ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
04 ނޮވެމްބަރ 2025
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު މި ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރައީސް ފުވައްމުލަކަށް ވަޑައިގަތުމުން މި ރަށުގެ ގިނަ ބަޔަކު ވަނީ އެއާޕޯޓުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ މީހަކާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ފުވައްމުލަކުގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އޮގަސްޓް 7، 2023 ގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޑެޓްއާ އެވެ. ދައުލަތުގެ ބަޖެޓުން 469.8 މިލިއަން މިލިއަން ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއުގެ ދަށުން އަޅަނީ ތިން ކޮޓަރީގެ 400 ހައުސިން ޔުނިޓެވެ.
މި ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި، ބޯހިޔާވަހިކަމަކީ މިވަގުތު މި ރަށަށް ދިމާވެފައިވާ އެންމެ ދަތި އެއްކަމެވެ. އާބާދީގައި 13،000 އެއްހާ މީހުން ދިރިއުޅޭ މި ރަށަށް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ބޭނުންވެ އެވެ.
ފުވައްމުލަކުގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ފުވައްމުލަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި މި ރަށުގައި މިއަދު ވަނީ އެހެން ވަރަށް ގިނަ މަޝްރޫއުތައް ވެސް ފައްޓަވައިދެއްވައިފަ އެވެ. އަދި ބައެއް ޚިދުމަތްތައް އިފްތިތާހު ވެސް ކޮށްދެއްވި އެވެ.
- ފުވައްމުލަކުގެ ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތް ފެށުން
- ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ފެށުން
- ފުވައްމުލަކުގެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުން
- ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް ހުޅުވުން
- މާދަނޑު އަވަށު ފުޓްސަލް ދަނޑު ހުޅުވުން
- ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގެ މަސައްކަތް ފެށުން
- ނޭޝަނަލް ލައިބްރަރީގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ފެށުން
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގެން ތުއްތު ކުއްޖަކު އުރާލައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މިރޭ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. އަދި މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ރަށުގައި ޖަލްސާއެއް ވެސް މިރޭ ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ އެންމެ ދެކުނަށް ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މާދަމާ ވަޑައިގަންނަވާނީ އައްޑުއަށެވެ. ރައީސް މާދަމާ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ހުޅުދު އާއި މީދުއަށެވެ. އަދި އެއަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ.
ބޮޑު ޑްރެޖަރާ އެކު ރަސްމާލެ ހިއްކުން ހަލުވިކޮށްފި
އިތުރު ޑްރެޖަރެއް ގެނެސް މަސައްކަތް ހަލުވިކޮށްފި
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ސަރުކާރުގެ ބޯހިވާހިކަމުގެ ސިޔާސަތު އިފުތިތާހުކޮށްފި
ރަސްމާލެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ބޯހިޔާވަހިކަމަށް
އިގުތިސާދަށް ވަށައިޖެހޭ ތަރައްގީ ގެނެވޭނެ: ރައީސް
ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހަދަން އެއްބަސްވުމެއް
ހިއްކި ބިންތައް ތަރައްގީ ކުރަން ހާއްސަ މަޝްރޫއެއް
ތުޅާދޫ ހައުސިން ޔުނިޓް ލިބޭ މީހުންގެ ލިސްޓް ނެރެފި