Roadha Mihaaru
ދިވެހި ލީގު: މާލެ 10، އަތޮޅުތައް 0

ނަމަކީ ދިވެހި ލީގު: މާލެއަށް 10، އަތޮޅުތަކަށް ސުމެއް

18 ފެބުރުއަރީ 2024

ހުކުރު ދުވަހު ނިމުނު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމާ އެކު، އަންނަ އަހަރު ރާއްޖޭގެ ފުޓްބޯޅައިގެ މައި ލީގު، 'ދިވެހި ޕްރިމިއާ ލީގު' ގައި 10 ޓީމު އޮންނާނެ އެވެ. އެ ދިހަ ޓީމު ވެސް ނިސްބަތް ވަނީ މާލެއަށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހުކުރު ދުވަހު ނިމުނު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ޓީމާ އެކު، އަންނަ އަހަރު ރާއްޖޭގެ ފުޓްބޯޅައިގެ މައި ލީގު، 'ދިވެހި ޕްރިމިއާ ލީގު' ގައި 10 ޓީމު އޮންނާނެ އެވެ. އެ ދިހަ ޓީމު ވެސް ނިސްބަތް ވަނީ މާލެއަށެވެ.

އެފްއޭއެމުން ކުރިން އިއުލާން ކުރި ގޮތުންނަމަ، މި އަހަރު ލީގު ފަށާނީ އަތޮޅުތެރޭގެ ތިން ޓީމާ އެކު ޖުމުލަ 12 ޓީމު ހިމެނޭ ގޮތަށް ހޯމް އެންޑް އަވޭ އުސޫލުން ރަށްރަށުގައި ވެސް ލީގު ކުޅޭ ގޮތަށެވެ.

އަތޮޅުތެރޭގެ ޓީމުތަކަށް ހާއްސަކޮށް އިއުލާން ކުރި ދިވެހި ލީގުގެ ކޮލިފިކޭޝަނުގައި 80 އާ ގާތް ކުރާ އަދަދަކަށް ޓީމުތައް ބައިވެރިވި އެވެ. ގްރޭޓާ މާލެ ސަރަހައްދު ނުލައި ލީގުގެ ކޮލިފިކޭޝަންގައި އެ އަދަދަށް ޓީމުތައް ބައިވެރިވުމަކީ ރާއްޖެއާ ބަލާއިރު ރަނގަޅު ނިސްބަތެކެވެ. ރަށްރަށުގެ ޓީމުތަކުން ކޮލިފިކޭޝަން މުބާރާތުގައި ވާދަ ކުރުމަށް ވަރަށް ބޮޑު ހޭދައެއް ކުރި އެވެ. ނަމަވެސް އެ ޓީމުތަކުން ކުރި ހޭދައިގެ އެއްވެސް ބަދަލެއް ވެސް އަދި ނަތީޖާއެއް ވެސް ނުލިބުނެވެ.

ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ހާއްޔެއްގެ ގޮތުގައި ތުހުމަތު ކުރެވޭ، އެފްއޭއެމް ވެއްޓިފައި އޮތް މާލީ އަޑިގަނޑުގެ ތެރޭގައި ލީގުގެ ކޮލިފިކޭޝަން ވެސް ވީ ނުވީއެއް ނޭނގި ގެއްލިގެން ދިޔައީ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ލީގުގެ ފޯމެޓް އިއުލާން ކުރަން ޖުލައި 2021 އެފްއޭއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގެތެރެއިން

ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ލީގުގެ ފޯމެޓް އިއުލާން ކުރަން ޖުލައި 2021 އެފްއޭއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގެތެރެއިން

ދިވެހި ލީގު ކުޅުމުގެ އުންމީދުގައި، ލީގުގެ ކޮލިފިކޭޝަނަށް ބޮޑު ހޭދައެއް ކުރި އެއް ކްލަބަކީ ހދ. ކުޅުދުއްފުށީގެ ކްލަބް ޒިގްޒެގް އެވެ.

އެ ކްލަބްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އިބްރާހިމް އާސިފް ވިދާޅުވީ މިލިއަނެއްހާ ރުފިޔާ، އެ ކްލަބުން ހަރަދުކޮށްފައިވާނެ ކަމަށެވެ.

ކޮލިފިކޭޝަން ހުއްޓާލި އިރު ޒިގްޒެގް އޮތީ ޒޯން ބުރަށް ކޮލިފައި ވެފަ އެވެ. ކުޅުދުއްފުށި އެކަންޏެއް ވެސް ނޫނެވެ. ކޮލިފައިންގައި ވާދަ ކުރި އެހެން ރަށްރަށުގެ ކްލަބްތަކުން ވެސް ބޮޑެތި ހޭދައެއް ކުރި އެވެ.

