Roadha Mihaaru
ޔޫއެފާގެ ރައީސް ކެފެރިން އިތުރު ދައުރަކަށް ވާދަނުކުރާނެ

ޔޫއެފާގެ ރައީސް ކެފެރިން އިތުރު ދައުރަކަށް ވާދަ ނުކުރާނެ

09 ފެބުރުއަރީ 2024

ޕެރިސް (ފެބްރުއަރީ 9) – ދެން ބާއްވާ ޔޫއެފާގެ އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށް، އެ އިދާރާގެ މިހާރުގެ ރައީސް އެލެގްޒެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.

ޕެރިސް (ފެބްރުއަރީ 9) – ދެން ބާއްވާ ޔޫއެފާގެ އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށް، އެ އިދާރާގެ މިހާރުގެ ރައީސް އެލެގްޒެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.

އިތުރު ދައުރަކަށް ވާދަ ނުކުރައްވާނެކަމަށް ކެފެރިން އިއުލާން ކުރެއްވީ އޭނާ އަށް އިތުރު ދައުރެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ޔޫއެފާގެ ކޮންގްރެސްގައި އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ. ޔޫއެފާގެ އިންތިހާބު ދެން އޮންނާނީ 2027 ގަ އެވެ.

ކުރީގެ ރައީސް މިޝޭލް ޕްލެޓިނީގެ ދައުރަށް ފަހު ޔޫއެފާއިން ވަނީ، އެ އިދާރާގެ ރައީސްކަން އެކަކަށް ކުރެވޭނީ ހަތަރު އަހަރުގެ ތިން ދައުރު ކަމަށް ކަނޑައަޅައިފަ އެވެ.

މިހާރު ތިން ވަނަ ދައުރު ގުނަމުންދާ، ކެފެރިން އަށް އިތުރު ދައުރަކަށް ކުރިމަތިލެވޭ ގޮތަށް ޔޫއެފާގެ މެންބަރު ގައުމުތަކުން ވޯޓް ދިނީ އޭނާގެ ފުރަތަމަ ދައުރުގައި ހޭދަ ކުރީ ދެ އަހަރާބައިގެ މުއްދަތެއް ކަމަށް ވަތީ އެވެ.

ޕްލެޓިނީއަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު، ފިފާގެ ކޮމިޓީން އޭނާ ސަސްޕެންޑް ކުރުމުން ސެޕްޓެމްބަރު 2016 ގައި ބޭއްވި އިންތިހާބުގައި ރައީސްކަމަށް ކެފެރިން ވަޑައިގަތެވެ. ދެވަނަ ދައުރަކަށް އޭނާ އިންތިހާބު ކުރީ ފުރަތަމަ ދައުރަށް އިންތިހާބު ކުރިތާ ދެ އަހަރާއި ފަސް މަސް ފަހުން، ފެބްރުއަރީ 2019 ގަ އެވެ.

ޔޫއެފާގެ މެންބަރު 54 ގައުމަކުން ބައިވެރިވި ކޮންގްރެސްގައި އެ ހުށަހެޅުމާ ދެކޮޅަށް ވޯޓް ދިނީ އިނގިރޭސި އެފްއޭއިން އެކަންޏެވެ.

އެ އެސޯސިއޭޝަންގެ ރައީސް މާކް ބުލިންހަމް ވިދާޅުވީ އެކަކަށް ރައީސްކަން ކުރެވެން ވާނީ އެންމެ ގިނައިން ދެ ދައުރުގައި ކަމަށެވެ.

އެ ހުށަހެޅުން ފާސްވިތާ މިނެޓެއް ނުވަނީސް ވާހަކަ ދައްކަމުން ކެފެރިން ވިދާޅުވީ ދެން އޮންނަ އިންތިހާބެއްގައި އޭނާ ވާދަ ނުކުރައްވާނެ ކަމަށެވެ.

"މީގެ ހަ މަސް ކުރިން އަހަރެން ނިންމައިގެން ހުރީ ދެން ވާދަނުކުރަން. ސަބަބަކީ ދުވަސްކޮޅަކަށް ފަހު ކޮންމެ ޖަމިއްޔާއަކަށް ވެސް އާ ހިޔާލާއި ތާޒާ ލީޑަރަކު ބޭނުންވާތީ، އެކަމަކު މައިގަނޑު ސަބަބަކީ މިހާރު ހަތް އަހަރު ވަންދެން އާއިލާއާ ދުރުގައި ހުރުން،" ކެފެރިން ވިދާޅުވި އެވެ.

"އަހަރެން ގަސްދުގައި ކުރިން މި ވާހަކަ ހާމަކުރަން ބޭނުން ނުވީ. ފުރަތަމަ ކަމަކަށް ބައެއް މީހުންގެ ހަގީގީ މޫނު ބަލަން އަހަރެން ބޭނުންވި. އަހަރެންނަށް އެކަން ފެނިއްޖެ."