Roadha Mihaaru
ސުޕްރީމް ކޯޓުން އުޅެނީ އިންތިޚާބު ފިކްސްކުރަން:އެމްޑީޕީ

ސުޕްރީމް ކޯޓުން އުޅެނީ އިންތިޚާބު ފިކްސް ކުރަން: އެމްޑީޕީ

26 ފެބުރުއަރީ 2019

ސުޕްރީމް ކޯޓުން މީގެ ފަސް އަހަރު ކުރިން ރިޔާސީ އިންތިޚާބުގެ ތާރީހަށް ބަދަލު ގެނައި ގޮތަށް އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު "ފިކްސް" ކުރުމަށް އެ ކޯޓުން މަސައްކަތް ކުރާ ކަމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުން މީގެ ފަސް އަހަރު ކުރިން ރިޔާސީ އިންތިޚާބުގެ ތާރީހަށް ބަދަލު ގެނައި ގޮތަށް އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު "ފިކްސް" ކުރުމަށް އެ ކޯޓުން މަސައްކަތް ކުރާ ކަމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުންނަށް ވެސް އެ އިންތިޚާބަށް ނުކުތުމަށް ފަހިވާ ގޮތަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އެ ހުކުމާ ގުޅިގެން އަމިއްލަ ގޮތުން ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުއްޓެވެ.

އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން އިންތިޚާބުގެ ތާރީހުތަކަށް ބަދަލު ގެނެސްގެން ވަކި ބަޔަކު ބޭނުންވާ ގޮތަށް އިންތިޚާބު "ފިކްސް" ކުރުމުގައި ވަރަށް ބޮޑެތި ދައުރުތަކެއް އަދާކުރި ކަމަށެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

"އެއީ ދިވެހި ރައްޔިތުން ދަންނަ ކަމެއް. އަނެއްކާ ވެސް އެބޭފުޅުން (ސުޕްރީމް ކޯޓު) ފެއްޓެވީ އެކަހަލަ މަޝްރޫއެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

"އެއީ އެއްގޮތަކަށް ވެސް ސުޕްރީމް ކޯޓުން ކޮށްގެން ވާނެ ކަމެއް ނޫން."

ހަސަން ލަތީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމުގެ ޔަގީން ކަން އިލެކްޝަނަށް ދީފައިވާ ކަމަށެވެ. ނަމަވެސް، އެމްޑީޕީން ކުރަން ނިންމާފައިވާ ކަންކަމުގެ ތަފްސީލެއް ހަސަން ލަތީފް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންތިޚާބުގެ ވަކި ތާރީހުތަކެއް އިލެކްޝަނުން ކަނޑައަޅާފައި އޮއްވައި ކޯޓުތައް މެދުވެރިވެގެން ތާރީހުތަކަށް ބަދަލު އަންނަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އިލެކްޝަންސް ކޮމިޝަންގައި އޮންނަން ޖެހޭ މުސްތަގިއްލުކަން ގެއްލިގެން އެބަދޭ. އެއީ އަޅުގަނޑުމެން ކަންބޮޑުވެ، އެކަމަށް ހައްލު ހޯދަން ޖެހޭ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް ސުޕްރީމް ކޯޓަށް ވެސް ކަންކަން ނިންމުމުގެ ބާރު އޮތް ކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ "އެޖެންޑާ 19" ގެ ތެރެއިން އުފެދިގެން އަންނަ ގާނޫނުތަކަކީ ސުޕްރީމް ކޯޓަށް ޗެލެންޖް ނުކުރެވޭ ގޮތަށް އުފެދޭ ގާނޫނުތަކަށް ހަދަން ބޭނުންވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި، އެ ޕާޓީގެ މުހިންމު އަދި މިހާރުގެ ބައެއް މެމްބަރުން ކެޓިއިރު، ސުޕްރީމް ކޯޓުގެ މި ހުކުމާއެކު، މަޖިލިހުގެ އިންތިޚާބަށް އެބޭފުޅުން ކުރިމަތިލައްވާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މިއީ، މިހާރު އެ ދާއިރާތަކަށް ޕްރައިމަރީން ހޮވިފައިވާ ކެންޑިޑޭޓުންނަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވެސް ވެެދާނެ އެވެ.

ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، މި ފަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިންތިޚާބީ ތާރީހުތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެނައީ އެ ޕާޓީ އަށް އަމާޒުކޮށް، ގެއްލުން ދިނުމުގެ ގޮތުންނެވެ. އަދި މިއީ ވަކި ބަޔަކަށް ސިޔާސީ ގޮތުން މަންފާއެއް ހޯދައިދިނުމަށް ސުޕްރީމް ކޯޓުން ކުރި ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީހުތަކާ އެއްގޮތަށް އިންތިޚާބު ބޭއްވުމަކީ ކޮންމެހެން ލާޒިމުކަމަކަށްވާތީ، އެގޮތަށް އަމަލުކުރުމުގެ ބާރު ކޮމިޝަނަށް ލިބެން ޖެހޭ ކަމަށް އެމްޑީޕީން ބުންޏެވެ.