Roadha Mihaaru
އެމެރިކާގެ ކޮންމެ ހަމަލާއަކަށް ރައްދު ދޭނަން: އީރާން

އެމެރިކާގެ ކޮންމެ ހަމަލާއަކަށް ރައްދު ދޭނަން: އީރާން

06 ފެބުރުއަރީ 2024

އީރާނުން އެހީވާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ހަނގުރާމަވެރިންނަށް އިރާގާއި ސީރިއާގައި އެމެރިކާއިން ހަމަލާ ދީފައި ވާއިރު އޭގެ ހަމަލާއެއް އީރާންގެ ސަރަހައްދަށް އަމާޒުކޮށްފި ނަމަ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އީރާނުން އެހީވާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ހަނގުރާމަވެރިންނަށް އިރާގާއި ސީރިއާގައި އެމެރިކާއިން ހަމަލާ ދީފައި ވާއިރު އޭގެ ހަމަލާއެއް އީރާންގެ ސަރަހައްދަށް އަމާޒުކޮށްފި ނަމަ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އީރާނުން މިހެން ބުނެފައި މި ވަނީ އީރާނަށް ހަމަލާ ދީފާނެތޯ އެންބީސީން ސުވާލުކުރުމުން، އެމެރިކާއިން ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަމުގެ ވާހަކަ މިވަގުތު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލީވިއަން ވިދާޅުވެފައި ވަނިކޮށެވެ.

އީރާނަށް ހަމަލާ ދޭނެ ކަމަށް ވެސް އަދި ނުދޭނެ ކަމަށް ވެސް ސީދާ ޖަވާބެއް އޭނާ ނުދެއްވަ އެވެ. އެކަމަކު އީރާނުން ސީދާ އެމެރިކާއަށް ހަމަލާ ދީފި ނަމަ ވަގުތުން އެކަމުގެ ރައްދު ވަރުގަދަ ހަމަލާ ދޭނެ ކަމަށް ސުލީވިއަން ވިދާާޅުވި އެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ޖޯޑަންގައި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޑްރޯނުން ހަމަލާދީ ސިފައިންގެ ތިން މީހަކު މަރާލީ ސީރިއާ އާއި އިރާގުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ، އީރާނުން އެހީވާ ހަނގުރާމަވެރިންނެވެ.

ސުލީވިއަންގެ ވާހަކަތަކަށް ރައްދު ދެއްވަމުން އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވީ "ގައުމުގެ ސަލާމަތާއި މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތްކުރުމުގައި އީރާނަކީ ވަގުތުން ފިޔަވަޅު އަޅާ ގައުމެއް" ކަން ކުރިން ވެސް ވާނީ ސާބިތުކޮށްދީފައި ކަމަށެވެ.

"ގައުމުގެ ސަރަހައްދަށް ހަަމަލާއެއް ދީފި ނަމަ، ލިބި ހުރި ގާބިލްކަމުގެ ބޭނުންކޮށް ރައްދު ދޭން އީރާނުން ފަހަތަކަށް ނުޖެހޭނެ،" ހަފްތާގެ ޕްރެސް ބްރީފިންގައި ކަނާނީ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ސަރަހައްދީ ހަމަޖެހުން ގެއްލޭ ފަދަ ކަންކަން ކުރުމަކީ އީރާނުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން 27،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އެކަމުގެ ސަަބަބުން މުޅި ސަރަހައްދަށް ވަނީ ބިރުވެރިކަން ފެތުރިފަ އެވެ. މި ހަމަލާތައް އެހެން ގައުމުތަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު އެކަން ހުއްޓުވަން އެމެރިކާއިން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. -- ފޮޓޯ: އޭއެފްޕީ