Roadha Mihaaru
ކޯޓާއި މަޖިލިސް ވަކިވާ ހަނި ރޮނގުގެ ފުޅާ ބަހުސް!

ސުޕްރީމް ކޯޓާއި މަޖިލީހުގެ ބާރު ވަކިކުރާ ހަނި ރޮނގުގެ ފުޅާ ބަހުސް!

12 ފެބުރުއަރީ 2024

ރާއްޖޭގައި މި އޮތް ތިން ބާރު ވަކިވެފައިވާ ނިޒާމު ނުވަތަ "ސެޕަރޭޝަން އޮފް ޕަވާސް"ގެ ތެރެއިން އެއް ބާރާއި އަނެއް ބާރާ ދެމެދު އޮތީ ވަރަށް ހަނި ރޮނގެއް ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އެ ހަނި ރޮނގަކީ ކޮންމެ ބާރަކުން ވެސް އިހްތިރާމްކޮށް، އެހެން އެއްވެސް ބާރަކުން ހުރަސްކޮށްގެން ވާނެ ރޮނގެއް ވެސް ނޫނެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި މި އޮތް ތިން ބާރު ވަކިވެފައިވާ ނިޒާމު ނުވަތަ "ސެޕަރޭޝަން އޮފް ޕަވާސް"ގެ ތެރެއިން އެއް ބާރާއި އަނެއް ބާރާ ދެމެދު އޮތީ ވަރަށް ހަނި ރޮނގެއް ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އެ ހަނި ރޮނގަކީ ކޮންމެ ބާރަކުން ވެސް އިހްތިރާމްކޮށް، އެހެން އެއްވެސް ބާރަކުން ހުރަސްކޮށްގެން ވާނެ ރޮނގެއް ވެސް ނޫނެވެ.

އެކަމަކު، މި ވަގަތު ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ތިން ބާރުގެ މެދުގައި އޮތީ ހައިޖާނު އުފެދި، ބާރުތަކުގެ މެދުގައި ދަމާފައިވާ ހަނި ރޮނގު ހުރަސްކޮށް، ބާރުގެ ނަހަމަ ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުމެވެ. ރައްޔިތުންގެ މަޖިލީހުން ތިން މިނިސްޓަރަކަށް ރުހުން ނުދިނުމުން، އެ ނިންމުމަށް ނުބަލައި ހަމަ އެ މިނިސްޓަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޔަން ކުރައްވައިފަ އެވެ.

މިހެން ކަން ހިނގާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާނެ ގޮތާ މެދު އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތައް ސަރުކާރު ހިންގާ ބާރަށް ކަމުނުގޮސްގެން، ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލާގައި އެ އިސްލާހަށް އަމަލު ނުކުރަން އަންގައި ސުޕްރީމް ކޯޓުން މިހާރު ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރަށް ގޮންޖައްސަވައި، އެއަށް ތަބާނުވާން ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.

މުޅިން ވެސް އޮތީ ތިން ބާރުގެ މެދުގައި އަރާރުމެވެ. މި އަރާރުންތައް އުފަންވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި، އެއް ބާރުން ނިންމާ ނިންމުންތަކަށް އަނެއް ބާރުން އިހްތިރާމް ނުކޮށް، ބާރުގައި ހުރި ވަރު ދައްކަން އުޅޭތީ އެވެ.

"ދައުލަތުގެ ތިން ބާރު ވަކިކޮށް ގާއިމްކޮށްފައި ވާއިރު ފާރަވެރިވުމަށާއި ޖަވާބުދާރީކުރުވުމަކީ ކުރަންޖެހޭ ކަމެއް. ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ބާރުގެ ތަރަހައިގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހްތިރާމްކުރަން ޖެހޭނެ. އެކަން އެގޮތަށް ނުކުރުމަކީ ދައުލަތުގެ ހަމަ ގެއްލިގެންދާނެ ކަމެއް. އެއީ މި ދައުލަތަށް ހެވަކަށް ވާނެ ކަމެއް ވެސް ނޫން. މި ދިވެހި ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް ބާރުގައި ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް، މޮޅެއް ނެތް،" ރުހުން ނުދިން މައްސަލާގައި ރައީސަށް ނުސީދާކޮށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވެފައިވެ އެވެ.