ނަތީޖާއެއް ނުފެނުނެވެ. މާޔޫސްވެ ކަރު އެލުވާލަން ޖެހުނީ އަތޮޅުތެރެއަށް ނިސްބަތްވާ ޓީމުތަކެވެ. އަތޮޅުތެރެއަށް ފުޓްބޯޅަ ގެންގޮސްގެން ނޫނީ ރާއްޖޭގެ ފުޓްބޯޅަ އަނދަވަޅުން ނުނެގޭނެކަމަށް މީގެ ހަ އަހަރު ކުރިން ފާހަގަ ކުރި ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނީ އަތޮޅުތެރެއަށް ލީގު ގެންދަން އެފްއޭއެމުން 2021 ގައި އެކުލަވާލި ޕްލޭން އޮތް ގޮތުން، އޭގެ ނަތީޖާއެއް ނުފެންނާނެކަމަށް އެ މަސައްކަތުގައި އުޅުނު މީހުން ކައިރީގައި ބުނި ކަމަށެވެ.

ކުރިން، އަތޮޅުތަކުގެ މުބާރާތުގެ ގޮތުގައި ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ފޯމެޓް އެކުލަވާލި މުހައްމަދު އާދަމްއާ ހަވާލުކޮށްގެން އެފްއޭއެމުން ޕްލޭނެއް ހަދައި މަސައްކަތް ފެށީ 2021 ގަ އެވެ. އެ ފޯމެޓަށް ލީގު ލޯންޗު ކުރަން 2022 ގައި ހަފުލާއެއް ވެސް ގަލޮޅު ދަނޑުގައި ބޭއްވި އެވެ.

އެކަމަކު، މޯހަން ބުނީ މުޅި ރާއްޖެއަށް ލީގު ފަތުރާލައި ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަކީ ކުރު މުއްދަތެއްގެ ޕްލޭނަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެއީ އެކަން ކުރެވޭނެ ގޮތެއް ނޫނޭ އޭރު އެ މަސައްކަތުގައި އުޅުނު މީހުން ކައިރީގައި ވެސް އަޅުގަނޑު ބުނިން. މިކަމަށް އެކަށީގެންވާ ރިސާޗު ބޭނުންކޮށްގެން ޕްލޭނެއް ހަދަން ޖެހޭނީ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، އެއަށްފަހު ދެން އިމްޕްލިމެންޓް ކުރުމާ ހަމައަށް ދާނީ،" މިނިވަން ޗެމްޕިއަންޝިޕް 2016 ގެ މުބާރާތް ދ. ކުޑަހުވަދުއަށް ކާމިޔާބުކޮށްދީ، އެ ޓީމު ގޮވައިގެން މާލެ އައިސް އެ އަހަރު ދިވެހި ލީގުގައި ވެސް އިރުޝާދު ދިން މޯހަން ބުންޏެވެ.

އޭނާ ބުނީ ޕްލޭން ހަދާއިރު ލީގު ފަށާނީ ކިތައް އަހަރުގެ މުއްދަތެއްގެ ތެރޭގައިތޯ ކަނޑައަޅާނީ، ކުރެވޭ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"މީ 2024 އެހެން ވެއްޖެއްޔާ މިސާލަކަށް ޓާގެޓެއް ކަނޑައަޅީ 2028 ގައި ދިވެހި ލީގު މުޅި ރާއްޖެއަށް ފަތުރާލާނަމޭ. އޭރުން މި ހަތަރު އަހަރު ތެރޭ ޖެހޭނެ އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ކަންކަން ކުރަން. ސްޓޭޑިއަމްތައް ލީގުގެ ސްޓޭންޑަޑަށް ގެންނަން އެއްބަޔަކު މަސައްކަތް ކުރާނީ،" ކޯޗިން ކެޓަގަރީގެ ފެޑެރޭޝަން ލެވަލްގެ އެންމެ މަތީ ފާސް، ޕްރޯ ލައިސެންސް ވެސް ހާސިލުކޮށްފައިވާ މޯހަން ބުންޏެވެ.

