Roadha Mihaaru
މައްސަލަ ނެތް ފްލެޓްތަކުގެ ލިސްޓެއް މިނިސްޓްރީއަށް

ފްލެޓަށް ޝަރުތު ހަމަވެ މައްސަލަ ނެތް ފޯމުތަކުގެ ލިސްޓެއް އޭސީސީން މިނިސްޓްރީ އަށް ފޮނުވައިފި

10 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކަށް ޝަރުތު ހަމަވެ، އެއްވެސް އިތުރު މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކަށް ޝަރުތު ހަމަވެ، އެއްވެސް އިތުރު މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ފޮނުވައިފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.

އެ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވާތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފުކުރި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ މި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.

މި ފްލެޓްތައް ދޫކުރުމުގައި ކުރީގެ ސަރުކާރުން ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައިވާ ކަމަށް ބުނެ ފެންމަތިވި މައްސަލަތަކާ އެކު އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު، އެ ކޮމިޝަނުން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ.

ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގަ އެވެ.

މި ފްލެޓް ލިސްޓާ ގުޅިގެން ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ މީހުން ޝަކުވާ ހުށަހެޅި އެވެ.

ފްލެޓް ލިސްޓާ ގުޅޭ ތަހުގީގަށް ފަހު އޭސީސީން ހައުސިން މިނިސްޓްރީ އަށް ލަފާ ދިނީ ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދިނުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.