އަސްލަމް އެހެން ވިދާޅުވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެ މަޖިލީހުން ގުނަމުން ދިޔަ ގޮތް ބަދަލުކޮށް އިހު އޮތް ގޮތަށް އަމަލުކުރަން އެންގުމުން ބަހުސް ފުޅާވީ މަޖިލީހާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނެކަމާއި މަޖިލީހުގެ މަސައްކަތްތަކާއި ނިންމުންތަކަށް އެހެން ބަޔަކަށް ބަސް ބުނެވޭނެކަމާ މެދު އެވެ.

ކޯޓަށް ބަސް ކިޔޭނީ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފުވުމުން އެކަނި

މިކަމުގައި ބަހުސްކުރަން އޮތް މާއްދާ އަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އެވެ. އެ މާއްދާގައި ބުނަނީ ގާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ ކަމަށެވެ.

އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓާ ދެމެދު އޮތް ހަނި ރޮނގު ހުކުމެއްގައި ވަރަށް ތަފްސީލްކޮށްދެއްވައިފަ އެވެ. ޑރ. މުހައްމަދު ޖަމީލު ނައިބު ރައީސްކަމުން ވަކިކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ ހުށަހެޅުއްވި މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ 88 ވަނަ މާއްދާގެ (ށ) އަކީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގައި ހިނގާ ކަމެއް ކޯޓަށް ހުށަހެޅުން ހުރަސްއަޅާ މާއްދާއެއް ނޫން ކަމަށެވެ.

މާއްދާގެ ދަށުން މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒު ހިމާޔަތް ކުރެވިފައިވަނީ ގާނޫނުއަސާސީގައި އެކަމަށް ތަންދޭ މިންވަރަށް ކަމަށާއި މަޖިލީހުން މި އިމްތިޔާޒުތައް ބޭނުންކުރުމުގައި ގާނޫނުއަސާސީއާ ހިލާފުވާ ހާލަތެއްގައި މެނުވީ، ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަކީ ނުވަތަ ހިނގާ ކަންކަމަކީ ކޯޓުތަކަށް އެކަމާ މެދު ގޮތް ކަނޑައެޅޭނެ ނިންމުންތަކެއް ނޫން ކަމަށް އެ ހުކުމްގައިވެ އެވެ. އަދި މަޖިލީހުގެ ނިންމުންތަކާ މެދު އެގޮތަށް ކޯޓުން ގޮތް ކަނޑައަޅާ ނަމަ މަޖިލީހުގެ ބާރު ހަނިވާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު: މަޖިލީހުގެ ގަވައިދުގެ މައްސަލައިގައި ވަގުތީ އަމުރު ނެރެން އަޣުލަބިއްޔަތު ލިބުނީ ފަނޑިޔާރުގެ ރައުޔަކަށް - ފޮޓޯ: ނިޝާން އަލީ / މިހާރު

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު: މަޖިލީހުގެ ގަވައިދުގެ މައްސަލައިގައި ވަގުތީ އަމުރު ނެރެން އަޣުލަބިއްޔަތު ލިބުނީ ފަނޑިޔާރުގެ ރައުޔަކަށް - ފޮޓޯ: ނިޝާން އަލީ / މިހާރު

ފަނޑިޔާރު އަޒްމިރަލްދާގެ މި ރައުޔުން އެނގޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމަކީ އެއީ ގާނޫނުއަސާސީއާ ހިލާފު ނިންމުމަކަށް ނުވާ ނަމަ، އެއީ އެ ބާރުގެ އިމްތިޔާޒުގެ ތެރެއިން ނިންމާފައި އޮންނަ ސައްހަ ގާނޫނީ އަދި އޭގެ މައްޗަށް އަމަލުކުރަން ޖެހޭނެ ނިންމުމެއް ކަމެވެ. ކޯޓަށް ބެލޭނީ ސިޔާސީ ސުވާލެއްގެ މައްޗަށް ނެތް، ގާނޫނުއަސާސީއާ ހިލާފު އަމަލެއް އުޅޭ ނަމަ އެކަމެއް އެކަންޏެވެ.

