Roadha Mihaaru
އަބްދުއްރަހީމްގެ ނުސީދާ ރައްދެއް ޔާމީނަށް!

އަބްދުއްރަހީމްގެ ނުސީދާ ރައްދެއް ޔާމީނަށް!

07 ފެބުރުއަރީ 2024

ރައްޔިތުންގެ ލާބަޔާއި މަންފާ އަށް ކުރާ ކަންކަމަކަށް ހުރަސްއަޅައި، އަމިއްލަ މަސްލަހަތު އިސްކުރުމަކީ ގައުމު ދެކެ ލޯބިވުން ނޫން ކަމަށާއި އެއީ އެންމެ ފުރަތަމަ ގައުމު އިސްކުރުން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ ލާބަޔާއި މަންފާ އަށް ކުރާ ކަންކަމަކަށް ހުރަސްއަޅައި، އަމިއްލަ މަސްލަހަތު އިސްކުރުމަކީ ގައުމު ދެކެ ލޯބިވުން ނޫން ކަމަށާއި އެއީ އެންމެ ފުރަތަމަ ގައުމު އިސްކުރުން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

"އެންމެ ފުރަތަމަ ގައުމު" އަކީ ޕީޕީއެމް/ޕީއެންސީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝިއާރެކެވެ. އެ މަނިކުފާނުގެ އާ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ޔާމީނާއި ޕާޓީގެ ބައެއް ބޭފުޅުން ރިޔާސީ ބަޔާނަށް ފާޑުވިދާޅުވިއިރު، އަބްދުއްރަހީމްގެ ވާހަކައިގައި މި ކަންކަމަށް ނުސީދާކޮށް ރައްދު ދެއްވި އެވެ.

ރައީސް މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސްގެ މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމުން އެ ބަޔާނަށް ބަޔަކު ފާޑުކިޔަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު ދަންނަ ކޮންމެ ބަޔަކު ވެސް އެއީ މިހާތަނަށް ރައީސަކު ދެއްވި އެންމެ މޮޅު ރިޔާސީ ބަޔާން ކަމަށް އިއްތިފާގުވާނެ ކަމަށެވެ.

"އެ ރިޔާސީ ބަޔާނަކީ އޭގެ ސަބަބުން ރައްޔިތުންނަށް އުންމީދު ލިބިގެން ދިޔަ ރިޔާސީ ބަޔާނެއްކަން. ގައުމު މިއަދު އޮތް ހާލަތުން ގައުމު އަރައިގަތުމަށްޓަކައި އެ ރިޔާސީ ބަޔާނުގައި ކަންތައްތަކެއް ފާހަގަކުރެއްވިކަން. ރައްޔިތުން މާޔޫސްވުމުގެ ބަދަލުގައި ރައްޔިތުންނަށް އުންމީދުތަކެއް އެ ރިޔާސީ ބަޔާނުން ދެއްވިކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ގައުމު މިއަދު ވެއްޓިފައި އޮތް ހާލަތުން އަރައިގަތުމަށް، ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގިނަ ކަންތައްތަކެއް ފާހަގަކުރެއްވި ކަމަށާއި ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަކީ ރައީސްގެ ޒިންމާއަކަށް ވާއިރު އެކަން ވަރަށް ފުރިހަމައަށް ކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ލާބަ އާއި މަންފާއަށް ހުރަސްއެޅޭ ގޮތަށް ކަންތައް ކުރާ ނަމަ އެއީކީ އެންމެ ފުރަތަމަ ގައުމުގެ ޝިއާރު ގެންގުޅުއްވަން އެންމެ ރަނގަޅު ބޭފުޅުންނެއް ނޫން: އަބްދުއްރަހީމް

އޭނާ ވިދާޅުވި ގޮތުގައި، އޭގެ ބަދަލުގައި އެ ކަންކަމަށް ފާޑުވިދާޅުވެ، ރައްޔިތުންނަށް ލިބެން ހުންނަ ކަންކަމަށް ހުރަސް އެޅުމަކީ ގައުމު ދެކެ ލޯބިވުމެއް ނޫނެވެ. އެފަދަ ބޭފުޅުން "އެންމެ ފުރަތަމަ ގައުމު" ޝިއާރު ގެންގުޅުއްވުން ރަނގަޅު ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ލާބަ އާއި މަންފާ އަށް ހުރަސްއެޅޭ ގޮތަށް ކަންތައް ކުރާ ނަމަ އެއީކީ އެންމެ ފުރަތަމަ ގައުމުގެ ޝިއާރު ގެންގުޅުއްވަން އެންމެ ރަނގަޅު ބޭފުޅުންނެއް ނޫން. އެ ޝިއާރަށް މަސައްކަތް ކުރައްވަންޏާ ޖެހޭނީ ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުއްޓަސް ގައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރަން،" ވަކި ބޭފުޅެއްގެ ނަން ނުގެނުއްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަކި ބޭފުޅެއްގެ ނަން ނުގެންނެވި ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ، ގައުމު ދެކެ ލޯބިވާ ނަމަ އަދި ގައުމަށް ހެޔޮ އެދިގެން މަސައްކަތްކުރާ ނަމަ ޖެހޭނީ ކޮންމެ ވެރިއަކު ހުންނެވިޔަސް ރައްޔިތުންނަށް ކޮށްދެއްވާ ކަންކަމަށް ތަރުހީބު ދެއްވަން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފެންނަނީ އަމިއްލަ މަސްލަހަތާއި ސިޔާސީ ކުރިމަގަށް ވިސްނަގައިގެން އަމަލުތައް ބަހައްޓަމުން އަންނަ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމާގެ އަމިއްލަ މަސްލަހަތަށް ތިމާގެ އަމިއްލަ ކުރިއެރުމަށް ތިމާގެ އަމިއްލަ ސިޔާސީ މުސްތަގްބަލް ބިނާކުރުމަށް ހަމައެކަނި ވިސްނައިގެން މަސައްކަތް ކުރުމަކީ ގައުމަށް ހެޔޮ އެދިވަޑައިގެން މަސައްކަތް ކުރެއްވުމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން މި ސަރުކާރު ހޮވީ އެތައް ކަންކަން ހާސިލްކުރުމަށް ކަމަށާއި އެކަން ރައްޔިތުންނަށް ކޮށްދެމުން އަންނަ ކަމަށެވެ. އެކަން ގަބޫލުނުކުރެވޭ ބަޔަކު ދުރުގައި ތިބެ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، ރައްޔިތުން ތިއްބެވީ ރައީސް މުއިއްޒާ އެކު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.