ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއު، މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާ މިއަދު ހަވާލުކޮށްފި އެވެ.
19 ފެބުރުއަރީ 2024
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއު، މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާ މިއަދު ހަވާލުކޮށްފި އެވެ.
އިގްތިސާދީ ހަރަކާތްތަކާ އެކު އައްޑޫގެ މަލަމަތި ބަދަލުކޮށްލަން ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.
އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުކެވެ. އެ މަޝްރޫއުގައި މިއަދު ސޮއިކުރީ އިންތިހާބަށް ފަހު އެމަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، ހުޅުދޫ ރައްޔިތުންނާ އެކު އޮތް ބައްދަލުވުމުގަ އެވެ.
ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އިންޖިނިއަރު، ހެބާ އަހުމަދު އެވެ. ހެބާ އަކީ އެ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރެއް ވެސް މެ އެވެ.
"ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އަކީ މެދު އިރުމަތީގައި މިފަދަ މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
ކުރިން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ދަ އަރަބް ކޮންޓްރެކްޓާސް އިން އެ މަސައްކަތް ހިލޭ ކޮށްދޭން ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އެކަމަކު މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އައްޑޫ ބްރިޖުގެ މަޝްރޫއު މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރުން. ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު އެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އިންޖީނިއަރު، ހެބާ އަހުމަދު- ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ބްރިޖު މަޝްރޫއަކީ އައްޑޫގެ ތަރައްގީގެ ފެށުން ކަމަށާއި އެ މަސައްކަތް ހަގީގަތަކަށް ރައީސް މުއިއްޒު ހައްދަވާނެ ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.
ނިޒާރު ވަނީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން އޮތް ނަމަވެސް އައްޑޫގެ ތަރައްގީގެ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، ޗައިނާގެ ބޮޑެތި ކުންފުނިތަކުން ވެސް އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ކަމަށާއި އެކަމަކު އެ މަސައްކަތް އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރީ ސާވޭގެ މަސައްކަތުގެ އިތުރުން ފައިނޭންސް ހޯދައި މަސައްކަތް ހިންގާ ގޮތަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހުޅުމީދޫ އާއި ހިތަދޫން ބްރިޖު ގުޅުވައިލާނެ ސަރަހައްދެއް ވެސް ނިންމާނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެންނެވެ.
މަރަދޫފޭދޫ މީހުންނާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް މުއިއްޒު ވަނީ އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމަނުއްވައިފަ އެވެ. އެ މަޝްރޫއުއަށް ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވެސް ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެފައިވެ އެވެ.
ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތަށް ތައްޔާރުވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ 2018ގައި ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑޫއަށް ވަޑައިގެން އެތަނުގައި ބްރިޖެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހަމަ އެ ވައުދު ހަގީގަތަކަށް ހަދައިދެއްވާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އައްޑުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ވައުދުފުޅަކީ މާލެ ފިޔަވައި އެހެން ސަރަހައްދަކަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
އައްޑޫ ބްރިޖު: މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެއްސުން
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
އައްޑޫ ބްރިޖު އެޅޭނީ ރައީސް މުއިއްޒަށް: ނިޒާރު
"ހާލަތުން އަރައިގަނެ ތަރައްގީ ވެސް ލަހެއް ނުކުރާނަން"
އައްޑޫ ބްރިޖު އަޅައި އަމަލުން ދައްކާނަން: ރައީސް
އައްޑޫ އާ ހޮސްޕިޓަލް އަންނަ ޖުލައިގައި ނިމޭނެ: ނާޒިމް
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
އައްޑޫ ބްރިޖުުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