މިހާރު ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ވެސް އެ ހުކުމްގައިވާ ހަމަތަކުގެ މަތިން މަޖިލީހުގެ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ބުނެ، އެކަން ބާތިލް ކުރުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ ގާނޫނުއަސާސީގައި ވަކި އަދަދެއް ކަމަށް ކަނޑައަޅާފައި އޮތް ކަމެއް ނޫނެވެ. އޮތީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ޖުމްލަ މެންބަރުން ކަނޑައަޅާނެ އުސޫލެވެ. އެ އުސޫލުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 87 އެވެ.

ނަމަވެސް، އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއުގެ ހުށަހެޅުން އައީ މަޖިލީހުގައި ބާކީ އޮތް މުއްދަތަށް، މެންބަރުންގެ އަދަދު ވަކި އުސޫލަކުން ގުނޭ ގޮތަށެވެ. އެއީ މެންބަރުން އިންހާބުކުރަން ވަގުތު އޮތަސް، މެންބަރުކަން ހުސްވެފައިވާ ކޮންމެ ހާލަތެއްގައި ވެސް އެ ދާއިރާއެއް ނުހިމަނައި މަޖިލީހުގެ ޖުމްލަ އަދަދު ގުނާ ގޮތަށެވެ. މިގޮތަށް އިސްލާހުކުރީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވުމާ އެކު، އެ ގޮނޑިތައް ހުސްވެފައި ވާތީ އެވެ. އެގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހުކޮށް ޖުމްލަ މެންބަރުން ކަމުގައި ގުނަމުން މިހާރު ދަނީ 80 ކަމަށެވެ. ބަންޑާރަ ނައިބު ގަބޫލުކުރައްވާ ގޮތުގައި އެ ގޮތް ގާނޫނުއަސާސީއާ ހިލާފެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި އަޣުލަބިއްޔަތު ލިބުނު ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ރައުޔުގައި ވަނީ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީގެ އެ މާއްދާތަކާ ހިލާފު އިސްލާހުތަކެއް ކަމަށް ދައުލަތުން ބުނާއިރު، އެ މާއްދާތަކަށް އަމަލު ކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

"..އެހެނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަންގަންދެން، ފެށުނީންސުރެ މަޖިލީހުން އަމަލު ކުރަމުންދިޔަ ގޮތް ދެމިއޮންނަން ޖެހޭ ކަމުގައި ދެކެން" ކަމަށް އަމުރުގައިވެ އެވެ.

"މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް" ކަމަށް ވެސް އެ ރައުޔުގައިވެ އެވެ.

ގާނޫނުއަސާސީއާ ހިލާފުނުވާ ކަމަށް ކަނޑަނާޅައި މަޖިލީހަށް އެންގުމެއް ނޭންގޭނެ

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް ހިންގާނެ ގޮތް ކަނޑައަޅާނީ ހަމަ މަޖިލީހުންނެވެ. އެއްވެސް މުއައްސަސާއަކަށް ނުވަތަ ދައުލަތުގެ ބާރަކަށް މަޖިލިސް ހިންގާނެ ގޮތް ބުނެ ނުދެވޭނެ އެވެ.

"މިއީ މުޅި މަޖިލީހުގެ މަސައްކަތާއި އިމްތިޔާޒާއި ގުޅިފައިވާ މައްސަލައެއް. ގާނޫނުއަސާސީގެ ތަރަހައިގެ ތެރޭގައި ކުރާ ކޮންމެ ކަމެއް އެއީ މަޖިލީހުގެ އިމްތިޔާޒުގެ ތެރެއިން އަދި ގާނޫނުއަސާސީން މަތިކޮށްފައިވާ ބާރެއް. މިވެނި ކަމެއް އެވެނި ކަމެއް މަޑުކޮށްލަން އެހެން ބުނާ ބުނުން ގަބޫލު ކުރުމަކީ ދަތިކަމެއް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުން މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ނިންމައިފި ނަމަ، އެ ނިންމުމަކަށް ބޯލަނބާނެ ކަމަށެވެ. ނަމަވެސް، މަޖިލީހުގައި ޝަރީއަތެއް ހިންގުމަކާ ނުލައި ވަގުތީ އަމުރަކުން މަޖިލީހުގެ މައްޗަށް ގޮތްތަކަށް އަމަލުކުރަން އެންގިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ނަމަވެސް، ކޯޓުގެ ނިންމުމަށް އިހްތިރާމް ކުރައްވަން ކަމަށް ވިދާޅުވެ އިއްޔެގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަމަށް އަސްލަމް އިއުލާން ކުރެއްވީ ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް 87 ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ އެއީ މަޖިލީހުގެ ރައީސަށް ނިންމެވޭނެ ނިންމުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް އަމަލުކުރައްވަން ޖެހޭނީ މަޖިލީހުގެ ގަވައިދަށެވެ. އެ ގަވައިދުގައިވާ ހަމައިގެ މަތިން ޖުމްލަ މެންބަރުންގެ އަދަދު ކަމަށް ގުނަން ޖެހޭނީ 80 ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފަހުން މަޖިލީހުގެ ތަޅުމުން ވަނީ ގަވައިދަށް ގެނައި އިސްލާހު ފާސްކޮށް، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ތަބާނުވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

