ އޮތް ފޮއްޓެއް ނޫން. ގުނޭނެ ފޮއްޓެއް ވެސް ނޫން. އެތައް ކަރުދާހެއް ވަނީ އިރާލާފައި." އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ބުނި ގޮތުގައި މެދު ހެންވޭރު ދާއިރާ ކާމިޔާބު ކުރީ 130 ވޯޓުން ހުސައިން ނާސިހު އެވެ. އަދި ޓިމޯ އަށް ލިބިވަޑައިގަތީ 103 ވޯޓެވެ. އަދި ބާތިލް ވީ 10 ވޯޓު ކަމަށް އެ ޕާޓީން ބުންޏެވެ.

ޖުމްލަ 243 މީހުން ވޯޓުލި ކަމަށް އެ ޕާޓީން ބުނި ނަމަވެސް ޓިމޯ ވިދާޅުވި ގޮތުގައި އެ ފޮއްޓަށް 270 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލައިފަ އެވެ.

"އެހެންވެ މި މައްސަލަތައް ބަލައި ވޯޓުގެ ނަތީޖާ ނެރުނު ގޮތް ބައްލަވައި ދެއްވަން ކޯޓުގައި އެދިފައި ވާނެ،" އޭނާ ވިދާޅުވި އެވެ.