Roadha Mihaaru
ފްލެޓް މައްސަލާގައި އެޗްއާރުސީއެމުން ހައިދަރު އަަރިހަށް

ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އެޗްއާރްސީއެމުން މިނިސްޓަރު ހައިދަރު އަރިހަށް

12 ސެޕްޓެމްބަރ 2024

ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުއާ މިއަދު ބައްދަލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުއާ މިއަދު ބައްދަލުކޮށްފި އެވެ.

އެޗްއާރްސީއެމްއިން ބުނީ އެ ބައްދަލުވުމުގައި ގެދޮރުވެރިޔާ ފްލެޓްތަކުގެ މަޝްރޫއާ ގުޅިގެން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ބޭނުންވާ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި އެ ފްލެޓްތަކުގެ މައްސަލައަކީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި އެ މައްސަލައެއް ކަމަށްވާތީ އަވަސް މުއްދަތެއްގެ ތެރޭގައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ހައްލު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ހައިދަރުއާ ހަވާލާދީ އެ ކޮމިޝަނުން ބުންޏެވެ.

ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދަން އެޗްއާރްސީއެމްއިން، ހައުސިން މިނިސްޓަރު އަލީ ހައިދަރާ ބައްދަލުކުރަނީ-- ފޮޓޯ: އެޗްއާރްސީއެމް

ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދަން އެޗްއާރްސީއެމްއިން، ހައުސިން މިނިސްޓަރު އަލީ ހައިދަރާ ބައްދަލުކުރަނީ-- ފޮޓޯ: އެޗްއާރްސީއެމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވަނީ 4،000 ފްލެޓް އެވެ. އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގަ އެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު، އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. މި މަޝްރޫއު ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ)ގެ ލޯނު އެހީގަ އެވެ.

އެ 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓަރު ހައިދަރު ވަނީ މިދިޔަ ޖޫން މަހު ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ވާނީ އަންނަ އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހު އެވެ.

ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދަން އެޗްއާރްސީއެމްއިން ހައުސިން މިނިސްޓަރު އަލީ ހައިދަރާ ބައްދަލުކުރަނީ-- ފޮޓޯ: އެޗްއާރްސީއެމް

ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދަން އެޗްއާރްސީއެމްއިން ހައުސިން މިނިސްޓަރު އަލީ ހައިދަރާ ބައްދަލުކުރަނީ-- ފޮޓޯ: އެޗްއާރްސީއެމް

ކުރީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ވަނީ އެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ ފްލެޓް ލިސްޓު އެކުލަވާލުމުގައި ބޭ އިންސާފުން ކަންކަން ކޮށްފައި ހުރި ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދިނުން ހުއްޓުވައިފަ އެވެ.

އޭސީސީން ކުރި ތަހުގީގުން އެނގުނު ގޮތުގައި، އެ ލިސްޓުގައި ތިބި 60 ޕަސެންޓް މީހުން އެ ސްކީމަށް ޝަރުތު ހަމަނުވެ އެވެ. އަދި ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ އެންމެ 20 ޕަސެންޓް ފޯމުގަ އެވެ. އެހެންވެ، މި ސަރުކާރުން ނިންމާފައި ވަނީ އެ ސްކީމަށް ފުރަތަމަ ބުރުގައި ފޯމު ހުށަހެޅި އެންމެންގެ ފޯމުތައް އަލުން ރިވިއުކޮށް، އާ ލިސްޓެއް އެކުލަވާލުމަށެވެ. އެއީ 20،000 އަށް ވުރެ ގިނަ ފޯމެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު ރިވިއު ކުރުމަށް ފަހު ފައިނަލް ލިސްޓު އަންނަ މަހު އާންމުކުރާނެ ކަމަށް މިނިސްޓަރު ހައިދަރު ވަނީ މިދިޔަ ޖުލައި މަހު ވިދާޅުވެފަ އެވެ.