މަޖިލީހުގައި ގިނަ ދުވަސްވީ މެންބަރެއް ކަމަށްވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމަން ޖެހެނީ ހުށަހަޅާފައިވާ މައްސަލާގައި ގާނޫނުއަސާސީއާ ހިލާފުވާ ކަމެއް އޮތްތޯ ކަމަށާއި އެހެން ނުނިންމާ ވަގުތީ އަމުރެއް ނެރެ، ވަކި ގޮތްތަކެއް އެންގުމަކީ މަޖިލީހުގެ މަސައްކަތަށް ކޯޓުން ނުފޫޒު ފޯރުވުން ކަމަށެވެ.

"ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް ނުފޫޒެއް ނޫން ފޯރުވަން ޖެހޭނީ. އެއްވެސް ހާލެއްގައި ތިމަންނަމެން މައްސަލަ ނިންމަންދެން މިކަން މަޑުޖައްސާލަން ޖެހޭ ކަމަށް އެންގުމަކީ މަޖިލީހުގެ މަސައްކަތް މަޑުޖައްސާލުން. އެހެންވީމަ މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅައިގެން ނުވާނެ،" އަފީފް ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން: ސުޕްރީމް ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ކަންކަން ނިންމަނީ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި. -- ފޮޓޯ: މިހާރު

ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން: ސުޕްރީމް ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ކަންކަން ނިންމަނީ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި. -- ފޮޓޯ: މިހާރު

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ސިޔާސީ މައިދާނުގައި ހިނގާފާނެ ކަމެއް ހުއްޓުވުމަށްޓަކައި ސުޕްރީމް ކޯޓުން ސިޔާސީ މަސްރަހުގެ ތެރެއަށް ވަދެ ކަންކަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ބާރުތަކުގެ މެދުގައި ހުރި އިންތަކާއި ފާރުތައް ހުރަސްކޮށް ކަންކަން ކުރަން ގަދަބާރުން އުޅެފި ނަމަ، ހިސާން ވިދާޅުވީ މުޅި ދައުލަތް ހަމަނުޖެހުމަކަށް ހިނގައިދާނެ ކަމަށެވެ.

އިންތަކާއި ފާރުތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ލިބިދެނީ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފުވެއްޖެތޯ ބެލުން ކަމަށާއި ނަމަވެސް، މަޖިލީހުން ކަން ކުރަންވީ ގޮތާއި ކަން ކުރާނެ ގޮތާއި ކަން އޮންނަންވީ ގޮތް ކަނޑައެޅުމުގެ ބާރެއް، މަޖިލީހަށް ކަންކަން ބުނެދިނުމުގެ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ހިސާން ވެސް ވިދާޅުވި އެވެ.

"މިތަނުގެ ކޯރަމަކީ ކޮބައި ކަމާއި ވޯޓެއް ނަގާއިރު އަމަލުކުރަންވީ ގޮތާއި މި ތަނުގައި ކުރާ އެކިއެކި ސިޔާސީ މަސައްކަތް ކުރާއިރު އެކަންކަން ކުރަންވީ ގޮތް އެއީ ސުޕްރީމް ކޯޓުން ހުކުމް ކޮށްގެން ކުރާނެ ކަމެއް ނޫން،" ގާނޫނީ ވަކީލެއް ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވި އެވެ.

"މިވަގުތު ސުޕްރީމް ކޯޓުން އެ ވަނީ ވަގުތީ އަމުރަކުން މަޖިލީހުގެ ގަވައިދުގެ މާއްދާތަކެއް ސަސްޕެންޑް ކޮށްފައި. މިއަށް ވުރެ ޖޯކު ކަމެއް ގައުމެއްގެ ސުޕްރީމް ކޯޓަކުން ނުކުރާނެ. ނުކުރާނެ. ނުބުނެވޭނެ. އެއީ ކުރެވޭނެ ކަމެއް ނޫން."

