Roadha Mihaaru
އެލްޓީޓީއާ އެކު ތަމަޅަ ފިލްމު އިންޑަސްޓްރީގެ މީހެއް

އެލްޓީޓީއީ އަލުން ފަށަން އުޅުނުކަމުގެ ދައުވާ ތަމަޅަ ފިލްމު އިންޑަސްޓްރީގެ މީހަކަށް

18 ފެބުރުއަރީ 2024

ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކޮށްދޭން ހަނގުރާމަކުރި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އަލުން އެކުލަވާލައި އެ ޖަމާއަތުގެ ހަަރަކާތްތައް ފަށަން މަސައްކަތްކުރަމުން ދިޔަ ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އިންޑިއާގެ ތަމަޅަ ފިލްމު އިންޑަސްޓްރީގެ މީހަކު ވެސް ހިމެނިއްޖެ އެވެ.

ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކޮށްދޭން ހަނގުރާމަކުރި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އަލުން އެކުލަވާލައި އެ ޖަމާއަތުގެ ހަަރަކާތްތައް ފަށަން މަސައްކަތްކުރަމުން ދިޔަ ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އިންޑިއާގެ ތަމަޅަ ފިލްމު އިންޑަސްޓްރީގެ މީހަކު ވެސް ހިމެނިއްޖެ އެވެ.

އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން މި ތުހުމަތުކޮށްފައިވަނީ ތަމަޅަ ފިލްމު ޕްރޮޑަކްޝަން އެގްޒެކަޓިވްއެއްގެ ގޮތުގައި މަސައްކަތްކުރާ ލިންގަމް ކިޔާ މީހަކަށެވެ. އެލްޓީޓީއީ އަލުން ހިންގަން މަސައްކަތްކުރާ ކަމަށް މިހާތަނަށް ތުހުމަތުކޮށްފައިވާ 16 މީހުންގެ ތެރޭގައި ހިމެނޭ ލިންގަމް ސިއްރިއްޔާތުގައި މަސައްކަތްކުރަމުން ދިޔައީ އެލްޓީޓީއީގެ ލީޑަރުންނާއި އެހެން ބައެއް މެންބަރުންނާ ގުޅިގެން ކަމަށެވެ.

އެންއައިއޭ އިން ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން އެލްޓީޓީއީ އަލުން ފަށަން މަސައްކަތްކުރާ އަދި މަސްތުވާތަކެއްޗާއި ހަތިޔާރުގެ ވިޔަފާރިކުރާ ލަންކާ މީހެއްކަމަށްވާ ސީ ގުނަސޭކަރަން އާއި އޭނާގެ ދަރިއަކާ ލިންގަމް ގުޅުން އޮންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އެންއައިއޭ އިން މި މައްސަލައިގައި 13 މީހަކަށް ދައުވާކޮށްފައި ވާއިރު އޭގައި ބުނެފައިވަނީ އިންޑިއާގެ ޓެމިލް ނާޑޫ އާއި އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް މި މީހުން މަސައްކަތްކުރި ކަމަށެވެ.

މި މީހުންގެ މައްސަލަތައް ފަޅާއެރީ 2021 ވަނަ ވަނަ އަހަރު ކޮޗީ އިން 300 ކިލޯގެ މަސްތުވާތަކެއްޗާއި އޭކޭ-47 ފަސް ބަޑި ފެނުނު ހިސާބުންނެވެ. މި މައްސަލައިގައި ލިންގަމް ހައްޔަރުކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ.

އެލްޓީޓީއީ އަކީ ލަންކާގައި ތަމަޅައިންނަށް ދައުލަތެއް އުފެއްދުމުގެ ނަމުގައި 1976 އިން ފެށިގެން ހަރުކަށި އަމަލުތައް ހިންގައި އަދި ފަހުން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފެށި ޖަމާއަތެކެވެ. އެ ޖަމާއަތުން 26 އަހަރު ހަނގުރާމަކުރި ފަހުން ލަންކާ ސިފައިން އެލްޓީޓީއީގެ މައްޗަށް ގަދަވެ މެއި 18، 2009 ގައި އެ ޖަމާއަތުގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން މަރާލި އެވެ. އެ ހިސާބުން އެލްޓީޓީ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.