Roadha Mihaaru
ގަވައިދާ ހިލާފު ބިދޭސީންނަށް ކައުންސިލުން ވަޒީފާދީފައި!

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ ބަޔަކަށް ސިޓީ ކައުންސިލުން ވަޒީފާ ދީފައިވާކަން ހާމަވެއްޖެ

05 ފެބުރުއަރީ 2024

މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިދިޔަ އަހަރު ފެށިއިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާ ދީފައިވާކަން ހާމަވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިދިޔަ އަހަރު ފެށިއިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާ ދީފައިވާކަން ހާމަވެއްޖެ އެވެ.

މާލޭގެ މަގުތަކާއި ޕާކްތަކާއި މައިޒާންތަކުގެ ކުނި ނަގައި ސާފުކުރަން ވެމްކޯއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމައި، އެ އެއްބަސްވުމުގެ މުއްދަތު ޑިސެމްބަރު 26، 2022 ގައި ހަމަވެފައިވާތީ މަގުތަކުން ކުނި ނެގުން ވެމްކޯ އިން ހުއްޓާލި އެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ސިޓީ ކައުންސިލުން އެ އެއްބަސްވުން އާ ނުކުރީ، ވެމްކޯ އިން އެ ކަން ރަނގަޅަށް ނުކުރާތީ ކަމަށް ބުނެ އެވެ. އެ މަސައްކަތަށް ސިޓީ ކައުންސިލުން އާ މުވައްޒަފުންތަކެއް ނަގައި ކުނި ނެގުމުގެ މަސައްކަތް ފެށި އެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ އާ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ލިޔެކިޔުން ނެތް ބިދޭސީންތަކެއް، ސިޓީ ކައުންސިލްގައި ކައިބޮއެ ނިދައި ހަދާކަން ފާހަގަވި ކަމަށެވެ.

ކައުންސިލްގެ ވެރިން ބޭއްވި ބައްދަލުވުމުގައި ލަފާދެއްވީ އެ މީހުންގެ މައްސަލަ އިމިގްރޭޝަށް އެންގުމަށް ކަމަށާއި އެކަން ކޮށްފައިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަން ޑޮކިއުމެންޓެޑް 18 ވަރަކަށް ބިދޭސީން މާލެ ސިޓީ ކައުންސިލްގައި ނިދައި ކައިބޮއި އުޅޭކަން ފާހަގަވެ، އެކަން މިއަދު އަޅުގަނޑުމެން ވާނީ އިމިގްރޭޝަނަށް އަންގާފައި،" މޭޔަރު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ އެއީ ބަންގްލްދޭޝްގެ މީހުންތަކެއް ކަމަށާއި އެއީ ސިޓީ ކައުންސިލްގެ ކުނި ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުންދާ މީހުންތަކެއް ކަމަށެވެ.

"ވޭސްޓް ޑިޕާޓްމަންޓަށް ނަގާފައި ތިބި މީހުން. ނަމަވެސް އެ މީހުން ނެގީ ކޮން ގޮތަކަށް ކޮން ބޭނުމަކު ކަމާއި އެ ހުރިހާ އެއްޗެއް އެނގޭނީ ވެރިންގެ މީޓިންގައި އެ ވަގުތު ތިއްބެވި، އެކަން ކުރި ބޭފުޅުންނަށް، އެކަން ކުރީ ކޮން މަގުސަދެއްގައި ކަން،" އޭނާ ވިދާޅުވި އެވެ.

"ކުއްލިއަކަށް އައިސް އެ މީހުން ނެރެން ނިންމުމުން، އެ މީހުން [ބަންގްލްދޭޝް މުވައްޒަފުން] އައިސް ބުނީމާ، އެޗްއާރް އަށް ގުޅާފައި ބެލިބެލުމުން މި އެނގުނީ ތިބުނާ ގޮތަށް، އަން ޑޮކިއުކުމަންޓް ގޮތަށް އެ މީހުން ތިބިކަން."

މާލެ މަގެއް މަތީގައި ހުރި ކުނިތަކެއް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ މަގެއް މަތީގައި ހުރި ކުނިތަކެއް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ނަމަވެސް އެ މީހުން ސިޓީ ކައުންސިލްގެ ވަޒީފާ އަށް ގެނެސްފައި ވަނީ ސިޓީ ކައުންސިލުން ވަޒީފާ ދޭނެ ކަމަށް ބުނެފައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ސިޓީ ކައުންސިލުން ތިން މަސްތެރޭގައި ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހަދާނެ ކަމަށް ބުނެ، ސިޓީ ކައުންސިލްގެ މުހުތާދުތަކެއް ފުއްދުމަށް، ކުނި ނެގުމަށް، އެ މީހުން މަސައްކަތް ކުރަމުންދިޔަ ތަންތަނުގެ ހުއްދައާ އެކު، ކުންފުންޏެއްގެ އަތުން މުސާރަ ދޭގޮތަށް ކަން ވެސް އެ މީހުންނަށް އެނގުނީ މުސާރަ މައްސަލަ ޖެހެން ފެށި ހިސާބުން،" އިބްރާހިމް ވިދާޅުވި އެވެ.

އެ ކަންކަން ހިންގުމުގައި އޭރު ކައުންސިލްގައި އިސްކޮށް އުޅުނު މީހުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް އެންގުމެއް ނެތި ކުއްލިއަކަށް އެ މުވައްޒަފުންތައް ވަޒީފާ އިން ވަކިކޮށްލުމަކީ އިންސާފެއް ނޫން ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

"އަން ޑޮކިއުމެންޓްކޮށް ބަލާ ނަމަ އެ ތަނުގައި [މާލެ ސިޓީ ކައުންސިލްގައި] ވެހިކަލެއް ދުއްވޭނެ މީހެއް [ބިދޭސީއެއް] ނުހުންނާނެ. ލައިސަންސް އޮތް މީޙަކު ނުހުންނާނެ. ހަމަ ސީދާ ޕޮލިހުންނަށް ގުޅާފައި ވެހިކަލް އެބަ ނެރެމޭ ކިޔާފައި ފޮނުވާލަނީ،" އޭނާ ވިދާޅުވި އެވެ.

ވެމްކޯއިން ނުނަގާ ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގަނީ-- ފޮޓޯ: މިހާރު

ވެމްކޯއިން ނުނަގާ ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގަނީ-- ފޮޓޯ: މިހާރު

މަގުމަތި ކުނިކެހުމާއި ސާފުކުރުމާ ވެސް ކައުންސިލުން އޭރު ވަނީ ހަވާލުވެފަ އެވެ. އެކަމުގައި ކައުންސިލާއި ވެމްކޯގެ ކޯޅުން ބޮޑުވެ ކުނި ނުނަގާ މައްސަލަ ވެސް ބޮޑުވި އެވެ.

މާލޭގެ މަގުމަތީގައި ކުނި ބަހައްޓާ މައްސަލަ ބޮޑުވެގެން އެގޮތަށް ކުނި ބަހައްޓާ ބައެއް ތަންތަނުގެ ލިސްޓެއް ވެސް ސިޓީ ކައުންސިލުން އާންމުކުރި އެވެ. މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކުރުމަށް ސިޓީ ކައުންސިލުން އޭރު 100 އެއްހާ މުވައްޒަފުން ނަގައި އިތުރު 40 މުވައްޒަފުން ނަގަން ވެސް އިއުލާނު ކުރި އެވެ.