Roadha Mihaaru
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު

އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ ތިން ބުރަށް، އެހީއަށް އަންނަ މަހު ހުޅުވާލަނީ

22 ފެބުރުއަރީ 2024

އާސަންދަ ސްކީމްގެ ދަށުން އައިވީއެފް ހެދޭނީ ތިން ބުރަށް ކަމަށް ކަނޑައަޅައި، އެ އެހީ ދިނުމާ ގުޅޭ ވަރުގަދަ އުސޫލެއް ހަދައި، އަންނަ މަހު އެއަށް އަމަލުކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާސަންދަ ސްކީމްގެ ދަށުން އައިވީއެފް ހެދޭނީ ތިން ބުރަށް ކަމަށް ކަނޑައަޅައި، އެ އެހީ ދިނުމާ ގުޅޭ ވަރުގަދަ އުސޫލެއް ހަދައި، އަންނަ މަހު އެއަށް އަމަލުކުރަން ނިންމައިފި އެވެ.

ދައުލަތުގެ ސިއްހީ އިންޝުއަރެންސް ނިޒާމް ހަދާ އެންސްޕާގެ ސީއީއޯ ހީނާ ވަލީދު "މިހާރު" އަށް މިއަދު ވިދާޅުވީ އާސަންދައިގެ ތެރޭގައި "އައިޔޫއައި" އަދި "އައިވީއެފް" ހިމަނައި، އެކަމުގެ އުސޫލު ހަދާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ބަލައިގެން ކަމަށެވެ.

އަދި އެކަމުގައި ރާއްޖޭގެ ޓެކްނިކަލް އަދި ފަންނީ ބޭފުޅުންނާއި ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ފުރިހަމައަށް ބައިވެރިވެފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ މި ވައުދަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ.

އުސޫލު ބަހާލަފައިވަނީ ދެ ބަޔަކަށެވެ. އެއީ އައިޔޫއައި އަދި އައިވީއެފް އެވެ.

އައިޔޫއައި

- އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވެފައިވުން.

- ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައިވުން. އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދިނުން.

- އައިޔޫއައިގެ ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރު 25-41 އަހަރާ ދެމެދުގައި ހުރުން. ފިރިމީހާއަށް 55 އަހަރު ފުރިފައިނުވުން.

- އެހީ ހޯދާ ދެމަފިރިން އެކަމަށް އެދުމުގެ ހަ މަސް ދުވަސް ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން.

- އެހީއަށް އެދޭ ދެމަފިރިން ތެރެއިން އެކަކު ވެސް ދަރިމައިނުވާ އޮޕަރޭޝަން ނުކުރުން،

- އެހީއަށް އެދޭއިރު އަންހެން މީހާގެ ބޮޑީމާސް އިންޑެކްސް 19-30 ގައި ހުރުން.

އައިވީއެފް

- އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވެފައިވުން

- ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައިވުން. އައިވީއެފް އަކީ އެ ދެ މީހުންނަށް އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދިނުން.

- އައިވީއެފް ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 30-41 އަހަރުގައި ހުރުން. ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައިނުވުން. ނަމަވެސް އަނބިމީހާގެ އުމުރުން 25 އަހަރު ފުރި، ދިމާވާ ސިއްހީ ހާލަތަކާ ހެދި އައިވީއެފް ހެދުމަކީ އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާދީފައިވާނަމަ އަދި އެ އެހެން ޝަރުތުތައް ފުރިހަމަވާނަމަ އެހީއަށް ހުށަހެޅޭނެ.

- އެހީއަށް އެދޭއިރު އަންހެން މީހާގެ ބޮޑީމާސް އިންޑެކްސް 19-30 ގައި ހުރުން.

- އެހީ ހޯދާ ދެމަފިރިން އެހީއަށް އެދުމުގެ ހަ މަސް ދުވަސް ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން.

- އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ބުރު ފުރިހަމަކޮށްފައިނުވުން.

އެ ސްކީމްގެ ދަށުން އައިވީއެފް ހެދުމަށް ކޮންމެ އަހަރަކު ވަކި ބަޖެޓެއް ކަނޑައަޅަންޖެހެ އެވެ. އަދި އެހީ ފޯރުކޮށްދޭނީ އެ އަދަދަށް، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށެވެ. އެގޮތުން، ޕޮއިންޓް ދޭއިރު ދެމަފިރިންގެ ކައިވެނީގެ މުއްދަތާއި އުމުރާއި ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ދަރިއެއް ދުނިޔޭގައި ނެތުމާއި ބޯހިޔާވަހިކަން ހަމަޖައްސަމުންދާ ގޮތަށާއި އާމްދަނީ ލިބޭ މިންވަރަށް ވެސް ބަލަ އެވެ.