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވިދާޅުވީ ވަގުތީ އަމުރުގެ ނަތީޖާ އަކީ މަޖިލީހުގައި އެޖެންޑާ ކަނޑައެޅުމާއި ކޮމިޓީގެ މަސައްކަތްތައް ވެސް ހުއްޓާލުން ކަމަށެވެ. އެހެން އޭނާ ވިދާޅުވާ ސަބަބަކީ މަޖިލީހުގެ ކޮމިޓީތަކަކީ ވެސް މެންބަރުންގެ އަދަދާއި މެންބަރުންގެ ޕާޓީތަކުގެ ނިސްބަތުން އެކުލަވާލަން ޖެހޭ ކޮމިޓީތަކަކަށްވާތީ އެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ ގަވައިދަށް ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ އިސްލާހު ގެނައިތާ އެތައް ދުވަހެއްވެ، ގިނަ ނިންމުންތަކެއް ވެސް ނިންމާފައިވަނިކޮށް ކުއްލިއަކަށް ވަގުތީ އަމުރެއް ނެރެ، އެކަން މަޑުޖައްސާލަން އަންގަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހަށް ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އޭނާ ގަބޫލެއް ވެސް ނުކުރައްވަ އެވެ.

"މަޖިލީހުގެ މެންބަރުންގެ ބޮޑު ތަނުން ކޮންމެ ވެސް ސަބަބަކާ ހުރެ މަދުވީމަ ދެން ކިހިނެއްތޯ އަމަލުކުރާނީ، މިސާލަކަށް ރައީސަކު އަންނަން ހިސާބަކުން މަޖިލީހުގައި ތިބި 70 މެންބަރުން އެއްފަހަރާ އިސްތިއުފާ ދިނީ، ދެން ބާކީ އޮތް ހަ މަސް ދުވަހު އެއްވެސް ގާނޫނެއް ވެސް ފާސްނުކޮށްތޯ ތިބެންވީ. އެ ހާލަތަކަށް އަޅުގަނޑުމެންނަކަށް ނުދެވޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

މެންބަރު އަލީ ހުސެއިން: މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހަށް ގަވައިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް އޭނާ ގަބޫލެއް ނުކުރައްވާ

މެންބަރު އަލީ ހުސެއިން: މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހަށް ގަވައިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް އޭނާ ގަބޫލެއް ނުކުރައްވާ

މި ހުރިހާ މެންބަރުންގެ ހިޔާލާ ތަފާތު ހިޔާލެއް ހުށަހަޅުއްވައި ވާހަަަކަ ދެއްކެވީ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާ ފުރަތަމަ ކަމަކަށް ފާހަގަކުރެއްވީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ބަހުސް ކުރުން މަޖިލީހުގެ ގަވައިދުން މަނާކުރާ ކަމެވެ. އަދި، މަޖިލީހުގެ ގަވައިދާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން މައްސަލަ ބަލައި، ގޮތް ކިޔައިފައިވާކަން ވެސް ސިރާޖު ފާހަގަކުރެއްވި އެވެ.

