Roadha Mihaaru
އޮލިމްޕިއާކޯސްއަށް ކޮންފަރެންސް ލީގު ކާމިޔާބު

އޮލިމްޕިއާކޯސް އަށް ކޮންފަރެންސް ލީގު ކާމިޔާބު، ގްރީސް އަށް ޔޫރަޕްގެ ކްލަބް މުބާރާތެއްގެ ފުރަތަމަ ތަށި

30 މެއި 2024

އެތެންސް (މެއި 30) – ފިއޮރެންޓީނާ ބަލިކޮށް ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ގްރީސްގެ އޮލިމްޕިއާކޯސްއިން ހޯދައިފި އެވެ.

އެތެންސް (މެއި 30) – ފިއޮރެންޓީނާ ބަލިކޮށް ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ގްރީސްގެ އޮލިމްޕިއާކޯސްއިން ހޯދައިފި އެވެ.

އޮލިމްޕިއާކޯސްގެ މި ކާމިޔާބާ އެކު އެ ޓީމުން ވަނީ، 20 އަހަރަށް ފަހު ގްރީސް އަށް ޔޫރަޕްގެ ތައްޓެއް ހޯދައި ދީފަ އެވެ. މިއީ ޔޫރަޕްގެ ކްލަބް މުބާރާތެއްގެ ތަށި ގްރީސްގެ ޓީމަކުން ހޯދި ފުރަތަމަ ފަހަރެވެ. ގްރީސްގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ 2004 ގެ ޔޫރޯ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ރޭ ކުޅުނު މެޗަށް ނުކުތް އިރު ފޭވަރިޓުންގެ ގޮތުގައި އޮތީ ފިއޮރެންޓީނާ އެވެ. އެ ޓީމުން ވަނީ މިދިޔަ ސީޒަނުގައި ވެސް މި މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ. އެ ފަހަރު ފައިނަލުގައި އެ ޓީމު ބަލިވީ ވެސްޓް ހޭމް ޔުނައިޓެޑް އަތުންނެވެ.

އޮލިމްޕިއާކޯސްގެ ލަނޑު ޖެހި އައްޔޫބް އަލް ކާބީ

އޮލިމްޕިއާކޯސްގެ ލަނޑު ޖެހި އައްޔޫބް އަލް ކާބީ

މިފަހަރު ފޭވަރިޓުންގެ ލަގަބު ލިބުނަސް، އަމިއްލަ ގައުމުގެ ވެރިރަށުގައި ކުޅުނު އޮލިމްޕިއާކޯސްއިން ވަނީ މެޗުގެ އިތުރު ވަގުތުގެ ދެ ހާފު ކުޅެ މެޗުގެ ހަމައެކަނި ސައްހަ ލަނޑު ޖަހައިފަ އެވެ.

މެޗު ފެށިގެން ނުވަ މިނެޓްގައި ނިކޮލާ މިލެންކޮވިޗް ފިއޮރެންޓީނާ އަށް ލަނޑު ޖަހައި ދިން ނަމަވެސް އޮފްސައިޑް ވެފައިވުމުން އެ ލަނޑު ބަލައެއް ނުގަނެ އެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި އޮލިމްޕިއާކޯސްގެ އައްޔޫބް އަލް ކާބީ ލަނޑު ޖަހައި ލީޑް ނަގައި ދިނެވެ. އޭނާ ލަނޑު ޖެހީ ސެންތިއާގޯ ހޭޒް ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.