"އަނެއް ބަޔަކު ރެފްރީންނާއި ޓެކްނިކަލް އޮފިޝަލުން ތަމްރީނުކޮށް ކޯޗިން އެޑިއުކޭޝަންގެ ޕްރޮގްރާމްތައް ހިންގާނީ. އަދި އެކަޑަމީތައް ފަށައި ބަހައިލެވޭ ސަރަހައްދުތަކުގައި ކުދި މުބާރާތްތައް ޔޫތު ފެންވަރުގައި ބާއްވައި، ލީގު ފަށަންވާއިރަށް އެ ކުދިން އެކަމަށް ތަރައްގީކޮށް. މިކަންކަން އެ ހަތަރު އަހަރުތެރޭގައި ކޮށް ލީގު ފަށަންވާއިރަށް ފައްކާކުރަން ޖެހޭނީ."

ރާއްޖޭގައި ދިރާސާއެއް ނުކުރޭ، ހަދާ ޕްލޭނަށް މަސައްކަތެއް ނުކުރޭ

ދެކުނު އޭޝިއާގެ ސަބް ކޮންޓިނެޓުން ބޭރަށް ފުޓްބޯޅައިގެ ވިސްނުން މިހާރު ގެންގުޅޭ އިންޑިއާގެ މައި ލީގަށް، އެ ގައުމުގެ ސުޕަ ލީގު ހެދީ އަހަރުތަކެއް ވަންދެން ހެދި ދިރާސާތަކަށް ފަހު އެވެ. ޓައިމްލައިންތަކަކަށް ބަހާލައިގެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ގިރާ ކުރުމަށް ފަހު އެވެ.

އެކަމަކު ރާއްޖޭގައި މި އުޅެނީ، މައި ލީގު މުޅި ގައުމު ޝާމިލުވާ ގޮތަށް ބަދަލުކޮށްލާނެ ވިސްނުންތަކެއް ނުނެރެވިގެންނެވެ. ރާއްޖޭގައި މަސައްކަތް ކުރި ބޭރުގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ދިރާސާކޮށް ޕްލޭން ހަދާކަށް ރާއްޖޭގައި އެކަށީގެންވާ ވަގުތެއް ހޭދައެއް ނުކުރެ އެވެ. އެކަމަކު އޭނާ ބުނީ ރާއްޖޭގައި ޕްލޭން އެކުލަވާލާ ކަމަށެވެ.

"ޕްލޭން ވޯކް ނުކުރަނީ ވެސް އެކަށީގެންވާ ދިރާސާ ނެތި ޕްލޭން ހަދާތީ،" އޭނާ ބުންޏެވެ.

ލީގު މުޅި ރާއްޖެއަށް ފުޅާ ކުރަން ހެދި ޕްލޭން، ރާއްޖެއަށް ފީސިބަލް ނުވާނެ ކަމަށް، އެ ޕްލޭން އިއުލާން ކުރުމުން، ފުޓްބޯޅަ އަށް ފާޑުކިޔާ ފަރާތްތަކުން އޭރު ވެސް ބުންޏެވެ.

ދިވެހި ލީގަށް ކޮލިފައިވުމުގެ މަސައްކަތް، ކުޅުދުއްފުށީގެ ޓީމުން ފެށި އިރު ކްލަބްގެ ރައީސަކަށް އޭރު ހުންނެވި އަހްމަދު އަބްދުﷲ ވިދާޅުވީ، އެ ފޯމެޓް އޮތީ ވަރަށް ހަރަދު ބޮޑުކޮށް ހިންގާ ގޮތަށް ކަމަށެވެ.

"އެ ފޯމެޓް އޮތް ގޮތުން ވަރަށް ހަރަދު ބޮޑު،" އޭނާ ވިދާޅުވި އެވެ.

"ހަރަދުކުޑަކޮށް ކުރެވޭނެ ގޮތްތައް ޒޯންތަކުގައި އިންތިޒާމު ވެފަ އެބަހުރި. މި ތިން އަތޮޅަށް ހއ، ހދ، ށ ގައި ކަމަށް ވަންޏާ އެބައޮތް އާރްޓީއެލްގައި ހުރިހާ ރަށަކުން ވެސް (ލިންކް އެޅިފަ) ކަނެކްޓިން ހައި ބައެއް ރަށްތައް. މުބާރާތް ހޯސްޓް ކުރަން ބޭނުންވާ ރަށަކަށް ހުޅުވާލުމުގެ ބަދަލުގައި އެސޯސިއޭޝަނުން އެ ރަށްތައް [އާރްޓީއެލް ގުޅޭ މައި ރަށްތައް] ދެނެގަނެގެން އެ ރަށެއްގައި ބާއްވާ ނަމަ (މި ތިން އަތޮޅުގެ) ހުރިހާ ރަށަކަށް ވެސް ވަރަށް ފަސޭހަ ވާނެ."