"މީގެ އެންމެ ހަތަރު މަސް ކުރިން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި، އޭރު އެއީ މަޖިލީހުގެ ހިންގުމާ ގުޅޭ ކަމަކަށް ނުވޭ. އޭރުގަ ސުޕްރީމް ކޯޓުން ހަމަ ބަރާބަރު. އެމްޑީޕީ އިން މައްސަލައެއް ހުށަހަޅަންވީމަ ބަރާބަރު، އެހެން ބަޔަކު މައްސަލައެއް ހުށަހަޅައިފި ނަމަ އެއީ މުޅި ނިޒާމަށް ގޮންޖެހުން. މިއީ ހަމަޖެހޭ ވާހަކައެއް ނޫން،" މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގޮސްގެން އެމްޑީޕީން ހުށަހެޅި މައްސަލައަށް އިޝާރަތް ކުރައްވައި ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ މަޖިލީހުގެ ނިންމުމެއް ނުވަތަ ގަވައިދުގައިވާ ކަންކަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލުކުރާ ނަމަ، އެ މައްސަލައެއްގައި ވަގުތީ އަމުރެއް ނެރުން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ވަގުތީ އަމުރެއް ނެރުމަކީ އެ ކޯޓަކަށް ލިބިގެންވާ ބާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެއަށް ފާޅުގައި ގޮންޖަހައި އެ ކޯޓުގެ ކަރާމާތަށް، ބާރަށް ގޮންޖަހަން ފަށައިފި ނަމަ ވަރަށް ނުބައި ނަތީޖާއެއް ނުކުމެދާނެ ކަމެއް. އެ ނަތީޖާއަކީ މަޖިލީހުން ކޯޓުގެ އަމުރެއް ކަމުނުދިޔައީމާ ބަލައިނުގަންނަ ފަދައިން ދެން އޮތް ބާރު ސަރުކާރު ހިންގާ ބާރު، ސަރުކާރު ހިތްހަމަނުޖެހޭ އަމުރެއް ނެރޭ ހިސާބުން މި ބަހުސްކޮށް އަމަލުކުރަން ނުޖެހޭ ގޮތަށް ހެދުން،" ސިރާޖު ވިދާޅުވި އެވެ.

ރުހުނަސް، ނުރުހުނަސް، ގަބޫލުކުރިޔަސް ނުކުރިޔަސް ކޯޓުގެ ނިންމުން ބަލައިގަންނަން ޖެހޭނެ

ސިރާޖު ވިދާޅުވި ފަދަ ހާލަތް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކުއްލި ގޮތަކަށް ނެރުނު އަމުރާ އެކު އުފަންވި އެވެ. ކޯޓުން ނެރުނު އެ އަމުރު ތަންފީޒު ނުކުރާނެކަން އޭރު ސަރުކާރުން އިއުލާން ކުރި އެވެ. އެއާ އެކު އޭރުގެ އިދިކޮޅު އެމްޑީޕީންނާއި ބޭރުގެ ޖަމިއްޔާތަކުގެ ބޮޑެތި ފިއްތުންތައް ސަރުކާރަށް އަމާޒުވި އެވެ.

"ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތައް ކަމަށްވާ ހިނދު ހަވާލާދީފައިވާ ކޯޓު އަމުރަށް ތަބާވުމަކީ ހުރިހާ ފަރާތެއްގެ މައްޗަށް ވެސް ލާޒިމް ކަމެކެވެ." 78 ގާނޫނީ ވަކީލަކު ސޮއި ކުރައްވާފައިވާ ނެރުނު ނޫސް ބަޔާނެއް ކަމަށް ވިދާޅުވެ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން 2018 ވަނަ އަހަރު ޓްވީޓް ކުރައްވާފައިވާ ލިޔުމެއްގައިވެ އެވެ.

މި ބަޔާނުގައި ހަވާލާދީފައިވާ ގާނޫނުއަސާސީގެ 145 ވަނަ މާއްދާގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެ ނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށެވެ.

އެ އަމުރަށް ފަހު ރާއްޖެޓީވީ އަށް ހިސާން ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވީ ސުޕްރީމް ކޯޓު އަމުރަށް ތަބާނުވެ ސަރުކާރުން ކުރަމުން ގެންދާ ކަންކަމަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުން ކަމަށެވެ. އަދި ކޯޓު އަމުރު ތަންފީޒުނުކޮށް ހިނގާ ކޮންމެ ސިކުންތެއްގެ ޒިންމާ އެކަމުގައި ޝާމިލްވާ އެންމެން ނަގަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. ހިސާން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ކުރިން ވެސް އެއްވެސް ފަރާތެއްގެ މަޝްވަރާއެއް ނެތި މައްސަލަތައް ނިންމާފައިވާ ކަމަށާއި އެފަދަ ނިންމުންތަކަށް ވެސް ސަރުކާރުތަކުން އަމަލުކޮށްފައިވާ ކަމަށެވެ. އެއީ ގާނޫނު ދަންނަ ހަމަކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ފެބުރުއަރީ 1 ގެ އަމުރު ތަންފީޒު ކުރަން ގޮވާލައި ބޭއްވި އެއްވުމެއްގައި މެންބަރު އަލީ ހުސައިން.  -- ފޮޓޯ: މިހާރު