ސްކީމުގެ ދަށުން އައިވީއެފް ފަރުވާ ހަދާ ދެމަފިރިންނަށް ބޭސްފަރުވާގެ އިތުރުން ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމަށް ކަނޑައެޅޭ މިންވަރަކަށް އެހީ ދޭނެ އެވެ. އައިވީއެފަށް އާސަންދަ ހަމަޖެހޭކަން، އެކަމަށް އެދި ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އަންގައި ތިން މަސް ދުވަހުގެ ތެރޭގައި ފަރުވާ ފަށަންޖެހޭނެ އެވެ. އެހެން ނޫނީ އެހީ ބާތިލްވާނެ އެވެ. އަދި އައިވީއެފް ފުރިހަމަކުރުމަށް އާސަންދަ ހަމަޖައްސައިދޭނީ ތިން ބުރަށް، ގިނަވެގެން ދެ އަހަރުގެ މުއްދަތަށެވެ. އެ މުއްދަތުގެ ފަހުން ހިނގާ ހަރަދަށް އެ ސްކީމުން އެހީއެއް ހަމަޖައްސައިނުދޭނެ އެވެ.

ތިން ބުރުކަމަށް ބަލާފައިވަނީ އައިވީއެފަށް ތައްޔާރުވާން ހަދާ ޓެސްޓުތަކާއި ބޭނުންކުރާ ބޭހާއި، އަނބިމީހާގެ ދަރިމައިވާ ބިސް ނެގުމާއި އެމްބްރިއޯ ތައްޔާރުކުރުން އަދި އެމްބްރިއޯ ޓްރާންސްފާއަށެވެ.

ކުރިން ފަރުވާ ފަށަފައިވާނަމަ، އައިވީއެފްގެ އާ ބުރެއް ފެށޭނީ، އުސޫލުގައިވާ ގޮތުން ކުރީގެ ބުރުގައި އަނބިމީހާގެ ދަރިމައިވާ ބިސް، އެމްބްރިއޯ ޓްރާންސްފާކޮށްފައިވާނަމަ އެވެ. އަދި ކުރިން ފަރުވާ ގެންދިއުމަށްފަހު އެމްބްރިއޯ ރައްކާކޮށްފައިވާނަމަ، އެ އުސޫލުގެ ދަށުން ހަމަޖެހޭ އެހީގައި ފުރަތަމަ ބޭނުންކުރާނީ ކުރިން ރައްކާކޮށްފައިވާ އެމްބްރިއޯ އެވެ.

އެންސްޕާއިން ބުނީ އިންޝުއަރެންސްގެ ދަށުން އައިޔޫއައި އަދި އައިވީއެފް ހެދޭނީ އާސަންދައިގައި އެމްޕެނަލް ވެފައިވާ ރާއްޖެ އާއި ބޭރުގެ ހޮސްޕިޓަލުތަކުގައި ކަމަށެވެ. ރާއްޖޭގައި އައިވީއެފް އަދި އައިޔޫއައި ހަދައިދެނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެކަންޏެވެ. ނަމަވެސް، އެހެން ބައެއް ކްލިނިކްތަކުގައި އައިޔޫއައިގެ ހިދުމަތް ދެ އެވެ. ސަރުކާރުން ވަނީ ދަރިމައިވުމުގެ ފަރުވާ ހަރުދަނާކުރަން ނޭޝަނަލް ފާޓިލިޓީ ކެއާ ސެންޓަރެއް ހަދަން ނިންމައިފަ އެވެ.

ގުދުރަތީ ގޮތުން ދަރިން ނުލިބޭ ނަމަ އެކަމަށް ދެން އޮތް ހައްލަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. މި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި ތިބެގެން އައިވީއެފް ނުހެދޭތީ އެ ފަރުވާއަށް ގިނަ މީހުން ދަނީ އިންޑިއާއަށެވެ. އައިވީއެފްގެ ބުރަކަށް 60،000 އެއްހާ ރުފިޔާ ހަރަދުވެ އެވެ. ނަމަވެސް، އަމިއްލަ އަތުން ކިތަންމެ ބޮޑު ހަރަދެއް ހިނގިޔަސް އެއިން އެއްވެސް ފަރުވާއަކަށް އާސަންދައެއް ނުލިބެ އެވެ. އެކަމަކު، އެހީއަށް ހުށަހެޅުމުން ދަރިމައިވުމުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް މިހާރު ވެސް އެންސްޕާއިން ދެކޮޅު ޓިކެޓާއެކު 500 ޑޮލަރު ދެ އެވެ.