Roadha Mihaaru
30،000ރ.ގެ މުސާރަ ދޭ ގޮތަށް 10 މީހަކު ހޯދަނީ

ހެރިޓޭޖު މިނިސްޓްރީ އަށް 30،000ރ. ގެ މުސާރައިގައި 10 ވިލަރެސްވެރިން ހޯދަނީ

14 ފެބުރުއަރީ 2024

ކޮންމެ މަހަކު 30،000ރ. މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދޭ ގޮތަށް 10 ވިލަރެސްވެރިން ނުވަތަ ކޯޑިނޭޓަރުން ހޯދަން ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުން އިއުލާންކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކޮންމެ މަހަކު 30،000ރ. މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދޭ ގޮތަށް 10 ވިލަރެސްވެރިން ނުވަތަ ކޯޑިނޭޓަރުން ހޯދަން ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުން އިއުލާންކޮށްފި އެވެ.

ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު މިދިޔަ މަހުގެ 18 ގައި އުފެއްދީ ދިވެހި ގައުމިއްޔަތު ދިރުވުމަށެވެ.

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ވިލަރެސްވެރިންނަށް އަސާސީ މުސާރައިގެ ގޮތުގައި 25,000ރ. ލިބޭނެ ކަމަށެވެ. އެލަވަންސްގެ ގޮތުގައި 5,000ރ. ލިބޭއިރު، ރޯދަ އެލަވަންސް ވެސް ލިބޭނެ ކަމަށް އެ އިއުލާނުގައި ވެ އެވެ.

ދެ އަހަރު ދުވަހަށް ނަގާ އެ ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތްކޮށް، ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މައުލޫމާތު އެއްކުރުމާއި ދަސްކުރުމާ ދިރާސާކުރުމާއި ހުށަހަޅައިދިނުމުގެ މަސައްކަތް ވިލަރެސް ކުރުން.

2. ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ޝާއިއުކުރުމަށް ތައްޔާރުކުރާ ތަކެތީގެ ފުރިހަމަކަން ޗެކްކުރުން.

3. ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުން.

4. ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުން.

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް.--

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް.--

އެ މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތު

1. ބެޗެލާސް ޑިގްރީއެއް ހާސިލު ކޮށްފައިވުމާ އެކު، ތައުލީމީ/ ކިޔަވައިދިނުމުގެ ދާއިރާގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.

2. ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލްކޮށްފައިވުމާ އެކު، މަސައްކަތު ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވުން.

3. "ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ"' ގްރޭޑް ލިބިފައި ވުމާ އެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔާ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބި، ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާ އެކު މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން

އެ އިން ކޮންމެވެސް އެއް ޝަރުތެއް ފުރިހަމަ ވުމާ އެކު، އެއީ ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އަދި ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ މީހެއް ކަމުގައި ވާން ޖެހެ އެވެ. އެ މަގާމަށް ކުރިމަތިލާ މީހުން ވާން ޖެހެނީ އުމުރުން 35 އަހަރުން ދަށުގެ ބަޔަކަށެވެ.

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގައި، ގައުމިއްޔަތު ދިރުވަން އިތުރު ތިން އިދާރާއެއް ވަނީ އުފައްދައިފަ އެވެ. އެއީ ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި ދިވެހި ގައުމީ ތަރިކައިގެ ކޮލެޖު އަދި ދިވެހި ގައުމީ ޗާޕުހާނާއެކެވެ.

ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ.