Roadha Mihaaru
"ދަރަނި ހަމަޔަކަށް އަޅުވަން ފިޔަވުތައް އަވަސް ކުރޭ"

ދަރަނި ހަމަޔަކަށް އަޅުވަން ފިޔަވުތައް އަވަސް ކުރޭ: ވޯލްޑް ބޭންކް

07 ފެބުރުއަރީ 2024

ދަރަނި ހަމަޔަކަށް އަޅުވަން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މާލީ އިދާރާ ވޯލްޑް ބޭންކުން ގޮވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދަރަނި ހަމަޔަކަށް އަޅުވަން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މާލީ އިދާރާ ވޯލްޑް ބޭންކުން ގޮވާލައިފި އެވެ.

ވޯލްޑް ބޭންކުން ރާއްޖެ އަށް ކުރި ހަތަރު ދުވަހުގެ ދަތުރަށް ފަހު ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ހަރަދުތައް މަދުކޮށް، އާމްދަނީ އިތުރުކޮށް ދަރަނި ކުޑަކުރުމަށް އަވަސް ފިޔަވަޅުތައް ސަރުކާރުން އަޅަން ޖެހޭ ކަމަށެވެ.

ވޯލްޑް ބޭންކްގެ ދަތުރުގައި ސައުތު އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ ވަނީ ބައިވެރިވެފަ އެވެ. މި ދަތުރުގައި ރާއްޖޭގެ ތަރައްގީގެ އެޖެންޑާ އާ ގުޅޭ ގޮތުން ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވެ އެވެ. ވޯލްޑް ބޭންކްގެ ވަފްދުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދައި ބައްދަލުކުރައްވައިފަ އެވެ.

މާޓިން ވަނީ ރާއްޖޭގެ މާލީ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށް ހަރަދު ކުޑަކުރުމަށް ރިޕޯމްތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަރަދު ކުރާ ވަރު އިތުރުވެ، ރިޒާވް ދަށަށް ދިއުމުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން މިހާރު ވެސް ވަނީ އޭގެ ތެރެއިން ބައެއް ސިޔާސަތުތައް ތަންފީޒު ކުރަން ރާވައިފަ އެވެ.

ދައުލަތުގެ ދަރަނި މިވަގުތު ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. އެންމެ ބޮޑު ދަރަންޏެއް ދައްކަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު 15 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އަހަރެވެ.

އޭނާ ވިދާޅުވީ، މާލީ ގޮތުން ނުރައްކާތެރި ހާލެއްގައި އޮތް ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ތަރައްގީގެ މުހިއްމު ލަނޑުދަނޑިތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ސިއްހީ ދާއިރާ އާއި ތައުލީމާއި ހައުސިން އާއި އެހެން އާންމު ހިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.

"އެހެން ނަމަވެސް، ދަރަނި އަދި ޑެފިސިޓް އެހާ ބޮޑުވުމުގެ ސަބަބުން ބައެއް ހަރަދުތައް އެބަ ކުޑަކުރަން ޖެހޭ. އަދި ހަރަދުތައް ޓާގެޓުކޮށް އާމްދަނީ އިތުރު ކުރުމަށް އަވަސް ފިޔަވަޅުތައް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ބުނީ ހަރަދުތައް ކުޑަ ކުރަން ސަބްސިޑީތައް ޓާގެޓު ކުރަން ޖެހޭ ކަމަށެވެ. މިއީ އެ އިދާރާއިން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ.

މިއަހަރުގެ ބަޖެޓުގައި ސަބްސިޑީ ޓާގެޓު ކުރުމަށްޓަކާއި 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރުގެ ޖުލައި މަހުގައި އެ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އަދި އާބާދީގެ 65 ޕަސެންޓަށް ސަބްސިޑީގެ ފައިދާ ލިބޭ ގޮތަކަށް ކަންކަން ރޭވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އަންނަ އަހަރު ޓާގެޓް ކުރާ ސަބްސިޑީތައް

- ފިއުލް ސަބްސިޑީ

- ކާޑު ސަބްސިޑީ

- ނަރުދަމާ ސަބްސިޑީ

- ކަރަންޓް ސަބްސިޑީ