Roadha Mihaaru
ފްލެޓް ދޭނެ ކަމަށް ބުނެ ނެގި ފައިސާ 7 އެކައުންޓަށް!

ފްލެޓް ދޭނެ ކަމަށް ބުނެ ނެގި ފައިސާތައް ހަތް އެކައުންޓަކަށް!

09 ފެބުރުއަރީ 2024

ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގއ. ވިލިނގިލީގެ މީހެއްގެ ބޭންކް އެކައުންޓުން ދެ ލައްކަ ރުފިޔާ މަކަރާ ހީލަތުން ޖަމާކޮށްފައިވާ ވަނީ ހަތް އެކައުންޓަކަށްކަން ހާމަވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގއ. ވިލިނގިލީގެ މީހެއްގެ ބޭންކް އެކައުންޓުން ދެ ލައްކަ ރުފިޔާ މަކަރާ ހީލަތުން ޖަމާކޮށްފައިވާ ވަނީ ހަތް އެކައުންޓަކަށްކަން ހާމަވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލާގައި ފުލުހުން ބުނެފައިވަނީ މަކަރާއި ހީލަތުން ދެ ލައްކަ ރުފިޔާ ނެގި މައްސަލަ ހުށަހެޅީ އެ ދުވަހުގެ ހަވީރު ކަމަށާއި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ އެކަން ދިމާވި މީހާގެ ފިރިމީހާ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބޭންކް ސްޓޭޓްމަންޓުން ދައްކާ ގޮތުގައި ދެ ލައްކަ ރުފިޔާ ހަމަކޮށްފައި ވަނީ ހަތް އެކައުންޓަކަށް އެކި މިންވަރަށް ފައިސާ ޖަމާކޮށްގެންނެވެ.

އޭގެ ތެރޭގައި ހަތަރު އަންހެނަކާއި ތިން ފިރިހެނެއްގެ އެކައުންޓު ހިމެނެ އެވެ. އެންމެ ދުވަހެއްގެ ތެރޭގައި އެ އެންމެންގެ އެކައުންޓަށް އެހާ ގިނަ ފައިސާ ފޮނުވާފައިވަނީ އީމެއިލަށް އައި ޕާސްވޯޑެއްގެ މައުލޫމާތު ހޯދުމަށްފަހު އެކު އެވެ.

އޭނާގެ ފިރިމީހާ، "މިހާރު" އަށް ބުނީ މިކަމެއް ހިނގީ އަނބިމީހާއަށް އޮޅުމެއްގެ ތެރެއިން އީމެއިލަށް އައި ޕާސްވޯޑު ދެވުމުން ކަމަށެވެ. ބޭންކް އެކައުންޓުން ޖަމާކުރި މީހުން އެނގޭއިރު އެކަމުގައި ރަށުގެ ބަޔަކު ހިމެނޭ ކަމަށް ވެސް އޭނާ ބުނެ އެވެ. އޭނާ ބުނި ގޮތުގައި އެ ފައިސާ އޭޓީއެމުން ނަގާފައި ވަނީ އެ މީހުންނެވެ.

"ރަށުގެ ދެތިން ހަތަރު ކުއްޖަކު އެބަ އުޅޭ މީހުންގެ ތެރޭގައި. ޖަމާކުރީ ވަކި ބައެއްގެ އެކައުންޓަށް. ދެން މި ފައިސާ އޭޓީއެމުން މި ނަގާފައި ހުރީ ރަށުގެ ކުދިން،" އޭނާ ބުންޏެވެ.

ބޭންކް ސްޓޭޓްމަންޓްުން ފައިސާ ޖަމާކުރި ކަމަށް ދައްކާ އެކައުންޓުތައް.

ބޭންކް ސްޓޭޓްމަންޓްުން ފައިސާ ޖަމާކުރި ކަމަށް ދައްކާ އެކައުންޓުތައް.

އެޗްޑީސީގެ ނަމުގައި ގުޅައި، ފްލެޓް ލިބުނު ކަމަށް ބުނެ ފައިސާ ހޯދިއިރު އެމީހުން ފްލެޓަށް ކުރިމަތި ނުލަ އެވެ.

ސްކޭމްގައި ބައިވެރިވި މީހުންނަށް ޖަމާކުރި ފައިސާ:

- ފާތިމަތު އީނާޝް ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް 50،000ރ. ޖަމާކޮށްފައިވޭ

- އައިޝަތު ހިކުމާ އިބްރާހިމްގެ އެކައުންޓަށް ވެސް 50،000ރ. ޖަމާކުރި

- މަރިޔަމް ސިބާނާ ކިޔާ މީހާގެ އެކައުންޓަށް ޖަމާކުރީ 20،000 ރުފިޔާ

- މުނީރާ މުހައްމަދު ކިޔާ މީހަކަށް ފޮނުވީ 25،000 ރުފިޔާ

- އިމްރާން މުހައްމަދުގެ އެކައުންޓަށް 25،000ރ. ޖަމާކުރި

- ޝިހާމް އިބްރާހިމްގެ އެކައުންޓަށް 25،000ރ. ޖަމާކޮށްފައިޥޭ

- ހަސަން ފިރުޝާންގެ އެކައުންޓަށް ފޮނުވާފައި ވަނީ 5،000 ރުފިޔާ

ބޭންކް އޮފް މޯލްޑިވްސްގެ އެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާ މީހުން ސީދާ އެނގެން އޮތަސް، އެ މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހާ ބުނިގޮތުގައި ތަހުގީގު ލަސްވެފައި ވަނީ ބޭންކުން ލިބެން ޖެހޭ ލިޔުންތަކެއް ބަންދު ދުވަސްތަކެއް އައުމުން ނުލިބި އޮތުމުން ކަމަށް ބެލެވެ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި އިންތިހާއަށް ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އޭގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ އެވެ.