ކެނދިކުޅުދޫ ބަލިކޮށް ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅުގެ މުބާރާތުގެ ޗެމްޕިއަންކަން މަނަދޫ ހޯދައިފި އެވެ.
13 ނޮވެމްބަރ 2025
ކެނދިކުޅުދޫ ބަލިކޮށް ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅުގެ މުބާރާތުގެ ޗެމްޕިއަންކަން މަނަދޫ ހޯދައިފި އެވެ.
އެ އަތޮޅުން މުބާރާތުގައި އެ ދެ ޓީމު ވާދަކުރުމުން އަތޮޅުގެ ޗެމްޕިއަންކަން ކަނޑައެޅީ ހޯމް އަދި އަވޭގެ ދެ ލެގްގެ މެޗަކުންނެވެ.
ފުރަތަމަ ލެގްގައި މިދިޔަ އާދިއްތަ ދުވަހު އަމިއްލަ ރަށުގައި ކުޅުނު މެޗު މަނަދޫން ކާމިޔާބު ކުރީ 3-2 ންނެވެ.
އެ މެޗުގައި ކެނދިކުޅުދޫން މެޗުގެ 31 ވަނަ މިނެޓްގައި ލީޑް ނެގި އެވެ. އެ ލަނޑު ޖެހީ އަފްރާހް މުހައްމަދެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މަނަދޫގެ މިފްޒާލް އަބްދުﷲ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
މެޗުގެ އަނެއް ތިން ލަނޑު ފެނުނީ އެންމެ ފަހު 10 ވަރަކަށް މިނެޓްތެރޭގަ އެވެ. މަނަދޫން ލީޑް ނެގި ލަނޑު 82 ވަނަ މިނެޓްގައި އަހްމަދު އަލީ ޖެހި އެވެ. އޭގެ ހަތް މިނެޓް ފަހުން މެޗުގެ 89 ވަނަ މިނެޓްގައި މުހައްމަދު އަރީހް ކެނދިކުޅުދުއަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. މަނަދޫ މޮޅުކޮށް ދިން ލަނޑު މިފްޒާލް ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގަ އެވެ.
ދެވަނަ ލެގް މެޗު އިއްޔެ ކުޅުނީ ކެނދިކުޅުދޫގަ އެވެ. އެ މެޗުގައި ވެސް ފުރަތަމަ ލީޑް ނެގީ އެ ޓީމުންނެވެ. މެޗުގެ 15 ވަނަ މިނެޓްގައި އަފްރާހް އެ ޓީމަށް ލަނޑު ޖަހައި ދިނެނެވެ. މަނަދޫ ޓީމަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށް ދިނީ ޒަލީޝާން ހަސަނެވެ. މެޗުން މަނަދޫ މޮޅުކޮށް ދިން ލަނޑު ވެސް ޖެހީ އޭނާ އެވެ. އެއީ މެޗުގެ 80 ވަނަ މިނެޓްގަ އެވެ.
މަނަދޫ އާއި ކެނދިކުޅުދޫ ދެން ވާދަކުރާނީ އުތުރުގެ ދެވަނަ ޒޯން މުބާރާތުގަ އެވެ.
އެފްއޭއެމުން ރާއްޖެ ބަހާލާފައި ވަނީ ހަތަރު ސަރަހައްދަށެވެ. ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި ކޮންމެ ސަރަހައްދެއްގައި ސަބް ދެ ޒޯން ހިމެނެ އެވެ.
ކޮންމެ އަތޮޅެއްގެ ޗެމްޕިއަނާއި ރަނަރަފް ވާދަކުރާނީ އެ ޓީމެއް ހިމެނޭ ސަބް ޒޯނުގެ މުބާރާތުގަ އެވެ. ކޮންމެ ޒޯނަކުން ވެސް ގަދަ ދެ ޓީމު ދެން ކޮލިފައިވާނީ ސަރަހައްދީ ލީގަށެވެ. ސަރަހައްދީ ލީގުގައި ހަތަރު ޓީމު ވާދަކުރުމަށް އެ ލީގުގެ ޗެމްޕިއަން ޓީމު ދެން ވާދަކުރަން ޖެހޭނީ ދިވެހި ލީގުގެ ޕްލޭއޮފްގަ އެވެ. އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި
މަނަދޫގައި 50އެނދުގެ އާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި
ދިވެހި ލީގު: މާލެ 10، އަތޮޅުތައް 0
ނަތީޖާ ނުލިބެނީސް މަނަދޫގައި ނުކުތް މީހާ ޕޮޒިޓިވް!
އަދަބީ އީދު ނިންމުމުގެ ރަސްމިއްޔާތަށް ރައީސް މަނަދުއަށް
އަމިއްލަ މެމްބަރުންނަށް ކުރެވޭނެ ކަމެއް ނެތް: ނަޝީދު
ރައީސް ޔާމީން ނ. އާއި ރ. އަތޮޅަށް
ހިޔާނާތުގެ ފައިސާ ހުރިތަނަކުން ހޯދާނަން: އިބޫ
ކުންނާރު އޮށެއް ކަރުގައި ތާށިވެގެން ކުއްޖަކު މަރުވެއްޖެ
ސޮނެވާ ޖާނީން ނ. އަތޮޅު މަދަރުސާ އަށް ހަދިޔާ ދީފި