Roadha Mihaaru
އެމްޑަބްލިއުއެސްސީއަށް 37 މިލިއަން ދިނުން ހުއްޓުވައިފި

އެމްޑަބްލިއުއެސްސީއަށް 37 މިލިއަން ދެއްކުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިިފި

05 ޖުލައި 2021

ގުޅީފަޅު ހިއްކުމުގެ މައްސަލާގައި އެމްޑަބްލިއުއެސްސީއަށް 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ) ދައްކަން ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ) ގެ މައްޗަށް ހައި ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގުޅީފަޅު ހިއްކުމުގެ މައްސަލާގައި އެމްޑަބްލިއުއެސްސީއަށް 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ) ދައްކަން ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ) ގެ މައްޗަށް ހައި ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީއަށް 2.4 މިލިއަން ޑޮލަރު ދައްކަން ޖީޕީޑީގެ މައްޗަށް ހުކުމްކުރީ ގުޅީފަޅުގައި ހަ ހެކްޓަރުގެ ބިން ހިއްކައި، ތޮށިލުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ޖީޕީޑީއާ ހަވާލު ކުރުމުން އެއްބަސްވުމުގައި ބުނާ މުއްދަތަށް ވުރެ މަސައްކަތް ނިމުން ލަސްވުމުންނެވެ. ސިވިލް ކޯޓުން 2017 ގައި ކުރި އެ ހުކުމަށް މިދިޔަ ފެބްރުއަރީ މަހު ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަ ޖީޕީޑީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ ޖީޕީޑީން ހުށަހެޅި ކަންކަމަށް ބަލާއިރު، މިވަގުތު އެންމެ ރަނގަޅު ގޮތަކީ ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުން ކަމަށެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ސުޕްރީމް ކޯޓުން އެ އަމުރު ނެރުނުއިރު، އެމްޑަބްލިއުއެސްސީން އޮތީ ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރަން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.