ތައުލީމީ ސެޓްފިކެޓް ފޯޖުކުރާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
24 އޯގަސްޓް 2025
ތައުލީމީ ސެޓްފިކެޓް ފޯޖުކުރާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައިކުރުމަށް ސައްހަ ނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލ،ި އެ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި އަދި އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް، ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައްހަ ނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި ނަކަލުކުރުމާއި އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމުގެ ކުށާއި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމުގެ ކުށާއި އަދި 312 ވަނަ މާއްދާގެ ދަށުން ޝަހުސު އޮޅުވާލުމުގެ ޖިނާއީ ކުށެއްކަން ފުލުހުންގެ ބަޔާނުގައިވަނީ ހަނދާންކޮށްދީފަ އެވެ.
ފުލުހުން ބުނީ އެފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލަ، ގާނޫނުލްއުގޫބާތުގެ އެ މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިފަދަ ކަންކަމާ މެދު، ވަޒީފާދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ ހުރިހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ފުލުހުން ބުނީ ވަޒީފާ ދޭ ފަރާތްތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ސަރުކާރުގެ މުއައްސަސާތަކުން އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އަދި ސައްހަ ނޫން ސެޓްފިކެޓެއް ކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެމްކިއުއޭ ނުވަތަ ގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ފުލުހުންނަށް ރިޕޯޓްކުރުމަށް ވެސް އެދިފައިވެ އެވެ.
ސެޓްފިކެޓް ފޯޖުކުރާ މައްސަލާގައި ފުލުހުން ތަހުގީގެއް ފެށިއިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ގާނޫނީ ވަކީލުކަމުގެ ހުއްދައެއް އަމިއްލައަށް ހަދައިގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
ވަގު ސެޓްފިކެޓްތަކުގެ ތަހުގީގު ލަސްވާތީ ކަންބޮޑުވުން!
ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
ސްކޭމްގެ ތުހުމަތެއްގައި މީހަކާ ދެކޮޅަށް އަޑުއުފުލަނީ
ބައި މިލިއަންގެ ސްކޭމެއް، 22 ފޯނު އަތުލައިގެންފި
ފްލެޓް ދޭނެ ކަމަށް ބުނެ ނެގި ފައިސާ 7 އެކައުންޓަށް!
މަންޑޭގެ މުދާ ހިފަހައްޓަން ނެރުނު އަމުރު ބާތިލެއްނުކުރި