އުތުރުގެ ކޮލިފިކޭޝަންގައި ޒިގްޒެގުން 2022 ގައި ކުޅުނު މެޗެއްގެ ތެރެއިން: އެ ކްލަބުން ވަނީ ލީގަށް ކޮލިފައިވުމަށް މިލިއަނަކާ ގާތް ކުރާ އަދަދަކަށް ހަރަދުކޮށްފަ

އުތުރުގެ ކޮލިފިކޭޝަންގައި ޒިގްޒެގުން 2022 ގައި ކުޅުނު މެޗެއްގެ ތެރެއިން: އެ ކްލަބުން ވަނީ ލީގަށް ކޮލިފައިވުމަށް މިލިއަނަކާ ގާތް ކުރާ އަދަދަކަށް ހަރަދުކޮށްފަ

އެފްއޭއެމްގެ ރައީސް ބަދަލުވޔަސް ބަދަލުނުވާނެ ވަރުގެ ޕްލޭނެއް އޮންނަން ޖެހޭ

ހޯމް އެންޑް އަވޭ އުސޫލުން، މި އަހަރު މުޅި ރާއްޖެ އަށް ލީގު ގެންދިއުމަކީ، ޖުލައި 2020 ގައި އެފްއޭއެމްގެ ރައީސް ކަމަށް ދެވަނަ ދައުރަށް އިންތިހާބުވުމަށް ފަހު ބައްސާމް އަދީލް ޖަލީލް ވެވަޑައިގެންނެވި ވައުދެކެވެ.

އެ މުއްދަތު ލީގު ފަށާނެ ވާހަކަ ބައްސާމް ދެއްކެވި އިރު، ލީގު ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން އެފްއޭމުން މިދިޔަ ހަތަރު އަހަރު ފުރިހަމަކޮށްފައެއް ނުވެ އެވެ.

"މިއީ ކީ ރައީސް [ބައްސާމް] ވަކި މުއްދަތެއްގައި ފަށާނަމޭ ބުނެގެން ފެށޭނެ ވަރުގެ (ފަސޭހަ) ކަމެއް ނޫން. އެއަށް ވުރެ މާ ބޮޑަށް ޕްލޭންކޮށްގެން އެ ދެމެދުގައި ކުރަން ޖެހޭ ބައިވަރު ކަންކަން ކޮށްގެން ފަށަން ޖެހޭނެ ކަމެއް،" ދިވެހި ލީގުގެ ކޮލިފިކޭޝަންގައި ވާދަ ކުރި ރ. އުނގޫފާރު ޓީމުގައި ވެސް މަސައްކަތް ކުރި މޯހަން ބުންޏެވެ.

އޭނާ ބުނީ، އެފްއޭއެމްގެ ރައީސަކަށް ހުންނަ މީހެއްގެ އެ ދައުރުގެ ތެރޭގައި އެކަން ނުކުރެވޭނެ ކަމަށެވެ.

"އެފްއޭ ރައީސަކަށް އަންނަ މީހަކަށް މި ލިބެނީ ހަތަރު އަހަރުގެ ދައުރެއް. އެކަމަކު ޕްލޭން ހަދަން ޖެހޭނީ އެ މުއްދަތަށް ބަލައިގެނެއް ނޫން. ގިނަ ބަޔަކު ބައިވެރިވެގެން ޕްލޭނެއް ހަދައި އެ ޕްލޭން ތަންފީޒު ކުރަން ފަށަން ޖެހޭނީ. ހަތަރު އަހަރުގެ ދައުރު ނިމުނީމަ ދެން އެފްއޭގެ ރައީސަކަށް އަންނަ މީހަކު ބޭނުންވީމަ ކުރިން އޮތް ޕްލޭން ދޫކޮށްލައިފަ އަނެއްކާ އާ ޕްލޭނެއް ހަދަން ނުޖެހޭވަރުގެ އެއްޗަކަށް ވާން ޖެހޭނެ. ކުދިކުދި ބައެއް ބަދަލު ގެނަޔަސް މައިގަނޑަށް ބަދަލު ނުގެނެސް ކުރިއަށްދެވޭ ވަރުގެ އެއްޗެއް ހަދަން ޖެހޭނީ،" މޯހަން ބުންޏެވެ.

"ޕްލޭން ހެދުމުގައި ފުޓްބޯޅައާ ގުޅޭ އެންމެންގެ ބައިވެރިވުން ހޯދައިގެން ޕްލޭނެއް އެކުލަވާލަން ޖެހޭނީ."