Roadha Mihaaru
ސުޕްރީމްކޯޓުގެ އަމުރަށް ތަބާނުވާން މަޖިލިހުން ނިންމައިފި

ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް އަމަލު ނުކުރަން މަޖިލީހުން ނިންމައިފި

11 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް އަމަލު ނުކުރާނެކަން އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެންމެ އިއުލާން ކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް އަމަލު ނުކުރާނެކަން އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެންމެ އިއުލާން ކުރައްވައިފި އެވެ.

އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަދަލު ކުރުމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރަން މަޖިލީހުގެ ތަޅުމުން މިއަދު ނިންމުމާ ގުޅިގެންނެވެ.

މަޖިލީހުގައި އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވީ 45 މެންބަރުންނެވެ.

އެ އިސްލާހު ފާސްވުމާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޖުމްލަ އަދަދު އަނެއްކާވެސް ގުނަމުންދާނީ އިސްލާހުގައިވާ ގޮތުގެ މަތިން ކަމަށާއި އެ އަދަދަކީ 80 ކަމަށެވެ.

މަޖިލީހުން ހުސްވެފައިވާ ދާއިރާތަކުގެ ގޮނޑިތައް ނުލައި ޖުމްލަ އަދަދު ގިނައި، ކޯރަމް ގުނާ ގޮތަށް ނިންމީ އިހަވަންދޫ ދާއިރާގެ މެންބަރު، މަޖިލީހުގެ ގަވައިދަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރުމާ އެކު އެވެ. ކޮމިޓީން އެގޮތަށް ނިންމި ފަހުން މަޖިލީހުގެ ޖުމްލަ އަދަދު ގުނަމުން ދަނީ 80 ކަމަށެވެ.

އާންމު ކޮމިޓީން ނިންމާ ނިންމުންތަކަކީ އާންމު ގޮތެއްގައި މަޖިލީހުގެ ތަޅުމުން ފާސްކުރާ ނިންމުންތަކެއް ނޫނެވެ. ނަމަވެސް، މިއަދުގެ ޖަލްސާގައި އާންމު ކޮމިޓީން ގަވައިދަށް ގެނައި އިސްލާހުތައް ފާސްކުރަން ވޯޓަށް ވަނީ އަހާފަ އެވެ.

އެ ވޯޓަށް އަދި މިއަދު ދެން ނެގި ދެ ވޯޓަށް ޖުމްލަ މެންބަރުންގެ އަދަދު ގުނީ 87 ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން އެގޮތަށް ޖުމްލަ މެންބަރުންގެ އަދަދު ގުނަން އަމުރުކޮށްފައި އޮތުމުންނެވެ. ނަމަވެސް، އާންމު ކޮމިޓީގެ ނިންމުން ތަޅުމުން ފާސްވުމާ އެކު އަސްލަމް ވިދާޅުވީ، ދެން ޖުމްލަ މެންބަރުންގެ އަދަދު ކަމަށް އަނެއްކާވެސް ބަލާނީ 80 ކަމަށެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކާއި ގަވައިދަށް ގެންނަ އިސްލާހުތަކާ މެދު ސުޕްރީމް ކޯޓަށް ބަސް ނުކިޔޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވެސް ވިދާޅުވީ ސްޕްރީމް ކޯޓުން ވަގުތީ އަމުރު ނެރެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން އޮތީ މަޖިލީހުގެ ކޯރަމަކީ ކޮބައިކަން އެނގިގެންނެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަށް ބާރު ފޯރުވުމުގެ ބާރު އެއްވެސް ފަރާތަކަށް ނޯންނަ ކަމަށާއި އެހެންވެ މެމްބަރުންގެ އަދަދު ގުނާ މެދު ވެސް ގޮތް ނިންމާނީ ވެސް މަޖިލީހުން ކަމަށެވެ.

ނަމަވެސް، މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ކޯޓެއްގައި ޝަރީއަތް ހިނގަމުން އަންނަ މައްސަލައަކާ ގުޅިގެން ބަހުސް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުން ސާފުކޮށް އެނގެން އޮތް ކަމަށެވެ. އޭނާގެ ކަންބޮޑުވުމަކަށް ވީ މަޖިލީހުގައި އެ މައްސަލާގައި މިއަދު ބަހުސްކުރުމެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނީ، މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީގެ އެ މާއްދާތަކާ ހިލާފު އިސްލާހުތަކެއް ކަމަށް ދައުލަތުން ބުނާއިރު، އެ މާއްދާތަކަށް އަމަލު ކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

"..އެހެނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަންގަންދެން ފެށުނީންސުރެ މަޖިލީހުން އަމަލު ކުރަމުންދިޔަ ގޮތް ދެމިއޮންނަން ޖެހޭ ކަމުގައި ދެކެން،" އަމުރުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ ގާނޫނުއަސާސީގައި ވަކި އަދަދެއް ކަމަށް ކަނޑައަޅާފައި އޮތް ކަމެއް ނޫނެވެ. އޮތީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ޖުމްލަ މެންބަރުން ކަނޑައަޅާނެ އުސޫލެވެ. އެ އުސޫލުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 87 އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހެ އެވެ.

އެހެންކަމުން، ކޮންމެ މަޖިލީހެއްގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅެނީ މި އިދާރީ ދާއިރާތަކާއި މީހުންގެ އާބާދީ އަށް ބެލުމަށް ފަހު އެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުންގެ ޖުމްލަ އަދަދު ގުނާނެ ހަމައަކީ އެއީ އެވެ.

ނަމަވެސް، އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއުގެ ހުށަހެޅުން އައީ މަޖިލީހުގައި ބާކީ އޮތް މުއްދަތަށް، މެންބަރުންގެ އަދަދު ވަކި އުސޫލަކުން ގުނާށެވެ. އެއީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވުމާ އެކު، އެ ގޮނޑިތައް ހުސްވެފައި ވާތީ އެވެ.