Roadha Mihaaru
ގުޅިފަޅު ހިއްކުން ކުރިއަށް ގެންދެވޭ ގޮތަށް އަމުރުނެރެފި

ގުޅިފަޅު ހިއްކުން ކުރިއަށް ގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި

15 ފެބުރުއަރީ 2024

ކ. ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ކ. ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ރޭ ވިދާޅުވީ، ގުޅިފަޅު މަޝްރޫއު ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށާއި އެހެންވެ، ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމީ ކަމަށެވެ.

ކުރީގެރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފަށައި އެ މަސައްކަތް ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު މީހަކު މިދިޔަ އަހަރު ހުށަހެޅި މައްސަލައަކާ ގުޅިގެން ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އެ މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށެވެ.

އެ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފަހު ހައި ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރުގައި ވަނީ ހައި ކޯޓުގެ އަމުރު ތަންފީޒުވެއްޖެ ނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވޭތީ ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން އަންގާ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަލީ ރަޝީދެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެ މަޝްރޫއު ހުއްޓުވާލުމުން ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވެ އެވެ.

އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.