Roadha Mihaaru

ޓޫރިޒަމަށް 31 ރަށެއް: 30-70 ޕަސެންޓުގެ ޑިސްކައުންޓު

ރާއްޖޭގައި މިހާތަނަށް ޓޫރިޒަމް ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު 31 މަޝްރޫއުއެއް ހިންގަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

29 ޖޫން 2025

ރާއްޖޭގައި މިހާތަނަށް ޓޫރިޒަމް ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު 31 މަޝްރޫއުއެއް ހިންގަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިފަހަރު މަޝްރޫއުތައް ހިންގަން އިއުލާންކޮށްފައި ވަނީ، ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގަ އެވެ.

އެ ރަށްތަކުގެ އަގުތައް ވެސް ވަނީ މީގެކުރިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ގާތްގަނޑަކަށް 30-70 ޕަސެންޓު ހެޔޮކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އޯޕަން ބިޑިން އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްތަކާއި ފަޅުތަކާއި ބިމުގެ ކުއްޔާ ބެހޭ ގަވައިދުގެ ދަށުން އެތަންތަނުގެ ލީޒް އެކުޒިޝަންގެ ހެކްޓަރަކަށް ކަނޑައަޅާފައިވާ ރޭޓުތައް ކުޑަކޮށްފައިވާ ކަމަށެވެ.

ކްލޯޒް ބިޑިންގެ ދަށުން ވެސް ރަށްތަކުގެ އަގުތަކަށް ބޮޑެތި ލުއިތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

ކްލޯޒް ބިޑިންގެ ލުއިތައް:

- ތ އަތޮޅުގެ ރަށްރަށަށް ލޮކޭޝަން ޕްރެމިއަމް އުނިކުރުން.

- ހއ، ހދ ،ށ، ތ އަދި އައްޑު އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުން.

- ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.

- ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސެންޓު ކުޑަކުރުން.

ރަށްތަކުގެ ޕްރީމިއަމް އަކީ، އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ އިރު ހިމަނާ އަގެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ކްރޮސް ސަބްސިޑީ އުސޫލުން ރަށްތަކާއި ފަޅުތައް ދޫކުރާ އިރު 20–40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކޮށްފައިވާ ކަމަށެވެ. އަދި ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް ދެ މިލިއަން ޑޮލަރުން އެއް މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށެވެ.

އޯޕަން ބިޑިން އުސޫލުން އަދި ކްރޮސް ސަބްސިޑީ އުސޫލުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރަން ދޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވައިފި ނަމަ، އެ މުއްދަތުގައި ދައްކަން ޖެހޭ ކުލި ފަސްކޮށްދޭނެ އެވެ. އަދި ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސަންތަ ވެސް 15 ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ.

އޭގެ ތެރޭގައި ރަށްތައް އަދި ފަޅުތައް ތަރައްގީ ކުރުމަށް ފަހު ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް އިން ޑިއުޓީ މައާފްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އެ ލުއިތަކާ އެކު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އަތޮޅުތަކުގައި ޓޫރިޒަމް ފުޅާވެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކްލޯޒް ބިޑިންގެ އުސޫލުން ހއ އަތޮޅުން 2 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ތ އަތޮޅުން 3 ޕްރޮޖެކްޓް، ލ އަތޮޅުން 2 ޕްރޮޖެކްޓް ހުޅުވާލާފައިވެ އެވެ. އަދި އޯޕަން ބިޑިންގެ އުސޫލުން ހއ އަތޮޅުން 3 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ށ އަތޮޅުން 3 ޕްރޮޖެކްޓް، ތ އަތޮޅުން 2 ޕްރޮޖެކްޓް، ލ އަތޮޅުން 1 ޕްރޮޖެކްޓް ހުޅުވާލައިފައިވެ އެވެ.

އޯޕަން ބިޑިންގެ އުސޫލުން ދޫކުރާ ރަށްތަކުގެ އަގުތައް އުޅެނީ 1.5 މިލިއަން ޑޮލަރާއި 2.1 މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

އޯޕަން ބިޑިން، ކްލޯޒް ބިޑިން އަދި ކްރޮސް ސަބްސިޑީ އުސޫލުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ތަރައްގީ ކުރަން ހުޅުވާލި އިރު، އެ މިނިސްޓްރީން ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ފަސް ރަށެއް ނުވަތަ ފަޅެއް ތަރައްގީ ކުރަން ވެސް ހުޅުވާލައިފަ އެވެ.