Roadha Mihaaru
އައިވީއެފަށް އާސަންދަ ދޭ އުސޫލު މި މަހު ފައިނަލްކުރަނީ

އައިވީއެފް އާއި އައިޔޫއައިއަށް އާސަންދަ ދޭ އުސޫލު މި މަހު ފައިނަލްކުރަނީ

12 ފެބުރުއަރީ 2024

އާސަންދައިގެ އެހީގައި އައިވީއެފް ހެދުމަށް ބޭނުންވާ އުސޫލު މި މަހުގެ ތެރޭގައި ފައިނަލްކުރާނެ ކަމަށް އެންސްޕާއިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާސަންދައިގެ އެހީގައި އައިވީއެފް ހެދުމަށް ބޭނުންވާ އުސޫލު މި މަހުގެ ތެރޭގައި ފައިނަލްކުރާނެ ކަމަށް އެންސްޕާއިން ބުނެފި އެވެ.

އެ އެޖެންސީގެ ސީއީއޯ ހީނާ ވަލީދު، "މިހާރު" އަށް ރޭ ވިދާޅުވީ އައިވީއެފާއި އައިޔޫއައިއަށް އާސަންދަ ދިނުމާ ގުޅޭ އުސޫލަށް ޓެކްނިކަލް ބޭފުޅުންގެ ލަފާ ހޯދަމުން އަންނަ ކަމަށެވެ. މި ހަފުތާ ނިމޭއިރަށް ޓެކްނިކަލް ކޮމެންޓުތައް ހޯދާ ނިންމާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންފާޓިލިޓީއަށް ހާއްސަ އުސޫލު މި މަސް ނިމުމުގެ ކުރިން ފައިނަލްކުރާނެ ކަމަށެވެ. އެއަށްފަހު، ވީ އެންމެ އަވަހަކަށް ގެޒެޓުކުރާނެ އެވެ. އޭގެ ފަހުން އެ ކަންކަމަށް، ސަރުކާރުގެ މެޑިކަލް އިންޝުއަރެންސް ލިބޭނެ ކަމަށް އެންސްޕާއިން ބުންޏެވެ.

އައިވީއެފްއާ އެކު، ދަރިމައިވުމާ ގުޅޭ ފަރުވާތައް އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، އައިވީއެފް އަދި އައިޔޫއައި ނޫން އެހެން ހުރިހާ ފަރުވާއަކަށް މި އަހަރުން ފެށިގެން އާސަންދަ ލިބެ އެވެ.

ނަމަވެސް، އެންސްޕާއިން "ހުސްނުވާ އާސަންދަ ހިންގުމުގެ ގަވައިދު" އަށް މިދިޔަ ޑިސެމްބަރު މަހު ގެނައި ބަދަލުގައިވަނީ ދަރިމައިނުވުމުގެ މައްސަލަތަކުގެ ފަރުވާއަށް ވަކިން ހާއްސަ އުސޫލެއް ހަދަންޖެހޭ ގޮތަށް އާސަންދައިގެ ގަވައިދު ބަދަލުކޮށްފަ އެވެ.

އެންސްޕާއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ އުސޫލު އާއްމުކުރުމަށެވެ.

ގުދުރަތީ ގޮތުން ދަރިން ނުލިބޭ ނަމަ އެކަމަށް ދެން އޮތް ހައްލަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. މި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި ތިބެގެން އައިވީއެފް ނުހެދޭތީ އެ ފަރުވާއަށް ގިނަ މީހުން ދަނީ އިންޑިއާއަށެވެ. ނަމަވެސް، އަމިއްލަ އަތުން ކިތަންމެ ބޮޑު ހަރަދެއް ހިނގިޔަސް އެއިން އެއްވެސް ފަރުވާއަކަށް އާސަންދައެއް ނުލިބެ އެވެ.