Roadha Mihaaru
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ

4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ: އޭސީސީ

05 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ކުރި ތަހުގީގަށް ފަހު އޭސީސީން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ވަނީ އެ ކޮމިޝަނުން ކުރި ތަހުގީގުގެ ތަފުސީލު ހާމަކޮށްފަ އެވެ.

އޭސީސީން ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނީ އެ ކޮމިޝަނުން ކުރި ތަހުގީގުގައި ޖުމްލަ 4،048 ފޯމެއް ބެލި ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، ތަހުގީގު ބެލި ފޯމުތަކުގެ ތެރެއިން 59.6 ޕަސެންޓް ފޯމުގެ ޝަރުތު ހަމަނުވެ އެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ.

ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައި ކަމަށާއި ޝަރުތު ހަމަވި ނަމަވެސް، މައްސަލަ ހުރީ 19.7 ޕަސެންޓް ފޯމުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އެއީ ގާތްގަނޑަށް 1،600 ފްލެޓެވެ.

ފޯމުތަކުގައި ހުރި މައްސަލަތައް

• 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމުވާ ގިނަ ބަޔަކު ހިމަނާފައިވޭ.

• ފޯމުތަކުގައި ދީފައިވާ މައުލޫމާތު ފުށުއެރުން.

• ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން.

• ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅި.

• ޕޮއިންޓްދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ޕޮއިންޓް ދީފައިވޭ.

• ގިނަ ފަރާތްތަކެއް ހައްގު ގެއްލުމުގެ އިހުތިމާލު އޮތްކަން ފާހަގަކުރެވުނު.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓް ލިބިފައިވާ މީހުންނާއި އެގްރިމެންޓް ހަދައި ލިޔުން ދީފައިވާ މީހުންނާ ދޭތެރޭ ދެން ހަދާނެ ގޮތެއް އެނގޭނީ ހައުސިން މިނިސްޓްރީ އަށް ކަމަށާއި އެއީ އޭސީސީގެ މެންޑޭޓްގެ ތެރޭގައި އޮތް ކަމެއް ނޫން ކަމަށެވެ.

ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ މެމްބަރުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ މެމްބަރުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4،000 މީހުންގެ ލިސްޓް އާއްމުކުރުމާ އެކު ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ. ދިރިއުޅުމުގެ ހާލަތު ނުބަލައި ޕޮއިންޓް ދީފައި ހުރި އިރު، ސައްހަ ނޫން މައުލޫމާތު ހުށަހެޅި ގިނަ ބަޔަކަށް ވެސް ފްލެޓް ދީފައިވާ ކަމުގެ ތުހުމަތު ކުރި އެވެ. އަދި އެ މައްސަލަ އޭސީސީން ބަލަން ފަށައި، މި ލިސްޓަށް ފްލެޓް ދިނުން ހުއްޓުވި އެވެ.

އޭސީސީގެ ތަހުގީގު ލަސްވެ، ފްލެޓްތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އަށް ގޮތެއް ނުނިމި ވަނިކޮށް އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފްލެޓްތައް ދޫކުރުން ކުރިއަށް ގެންދަން އަލުން ހުއްދަ ދީފަ އެވެ. އޭސީސީން ހައުސިން މިނިސްޓްރީ އަށް އެންގީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާންކުރި ފްލެޓް ދޫކުރުމުގައި ވަކި ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ކުރިއަށް ގެންދިއުމަށެވެ.