Roadha Mihaaru
ތަމަޅައިންނަށް ތައުރީފް ކުރި މެންބަރު ހައްޔަރުކޮށްފި

ތަމަޅައިންނަށް ތައުރީފް ކުރި ޕާލަމެންޓް މެންބަރު ހައްޔަރުކޮށްފި

08 އޮކްޓޯބަރ 2018

ކޮލަމްބޯ (އޮކްޓޯބަރު 8) - ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބާރުގެ ދަށުގައި ލަންކާގެ އުތުރުގެ ހިސާބުތައް އޮތް އިރު ފުލުހުންނަށް ވުރެ ރަނގަޅަށް ޓައިގަރުން ވަނީ ގާނޫނު ތަންފީޒްކޮށްފައި ކަމަށާއި އެހެންވެ ޓައިގަރުން އަލުން އައުމަށް ގޮވާލި ޕާލަމެންޓުގެ މެންބަރު މިއަދު ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 8) - ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބާރުގެ ދަށުގައި ލަންކާގެ އުތުރުގެ ހިސާބުތައް އޮތް އިރު ފުލުހުންނަށް ވުރެ ރަނގަޅަށް ޓައިގަރުން ވަނީ ގާނޫނު ތަންފީޒްކޮށްފައި ކަމަށާއި އެހެންވެ ޓައިގަރުން އަލުން އައުމަށް ގޮވާލި ޕާލަމެންޓުގެ މެންބަރު މިއަދު ހައްޔަރުކޮށްފި އެވެ.

މިދިޔަ ޖުލައި މަހު ދެއްވި ތަގްރީރެއްގައި ތަމަޅަ މެންބަރު ވިޖަޔަކަލަ މަހެޝްވަރަން ވިދާޅުވީ ޓައިގަރުންގެ 37 އަހަރުގެ ވެރިކަމުގައި ތަމަޅައިން ދިރިއުޅުނީ ވަރަށް ރައްކާތެރިކަމާ އެކު ކަމަށެވެ. ޕާލަމެންޓުގައި ޖަފްނާ ތަމްސީލްކުރާ މެންބަރު ވިދާޅުވީ ޓައިގަރުން ކޮންޓްރޯލް ކުރި ސަރަހައްދުތަކުގައި އަންހެނުންނަށް ލިބުނު އަނިޔާ ވެސް މަދު ކަމަށެވެ.

މަހެޝްވަރަންގެ މި ވާހަކަތަކާ ގުޅިގެން ސިންހަޅަ ގްރޫޕްތަކުން ވަރަށް ބޮޑަށް އިހްތިޖާޖް ކުރި އެވެ. އަދި އެއްބަޔަކު ތުހުމަތު ކުރި ގޮތުގައި މަހެޝްވަރަން މަސައްކަތް ކޮށްފައި ވަނީ މަނާކޮށްފައިވާ ޖަމާއަތެއް އަލުން ގެނައުމަށެވެ. ޕްރެޝަރު ބޮޑުވުމުން ވަނީ ލަންކާގެ ވެރިކަން ކުރާ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މަހެޝްވަރަން އަދާކުރަމުން ދިޔަ ޗިލްރަންސް އެފެއާޒް ސްޓޭޓް މިނިސްޓަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

"އޮގަނައިޒް ކްރައިމް ޑިވިޝަނުން މިއަދު ވަނީ މެންބަރު ހައްޔަރުކޮށްފައި. އަދި ވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައި،" ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޯޓުގައި ބައި މިލިއަން ރުޕީސް (2،900 ޑޮލަރު) ބެހެއްޓުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އަދި ޑިސެެމްބަރު 7 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ.

ސަރުކާރު ސިފައިން ނުކުމެ ޓައިގަރުންގެ މައްޗަށް ކާމިޔާބު ހޯދީ މެއި 2009 ގަ އެވެ. ޓައިގަރުންގެ ބާރުގައި އެ ޖަމާއަތުން ވަނީ ލަންކާގެ ތިންބައިކުޅަ އެއްބައި ހިފައިފަ އެވެ. ލަންކާގެ ޒަމާންވީ ދާޚިލީ ހަނގުރާމައިގައި ވަނީ 100،000 މީހުން މަރުވެފަ އެވެ.