Roadha Mihaaru
ފްލެޓް މައްސަލަ: އޭސީސީގެ އިތުރު ލަފާ ހޯދައިފި

ފްލެޓްތަކުގެ މައްސަލާގައި މިނިސްޓްރީން އޭސީސީގެ އިތުރު ލަފަ އާއި މަޝްވަރާ ހޯދައިފި

04 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ދޭނެ މީހުން ކަނޑައަޅަން މިދިޔަ ސަރުކާރުގައި ހެދި ލިސްޓާ ގުޅިގެން އޭސީސީން ހިންގި ބޮޑު ތަހުގީގަށްފަހު އަނެއްކާވެސް އިތުރު ލަފާ ހޯދަން ހައުސިން މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަނާ މިއަދު ބައްދަލުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ދޭނެ މީހުން ކަނޑައަޅަން މިދިޔަ ސަރުކާރުގައި ހެދި ލިސްޓާ ގުޅިގެން އޭސީސީން ހިންގި ބޮޑު ތަހުގީގަށްފަހު އަނެއްކާވެސް އިތުރު ލަފާ ހޯދަން ހައުސިން މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަނާ މިއަދު ބައްދަލުކޮށްފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4،000 މީހުންގެ ލިސްޓް އާއްމުކުރުމާ އެކު ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ. ދިރިއުޅުމުގެ ހާލަތު ނުބަލައި ޕޮއިންޓް ދީފައި ހުރި އިރު، ސައްހަ ނޫން މައުލޫމާތު ހުށަހެޅި ގިނަ ބަޔަކަށް ވެސް ފްލެޓް ދީފައިވާ ކަމުގެ ތުހުމަތު ކުރި އެވެ.

ތަހުގީގު ލަސްވެ ފްލެޓްތަކާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއަށް ގޮތެއް ނުނިމި ވަނިކޮށް އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފްލެޓްތައް ދޫކުރުން ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ. އޭސީސީން ހައުސިން މިނިސްޓްރީއަށް އެންގީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާންކުރި ފްލެޓް ދޫކުރުމުގައި ވަކި ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ކުރިއަށް ގެންދިއުމަށެވެ.

އެކަމަކު އެ ލަފާގައި އެދިފައިވަނީ ކޮން ކަމެއްކަން މިހާތަނަށް އާއްމެއް ނުކުރެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭސީސީން ފޮނުވާފައިވާ ސިޓީއާ ގުޅިގެން އިތުރު ލަަފާ ހޯދުމަށް މިނިސްޓަރު ޑރ. ހައިދަރު އަލީ އޭސީސީގެ މެންބަރުންނާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ މައްސަލައިގައި އިތުރަށް ކުރިއަށް ދާނެ ގޮތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިހާތަނަށް އޭސީސީން ދީފައިވަނީ ކޮން ލަފާތަކެއް ކަމެއް އެ ކޮމިޝަނުން ވެސް އަދި މިނިސްޓްރީން ވެސް ހާމަކޮށްފައެއް ނުވެ އެވެ. މިނިސްޓްރީން މިއަދު ވެސް ބުނެފައިވަނީ އިތުރު ތަފްސީލް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށެވެ.

ފްލެޓް ދޫކުރުމުގައި މައިގަނޑު ފަސް ކަމަކަށް އަމަލު ކުރުމަށް އަންގާފައި ވިޔަސް އެއީ ކޮން ކަންތައްތަކެއް ކަމެއް ސާފެއް ނުވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު އެފްޑީސީން އިމާރާތް ކުރަން ފެށި 4000 ފްލެޓް ދޫކުރުމާ ގުޅޭ ކަންކަން އޭސީސީން ބަލަން ފެށީ އެ ސްކީމުގެ ދާއިމީ ލިސްޓާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ. އެއާ އެކު އެ ފްލެޓްގެ ހުރިހާ މަސައްކަތެއް އޭސީސީން ހުއްޓުވީ މިދިޔަ ވެރިކަން ބަދަލުވާން ދެ ދުވަހަށް ވެފައި އޮއްވައި، ނޮވެމްބަރު 15، 2023 ގަ އެވެ.

އެ ސްކީމުގެ ދަށުން ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް ދޭށެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ކުރިން އާއްމުކޮށްފައި އޮތް ކްރައިޓީރިއާއަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ. ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.