Roadha Mihaaru
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް

މިނިސްޓަރަކަށް ދުވަހަކު ވެސް ބުލީ ނުކުރާ ވަރަށް އަޅުގަނޑަށް ކުރި، އެކަމަކު ނަތީޖާ ނެރެދޭނަން: ފައިސަލް

08 ފެބުރުއަރީ 2024

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ސްޕީޗާ އެކު، ޒުވާން މިނިސްޓަރު އިބްރާހިމް ފައިސަލް އަށް ކުރިމަތިވީ ފާޑުކިއުމެވެ. ސަބަބެއް ނޭނގެ އެވެ. އެކަމަކު، އާންމުންނާއި ސޯޝަލް މީޑިއާގެ ފްރޭމަށް އޭނާ އެރީ ހަމަ ކުއްލިއަކަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ސްޕީޗާ އެކު، ޒުވާން މިނިސްޓަރު އިބްރާހިމް ފައިސަލް އަށް ކުރިމަތިވީ ފާޑުކިއުމެވެ. ސަބަބެއް ނޭނގެ އެވެ. އެކަމަކު، އާންމުންނާއި ސޯޝަލް މީޑިއާގެ ފްރޭމަށް އޭނާ އެރީ ހަމަ ކުއްލިއަކަށެވެ.

އެއް ބަޔަކު އޭނާގެ ގާބިލްކަމާ ދޭތެރޭ ސުވާލު އުފެއްދި އެވެ. އޭނާ ލައިގެން ހުންނަ ހެދުމަށާއި ވާހަކަ ދައްކަވާ ގޮތަށް ވެސް މަލާމާތް ކުރެއްވީ އެވެ. ޖޯކު ޖަހައި އެކިއެކި މީމްސް ވެސް ހަދަން ފެށީ އެވެ.

ފައިސަލް ބައިވެރިވެ ވަޑައިގަންނަވާ ކޮންމެ އިވެންޓެއްގައި އޭނާގެ ފޮޓޯ އާއި ވީޑިއޯތައް ޖޯކަށް ހަދައި މަލާމާތްކުރެ އެވެ. ސޯޝަލް މީޑިއާގައި އެންމެ ގިނައިން "ޓްރޯލް" ކުރާ މިނިސްޓަރަކީ ފައިސަލްކަން އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

އެކަމަކު މި ފާޑުކިއުންތައް އޭނާ މާބޮޑު ކަމަކަށް ނުހައްދަވަ އެވެ. ނަންގަވަނީ ޕޮޒިޓިވްކޮށެވެ. ފުރަތަމަ ސްޕީޗާ އެކު އޭނާގެ ގާބިލްކަމާ މެދު ސުވާލު އުފެއްދި އެންމެންނަށް އޭނާ ޖަވާބު ދެއްވަން ބޭނުންވަނީ ނަތީޖާ ދައްކަވައިގެންނެވެ. އަމިއްލަ ނަފްސާ މެދު އެ ޔަގީންކަން އޭނާއަށް އެބައޮތެވެ.

މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއު "މިހާރު" އަށް އިއްޔެ ދެއްވަމުން ވާހަކަ ފެއްޓެވީ ވެސް އޭނާ އަށް ކުރިމަތިވެވަޑައިގަތް އުނދަގޫތަކާ ގުޅުވައިގެންނެވެ.

"އަޅުގަނޑު އެކަން [ޓްރޯލްކުރުން] ވަރަށް ޕޮޒިޓިވްކޮށް ނަގަނީ. އެއީ ދިވެހިރާއްޖޭގެ މިނިސްޓަރުކަމަށް ދިވެހިން ބޭނުން ވަނީ މި ދާއިރާއަށް ވަރަށް ގާބިލް، ޗޭންޖެއް ގެނެވޭނެ މީހެއް. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު ޔަގީންކޮށްދޭނަން. އެ އެނާޖީ ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ދިވެހިރާއްޖޭގެ ތާރީހުގައި ޓޫރިޒަމަށް ގެނެވޭ އެންމެ ހެޔޮ ބަދަލުތައް މި ސަރުކާރުގައި ގެންނާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފައިސަލް ވިދާޅުވީ، ކުއްލިއަކަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އެންމެ ފުރަތަމަ އުނދަގޫވި ނަމަވެސް، މިހާރު އެކަން ބަލަނީ ރަނގަޅަކަށްވީ ކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތަށް ފާޑުކިޔުމުން އެކަން އަޑު އަހައިގެން ކަންކަން ރަނގަޅުކުރަން އަމިއްލައަށް މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފާޑުކިޔާ ފަރާތްތަކަށް މިނިސްޓަރުގެ އެއްވެސް ހިތްބަރުކަމެއް ނެތެވެ.

"ދުވަހަކު ވެސް ރާއްޖޭގެ ކެބިނެޓް މިނިސްޓަރަކަށް ބުލީ ނުކުރާ ވަރަށް އަޅުގަނޑަށް ބުލީ ކުރި. ޕާސަނަލް ލެވެލްއެއްގައި އެބަހުރި ފާޑުކިޔައިފަ. އަޅުގަނޑު ހުންނަ ގޮތާއި ލައިފައި ހުންނަ އެއްޗިއްސާއި އަޅުގަނޑު އަންހެނުން އައިވީއެފް ހަދާ ވާހަކައަށް ދާންދެން އެބަ ކިޔާ."