ފެބުރުއަރީ 1 ގެ އަމުރު ތަންފީޒު ކުރަން ގޮވާލައި ބޭއްވި އެއްވުމެއްގައި މެންބަރު އަލީ ހުސައިން. -- ފޮޓޯ: މިހާރު

އެކި މައްސަލަތަކުގައި ޖަލަށް ލާފައި ތިބި ސިޔާސީ އެތައް ބަޔަކު ވަގުތުން މިނިވަންކުރަން އަމުރުކޮށް ފެބުރުއަރީ 1، 2018 ގައި ނެރުނު އަމުރުގައި މަޖިލީހުގެ ޖަލްސާތައް ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދަން މަޖިލީހުގެ މައްޗަށް އަމުރުކޮށްފައި އޮތް ނަމަވެސް، އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ ޖަލްސާ އެޖެންޑާ ނުކޮށް ދިގުދެންމެވި އެވެ. އެކަމާ ގުޅިގެން މިދިޔަ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އަމަލުނުކޮށް މަޖިލީހަށް ދޫކޮށް ނުލެވޭނެ ކަމަށެވެ. އަމުރާ އެއްގޮތަށް އަމަލުނުކުރާ ނަމަ، އެ ބައެއްގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށް ވެސް 2018 ވަނަ އަހަރުގެ ފެބުރުއަރީ ތިންވަނަ ދުވަހު ރިފްއަތު ވިދާޅުވެފައިވެ އެވެ.

އެތައް ގާނޫނީ ބަހުސެއް އުފަންވި ފެބުރުއަރީ 1 ގެ އަމުރަށް ފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވެސް ވިދާޅުވީ ކޯޓުގެ އަމުރާ މެދު ޚިޔާލު ތަފާތުވުމުގެ ޖާގަ އޮތް ކަމުގައި ވިޔަސް، އަމުރަށް ތަބާވުން ލާޒިމްވާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ނިންމުމެއް ނަމަ، އަދި ކިތަންމެ ޚިޔާލު ތަފާތުވި ވިޔަސް، އެ ޖެހޭނެ ނަގަހައްޓަން. އެހެންނޫނީ ރާއްޖޭގައި ސުޕްރީމް ކޯޓެއް ނޯންނާނެ. ސުޕްރީމް ކޯޓުގެ ނިންމުމެއް ގަބޫލު ނުކުރާ ކަމަށްވަންޏާ ޝަރުއީ ދާއިރާގެ އެންމެ އުސް ތަނބު ކަމަށް ބެލެވޭ، ނޫނީ ގާނޫނުއަސާސީ ވެސް ނެގެހެއްޓުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ދީފައި އޮންނަ މުއައްސަސާއަކީ އެއީ. އެހެންވީމާ، ސުޕްރީމް ކޯޓުން ގޮތެއް ނިންމީމާ، ހިތާ ދެކޮޅަށް ވިޔަސް ޖެހޭނެ ތަންފީޒުކޮށް ނަގަހައްޓަން. އެއީ އަޅުގަނޑުގެ އުސޫލީ މަބްދައެއް،" ފާއިޒް ވިދާޅުވި އެވެ.

"އަންނަ ކޮންމެ ސަރުކާރަކުން ވެސް އެ ސަރުކާރެއް ހިތްހަމަނުޖެހޭނެ ގޮތަކަށް ހުކުމެއް އައިމާ އެ ހުކުމެއް ތަންފީޒު ނުކޮށްފިއްޔާ، ރާއްޖޭގައި ސުޕްރީމް ކޯޓުގެ އަސްލު އާރާއި ބާރު ނުވެސް ފެންނާނެ. އެ ކޯޓުގެ ބޭނުމެއް ވެސް ނެތް ދެއްތޯ."

ފެބުރުއަރީ 1 ގެ އަމުރަށް ފަހު ހިނގި ކަންކަމާއި އިއްޔެ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ތަބާނުވާން ނިންނި ނިންމުމާ މެދު ތަފާތު ވަނީ އެންމެ ކަމެކެވެ. އެއީ އޭރު ކޯޓުގެ އަމުރެއް ތަންފީޒު ނުކުރީ ސަރުކާރު ހިންގާ ބާރުންނެވެ. މިއަދު ސުޕްރީމް ކޯޓުގެ އަމުރަކަށް ގޮންޖަހާކަމުގެ ތުހުމަތު އޮތީ ގާނޫނު ހަދާ ބާރުންނެވެ.

