Roadha Mihaaru
ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް މާދަމާ ފަށަނީ

މަގުތަކުގައި ހުރި ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް މާދަމާ ފަށަނީ

16 ފެބުރުއަރީ 2024

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ފަށާ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި މަސައްކަތް ކުރާނީ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ އަދި ފުލުހުން ގުޅިގެންނެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކަށް އުކާލާފައިވާ، ބާވެ، ގިނަ ދުވަހު ނުދުއްވާ ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވެ އެވެ.

މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް އަމިއްލައަށް އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު އަންނަ މަހު ތިނެއްގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މާލޭގެ މަގުތަކުގައި، ހާއްސަކޮށް ބޮޑުތަކުރުފާނުމަގުގެ ދެފަރާތުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުން ވަރަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އެ މަގުގެ ދެ ފަރާތުގައި ކާރާއި ވޭނުތައް ޕާކްކޮށްފައި ހުރުމުން، ހަތަރު ލޭނުގެ އެ މަގުން މިހާރު ދުއްވަން ބޭނުންކުރެވެނީ އެންމެ ދެ ލޭނެވެ.