"ފުރަތަމަ ވަރަށް ޗެލެންޖިން ކަމަށްވީ. އެހެން ނަމަވެސް އަޅުގަނޑުގެ އެނާޖީ ހުންނާނެ ރައީސުލްޖުމްހޫރިއްޔާގެ ސްޕީޑާ އެއްވަރަށް މަސައްކަތް ކުރާނަން. ދިވެހިރާއްޖޭގެ ތާރީހުގައި ދިވެހިރާއްޖޭގެ ޓޫރިޒަމަށް ގެނެވޭ އެންމެ ހެޔޮ ބަދަލުތައް ރައީސް މުއިއްޒުގެ ވެރިކަމުގައި ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.

"ދުވަހަކު ވެސް ރާއްޖޭގެ ކެބިނެޓް މިނިސްޓަރަކަށް ބުލީ ނުކުރާ ވަރަށް އަޅުގަނޑަށް ބުލީ ކުރި. ޕާސަނަލް ލެވެލްއެއްގައި އެބަހުރި ފާޑުކިޔައިފަ. އަޅުގަނޑު ހުންނަ ގޮތާއި ލައިފައި ހުންނަ އެއްޗިއްސާއި އަޅުގަނޑު އަންހެނުން އައިވީއެފް ހަދާ ވާހަކައަށް ދާންދެން އެބަ ކިޔާ."

ވޭތުވެދިޔަ 10 ވަރަކަށް އަހަރު ސިޔާސީ މަސައްކަތުގައި އުޅުއްވި ފައިސަލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ޕީއެންސީން އިންތިހާބު ކާމިޔާބު ކުރުމާ އެކު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދެކެވުނީ ކެބިނެޓަށް އަންނާނެ ބައެއްގެ ވާހަކަތަކެވެ. އޭރު ވެސް އެންމެ ގިނަ ބަޔެއްގެ ސަމާލުކަމަށް އައީ ވެރިކަން ކުރާ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ފައިސަލް މިނިސްޓަރު ކަމަށް އަންނާނެ ކަމުގެ ވާހަކަ އެވެ. އަދި އެ މަގާމު އޭނާއަށް ދެނީ ވަކި މީހެއްގެ ދަރިއަކަށް ވާތީ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި އެވެ.

އެކަމަކު ފައިސަލް ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރީ އަބްދުއްރަހީމުގެ ދަރިއަކަށް ވެގެން ނޫން ކަމަށެވެ. ޓޫރިޒަމް ކަހަލަ، ދައުލަތަށް މުހިއްމު މިނިސްޓްރީއެއްގެ ޒިންމާ ރައީސް ހަވާލު ކުރެއްވީ އެކަން ކުރެވޭނެ ކަމުގެ ގާބިލުކަމާއި ޒިންމާ އުފުލޭނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިގައި ހުރިކަން އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ، ނުހެދި ހުރި 25-30 ރަށް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހުޅުވަން މަސައްކަތް ކުރައްވާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތީ އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮވެގެން ކަމަށެވެ.

"އެންމެ ބޮޑު އިކޮނޮމިކް އެކްޓިވިޓީ ހިނގަނީ މި ދާއިރާއިން. އެހެންވީމަ ދާއިރާއަށް ޗޭންޖެއް ގެނައުމާއި ސަރުކާރަށް ހިދުމަތް ކުރުމަށް ޓޫރިޒަމް މިނިސްޓަރު ކަމަށް އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދުނީ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ މާބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް ބިޒްނަސް މެނޭޖްމެންޓުން ފަސްޓް ޑިގްރީ ހާސިލުކުރެއްވި އިރު ތީސިސް ހާއްސަކުރީ ޓޫރިޒަމް ދާއިރާއަށެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ،  ފަސް އަހަރު ތެރޭ ޒުވާނުން ޓޫރިޒަމް ދާއިރާގެ ކާމިޔާބު ވިޔަފާރިވެރިންނަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފައިސަލް ވިދާޅުވީ، މި ފަސް އަހަރު ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހި ޒުވާނުން ޓޫރިޒަމް ދާއިރާ އަށް ވައްދާ، އެ ދާއިރާއިން ކާމިޔާބު ވިޔަފާރިވެރިން އުފެއްދުމަށް ކަމަށެވެ.

މިދިޔަ ދެ ތިން މަސް ދުވަހުގެ ތެރޭ ދާއިރާގައި ކުރެވުނު މަސައްކަތްތަކުން އެންމެ ބޮޑަށް އޭނާ އަށް ފާހަގަވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އަދިވެސް، ހުރި ފުރުސަތުތަކެވެ. އޭނާ ވިދާޅުވީ، ދާއިރާ ފުޅާ ކުރަން ކުރެވެން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

ފައިސަލް ވިދާޅުވީ، މީހުންގެ ފާޑުކިޔުންތައް އެހާ ބޮޑަށް އަމާޒުވުމުން، މިނިސްޓަރު ކަމުގެ މަގާމު އިތުރަށް ފުރިހަމައަށް ކުރުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ. ނޭންގޭ ކަންކަން ވެސް ހުންނާނެ ކަން އޭނާ ގަބޫލު ކުރައްވަ އެވެ. އެހެން ނަމަވެސް، ފަހަތަށް ޖެހުމެއް ނެތި އޭނާ ބޭނުން ވަނީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އެންމެ ބޮޑު ބަދަލެއް ގެންނަ މިނިސްޓަރަކަށް ވާށެވެ.