ނަމަވެސް، ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި އަހުމަދު މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުން ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވީ ކަމަށް ބުނެވިދާނެ ހާލަތެއް ނެތެވެ. އެއީ، މެންބަރުންގެ ޖުމްލަ އަދަދަށް ރިއާޔަތްކޮށް ނިންމަން ޖެހޭ އެއްވެސް ކަމެއް މި ވަގުތު މަޖިލީހަށް ހުށަހެޅިފައި ނެތުމުން، ވަގުތީ އަމުރާ ހިލާފުވާ ގޮތަށް އެއްވެސް ކަމެއް މަޖިލީހުން މިހާތަނަށް ނިންމާފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މަޖިލީހުން އިއްޔެ ނިންމި ނިންމުމަކީ އެ މަޖިލީހުން އެކަމުގައި ދެކޭ ގޮތް ހާމަ ކުރުން ކަމަށާއި އެއީ ކޯޓުގެ އަމުރަކަށް ތަބާނުވާން ނިންމީ ނޫން ކަމަށެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ވަގުތީ އަމުރު ނެރުމުގެ ކުރިން، ޖަވާބުދާރީވާން ފުރުސަތު ދިން ނަމަ، އަމުރާ މެދު މި އޮތް ހިލާފު ނެތުނީސްކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ. އެކަމަކު، ކޯޓެއްގެ އަމުރެއްގެ ގާނޫނީ ބާރުވެރިކަމާ މެދު ސުވާލު ނުއުފެއްދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކަށް ރައްޔިތުންގެ މަޖިލީހުން ގޮންޖަހައި، ފާޑުކިޔުމުގެ މައްސަލައެއް މީގެކުރިން ވެސް ހޫނުވި އެވެ. އެއީ ސިވިލް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަހުމީ ހަސަން މަޖިލީހުން ވަކިކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނިކޮށް 17 ވަނަ މަޖިލީހުން އެ މަގާމަށް މީހަކު ހޯދަން އިއުލާން ކުރުމާ އެކު އެވެ. އަދި މަޖިލީހުން ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމުމުން އެކަމަށް ވެސް މަޖިލިސް މެންބަރުން ފާޑުވިދާޅުވި އެވެ.

އެ ދެ މައްސަލައާ ގުޅުވައި އޭރު ސުޕްރީމް ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި އޮތީ ސުޕްރީމް ކޯޓުގެ އެންމެހައި ހުކުމްތަކާއި އަމުރުތަކާއި ނިންމުންތަކަކީ އެއިން ދޭހަވާ ގާނޫނީ އެންމެހައި ނަތީޖާތަކާ އެކު، އިތުރު ބަހުސަކާ ނުލައި، އިތުރު މާނަކުރުމަކާނުލައި އަދި ބަދަލެއް ގެނައުމަކާ ވެސް ނުލައި އެ މައްޗަށް އަމަލުކުރުން ގާނޫނީ ގޮތުން ލާޒިމުވާ އެންމެ ފަހުގެ ނިންމުން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އެންމެހައި ކަންތައްތައް ކުރުމަށާއި އަދި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެންމެހައި ފަރާތްތަކަށް އެންގީމެވެ،" އެ ބަޔާނުގައިވެ އެވެ.

އޭރު ސުޕްރީމް ކޯޓުން މިހާ ހަރުކަށި ބަޔާނެއް ނެރުނު ހާލަތު މިއަދު ވެސް އެބަ އޮތެވެ. ސުޕްރީމް ކޯޓުގެ އަމުރެއް އޮތީ ބާރު ކެނޑި، އަމަލުނުކޮށެވެ. ސުޕްރީމް ކޯޓުން އެންގި އެންގުން ފާޅުގައި ވަނީ ބޮލާލައި ޖަހާފަ އެވެ. އެ އަމުރު ކޯޓުން ނެރުނީ ހުދޫދުން ބޭރުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާއިރު، އެންމެ ފަހު ބަސް ބުނާ ކޯޓުން މިކަމުގައި އެއްޗެއް ބުނެ، ބާރުތަކުގައި މެދުގައި އޮތް އަރައިރުމަށް ހައްލެއް ހޯދަން ޖެހެ އެވެ.