Roadha Mihaaru
ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް

ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

31 ޖުލައި 2024

ޗައިނާގެ ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ.

ޗައިނާގެ ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ޝިއާމެން އެއާލައިންސުން ރާއްޖެ އަށް ފެށި ފުރަތަމަ ފްލައިޓު ވެލާނާ އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެ ހަވީރު 6:05 ގައި ކަމަށެވެ.

ޝިއާމެން އެއާލައިންސުން ވަނީ މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ޗާޓަރު ފްލައިޓުތައް ފަށައިފަ އެވެ.

ރާއްޖޭގެ މާކެޓަށް ފުޅާކޮށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން، ޝިއާމެން އެއާލައިންސްގެ ތިން ފްލައިޓު ކޮންމެ ހަފުތާއަކު އަންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މި ދަތުރުތަކުގައި ބޮއިން 800-737 މަރުކާގެ 169 ސީޓުގެ މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓުތައް އޮންނާނެ އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ފެށުމަކީ، ރާއްޖެއާ ދުނިޔެ އިތުރަށް ގުޅާލުމާ އެކު، މިއަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެނައުމުގެ އަމާޒަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ރެކްޓަރު އިބްރާހިމް ޝިއުރީ ވެސް ވިދާޅުވީ ޝިއާމެން އެއާލައިންސާ އެކު، ޗައިނާ އިން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އަދަދު އިތުރުވެ، ޓޫރިޒަމަށް އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިއީ ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ކުރާ ޗައިނާގެ ފަސް ވަނަ އެއާލައިނެވެ. މި ވަގުތު ބެއިޖިން ކެޕިޓަލް އެއާލައިންސާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިން އަދި ޗޮންޗަންގް އެއާލައިން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ.

ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މިދިޔަ ބުދަ ދުވަހާ ހަމައަށް 148،839 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ އެހާތަނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރި 1،142،222 ޓޫރިސްޓުންގެ 13 ޕަސަންޓެވެ.