Roadha Mihaaru
ޓޫރިސްޓުންގެ ލިސްޓުގެ އެއް ވަނައަށް ޗައިނާ އަރައިފި

ރާއްޖެ އަށް ޓޫރިސްޓުންގެ ލިސްޓުގެ އެއް ވަނަ އަށް ޗައިނާ އަރައިފި

05 ފެބުރުއަރީ 2024

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއް ވަނަ އަށް ޗައިނާ އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއް ވަނަ އަށް ޗައިނާ އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިއްޔެއާ ހަމައަށް ޗައިނާ އިން ރާއްޖެ އަށް ވަނީ 23،900 ޓޫރިސްޓުން އައިސްފަ އެވެ. މިއީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 11 ޕަސެންޓެވެ. މިދިޔަ އަހަރު ނިމުނު އިރު ޗައިނާ އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ. އެކަމަކު، ކޮވިޑްގެ ކުރިން އެ ގައުމު އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓުގެ ގޮތުގަ އެވެ.

ޗައިނާގެ ޓޫރިސްޓުން އިތުރުވަމުން އަންނަ އިރު އެ ގައުމަށް އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ބުނެފައި ވެ އެވެ. މިވަގުތު ވެސް ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކު، ރާއްޖެ އަށް ޗައިނާގެ ޓޫރިސްޓުން ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފުޅާކޮށްފަ އެވެ.

ދެ ވަނައިގައި އުޅޭ ރަޝިއާ އިން ވަނީ 22،000 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިންޓަލީގެ ޓޫރިސްޓުންގެ އަދަދަކީ 21،000 އެވެ. ހަތަރު ވަނައިގައި އޮތް އިނގިރޭސި ވިލާތުން ރާއްޖެ އަށް 18،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ އަހަރު ނިމުނު އިރު އެއް ވަނައިގައި އޮތް އިންޑިއާ މިވަގުތު އޮތީ އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓުތަކުގެ ފަސް ވަނައިގަ އެވެ. އެ ގައުމުން ވަނީ 16،000 ޓޫރިސްޓުން އައިސްފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ވަނީ 214،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 13 ޕަސެންޓު އިތުރުވުމެކެވެ. ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6،200 ޓޫރިސްޓުން އަންނަ އިރު މިމަހުގެ ހަތަރު ދުވަހު އެވްރެޖުކޮށް ރާއްޖެއަށް 7،300 ޓޫރިސްޓުން އައިސްފައިވެ އެވެ.

ސަރުކާރުގެ ބަޖެޓުގައިވާ ގޮތުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށްވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ޓާގެޓަކީ މިއަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.