Roadha Mihaaru
"އިގްތިސާދު ކުރިއަށް، އެކަމަކު ދަރަނީގެ ރިސްކު ބޮޑު"

އިގްތިސާދު ރަނގަޅުވާނެ، އެކަމަކު ދަރަނީގެ ރިސްކު ބޮޑު: ވޯލްޑް ބޭންކް

11 ޖެނުއަރީ 2023

މި ސަރަހައްދުގެ އިގްތިސާދު މި އަހަރުގެ ތެރޭގައި އެންމެ ކުރިއަރާނެ އެއް ގައުމަކަށް ރާއްޖެވީ ނަމަވެސް ދަރަނީގެ ރިސްކުތައް އެންމެ ބޮޑު ގައުމުތަކުގެ ލިސްޓުގައި ވޯލްޑް ބޭންކުން ރާއްޖެ ހިމަނައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރަހައްދުގެ އިގްތިސާދު މި އަހަރުގެ ތެރޭގައި އެންމެ ކުރިއަރާނެ އެއް ގައުމަކަށް ރާއްޖެވީ ނަމަވެސް ދަރަނީގެ ރިސްކުތައް އެންމެ ބޮޑު ގައުމުތަކުގެ ލިސްޓުގައި ވޯލްޑް ބޭންކުން ރާއްޖެ ހިމަނައިފި އެވެ.

ވޯލްޑް ބޭންކުން އާންމު ކުރި "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް" ރިޕޯޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 8.2 ޕަސެންޓުގަ އެވެ. އެއީ ރާއްޖޭގެ އިގްތިސާދު ކުރިން ލަފާކުރި ވަރަށް ވުރެ ދަށް އަދަދެއް ނަމަވެސް، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގްތިސާދު އެންމެ އަވަހަށް ކުރިއަރާ ގައުމަށް ވެފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަރާނެތީ އެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑަށް އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ އިންޑިއާ އެވެ. އެ ގައުމުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރީ 6 ޕަސެންޓުގަ އެވެ.

މި އަހަރު ދެކުނު އޭޝިޔާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 5.5 ޕަސެންޓުގަ އެވެ.

ވޯލްޑް ބޭންކުން ވަނީ ކުދި ގައުމުތަކުގެ ތެރެއިން ބޭރުގެ ދަރަނީގެ ރިސްކު ބޮޑު ގައުމުތަކުގެ ލިސްޓުގައި ވެސް ރާއްޖެ ހިމަނައިފަ އެވެ. އަދި ކުދި ގައުމުތަކުގެ ތެރެއިން ޗައިނާ އަށް އެންމެ ބޮޑު ދަރަންޏެއް އަދާ ކުރަން ޖެހޭ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެ އެވެ. ރާއްޖޭގެ އިތުރުން އެ ލިސްޓުގައި މޮރިޝަސް އާއި ޑޮމިނިކާ އާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިއަންސް ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.

މި އަހަރު ރާއްޖޭގެ ބަޖެޓުގެ ޖުމްލަ އަދަދުގެ ގާތްގަނޑަކަށް އަށް ޕަސެންޓު ހޭދަކުރާނީ ދަރަނި އަދާކުރުމަށެވެ. އެއީ 5.5 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރާ އެކު ކުރިއަށް އޮތް ހަތަރު އަހަރު ދަރަނި އަދާކުރަން ދައުލަތުން 30 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. ދައުލަތުގެ ދަރަނިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ އެއް އަަހަރަކީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި އަދާކުރަން 9 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

މި އަހަރު ނިމޭ އިރު ރާއްޖޭގެ ޖުމްލަ ދަރަނި 114 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.