Roadha Mihaaru
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި

ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި

08 ސެޕްޓެމްބަރ 2024

ރާއްޖެއަށް މި އަހަރު ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކަ އަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް މި އަހަރު ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ޗައިނާއިން ވަނީ 202،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ ރާއްޖެއަށް ޖުމްލަ އައި ޓޫރިސްޓުންގެ 15 ޕަސެންޓެވެ.

މި އަހަރުގެ މިހާތަނަށް 1.3 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެ އަމާޒު ހާސިލްވާނީ އިތުރު ހަތް ލައްކަ ޓޫރިސްޓުން، ކުރިއަށް އޮތް ހަތަރު މަހު ތެރޭގައި ރާއްޖެ އައިސްގެންނެވެ.

ޗައިނާއަށް ފަހު ދެން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައީ؛

● ރަޝިއާއިން 150،000

● އިނގިރޭސިވިލާތުން 120،000

● އިޓަލީން 102،000

● ޖަރުމަނުން 97،000

މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 14 ޕަސެންޓަށް އިތުރުވެފަ އެވެ. ނަމަވެސް މި މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް އައި ޓޫރިސްޓުން ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ތިން ޕަސެންޓު ދަށްވެފަ އެވެ. މި މަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަނީ 3،900 ޓޫރިސްޓުންނެވެ.

ސަރުކާރުން އަންނަނީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރުކުރުމަށް ހާއްސަ ކެމްޕެއިންތަކެއް ހިންގަމުންނެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން ވަނީ 83،000 ޓޫރިސްޓުން އައިސްފަ އެވެ. މިއަހަރު ނިމޭ އިރު ރާއްޖޭގެ ލިސްޓުގެ ތިން ވަނައަށް އިންޑިއާ ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.