Roadha Mihaaru
އައްޑޫ ބްރިޖު އެޅޭނީ ރައީސް މުއިއްޒަށް: ނިޒާރު

އައްޑޫ ބަދަލުކޮށްލާނެ ބްރިޖު އެޅޭނީ ރައީސް މުއިއްޒަށް: ނިޒާރު

19 ފެބުރުއަރީ 2024

އައްޑޫ ރައްޔިތުންގެ ދިގުލައިގެންދިޔަ ހުވަފެން ހަގީގަތަކަށް ހަދައިދީ ތަރައްގީއާ އެކު އެ ސިޓީ ބަދަލުކޮށްލާނެ ބިޔަ މަޝްރޫއު ހިންގަން އެންމެ ގާބިލު ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ރައްޔިތުންގެ ދިގުލައިގެންދިޔަ ހުވަފެން ހަގީގަތަކަށް ހަދައިދީ ތަރައްގީއާ އެކު އެ ސިޓީ ބަދަލުކޮށްލާނެ ބިޔަ މަޝްރޫއު ހިންގަން އެންމެ ގާބިލު ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމްރާނީ ތަރައްގީގެ ބޮޑު އެ މަޝްރޫއުގެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ދިގު ބްރިޖެވެ.

ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަޝްރޫއު މިސްރުގެ ކުންފުންޏަކާ ހަވާލުކުރުމަށް މިއަދު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ މި ބްރިޖަކީ އެ ސިޓީގެ މީހުންގެ ދިގުލައިގެން ގޮސްފައިވާ ހުވަފެނެއް ކަމަށެވެ. މި ހުވަފެން ހަގީގަތަކަށް ވާ މަންޒަރު މި ފެނުނީ އަދި ކިރިޔާ ކަމަށާއި މިއީ އޭނާގެ ސިޔާސީ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސް ކަމަށް ނިޒާރު ވިދާޅުވި އެވެ.

އެ ޖަލްސާގައި ރައީސް އާއި މިނިސްޓަރުންނާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، އެ ބްރިޖުގެ ވާހަކައަކީ ކޮންމެ މީހަކަށް ދައްކަން ކެރުނު ވާހަކައެއް ނޫނެވެ. އެ ބްރިޖުގެ ވާހަކަ ދައްކަން ނުކެރެނީ އޭގެ ދިގުމިނާއި ހަރަދާ މެދުގައި ވިސްނާފަ އެވެ. އެހެންވެ، ހާއްސަކޮށް ސިޔާސީ މީހުންގެ ތެރެއިން މަދު މީހަކަށް ނޫނީ އެ ބްރިޖުގެ ވާހަކަ ދައްކަން ކެރިފައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ-ހުޅުމީދޫ ބްރިޖު ވާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ. އެ ބްރިޖުގެ ދިގުމިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.

"އަޅުގަނޑަކީ ކަނޑައެޅިގެން މި ބްރިޖު އަޅަން ޖެހޭ ކަމަށް ބުނެ އައްޑޫގައި އެންމެ ގަދައަށް އެކަމަށް ވާކާލާތުކުރި މީހާ. މިއަދު އަޅުގަނޑު އުފާވަނީ ކައުންސިލްގެ މި ދައުރުގެ ތެރޭގައި މި އުއްމީދު ހަގީގަތަކަށް ވާތީ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާ އަދި އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ފަހު، ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

އިންތިހާބަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާ އަދި އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ފަހު، ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ޖަލްސާގައި ނިޒާރު ވަނީ އެ ބްރިޖުގެ މަސައްކަތް ފައްޓަވައިދެއްވި ކަމަށްޓަކާ ރައީސަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފަ އެވެ. ހިތަދޫ-ހުޅުމީދޫ ބްރިޖަކީ ރައީސް ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

"މި ކަހަލަ ބިޔަ ޕްރޮޖެކްޓުތަކަކީ ދުނިޔެ ބަދަލުކޮށްލެވޭ ފެންވަރުގެ އިންސާނުން ގެންގުޅޭ ވިސްނުން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ އެކު އުޅޭ ކައުންސިލަރުންނާއި ރައްޓެހިން ވެސް ހެކިވާނެ، އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް، ރައީސް ޑރ. މުއިއްޒު ބްރިޖު އަޅުއްވާނެ. އަޅުގަނޑަށް އެ ޔަގީންކަން ލިބެނީ، އެހާ ޔަގީންކަމާ އެކު ރައީސެއް، ސީދާ ރައްޔިތުންނަށް ބަސް ވިދާޅުވެއްޖެ ނަމަ އެކަން ކުރައްވާނެތީ."

ރައީސްއާ އެކު އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވެސް ބްރިޖުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މިކަން ނުކޮށް ކުރާނެ މާ ބޮޑު އެހެން މަސައްކަތެއް ރާއްޖޭގައި ނެތް ވަރަށް ޔަގީންކަމާ އެކު ރައީސް ވިދާޅުވީ. އިއްޔެ ވެސް ކައުންސިލަށް ޔަގީންކަން ދެއްވީ ބްރިޖު އަޅާނަމޭ. މި ބްރިޖަކީ އައްޑޫ ސިޓީގެ ތަރައްގީގެ ފެށުން ކަމަށް،" އޭނާ ވިދާޅުވި އެވެ.

އައްޑޫ ބްރިޖުގެ މަޝްރޫއު މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރުން: ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު އެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އިންޖީނިއަރު، ހެބާ އަހުމަދު.-- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ބްރިޖުގެ މަޝްރޫއު މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރުން: ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު އެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އިންޖީނިއަރު، ހެބާ އަހުމަދު.-- ފޮޓޯ: ރައީސް އޮފީސް

ނިޒާރު ވިދާޅުވީ އައްޑޫގައި މިހާ ބޮޑު ބްރިޖެއް އަޅާތީ ބައެއް މީހުން އެކި ސުވާލުތައް އުފައްދާ ކަމަށެވެ. އެ ބްރިޖުން އައްޑުއަށް ވާނީ ކޮން ފައިދާއެއްތޯ އާއި އެ ބްރިޖު ހުރަސްކޮށް ދަތުރުކުރާނެ މީހުން އެބަތިބިތޯ ވެސް މީހުން ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ނިޒާރު ވިދާޅުވި ގޮތުގައި، ހަގީގަތަކީ އެ ބްރިޖަކީ އައްޑޫ ބަދަލުކޮށްލާނެ އަދި އެމީހުން ވިސްނުން ވެސް ބަދަލުކޮށްލާނެ ވަރުގެ އުމްރާނީ ތަރައްގީގެ ވަރުގަދަ މަޝްރޫއަކަށް ވާނެ އެވެ.

"އައްޑު އަށް ބްރިޖެއް ބޭނުންވަނީ އައްޑޫ ބަދަލުކޮށްލަން. އައްޑޫގެ މަލަމަތި ބަދަލުކޮށްލަން. އައްޑޫއާ ދޭތެރޭގައި ވިސްނާ ވިސްނުން ބަދަލުކޮށްލަން. އައްޑުއަށް ގެންނަ އިންވެސްޓްމަންޓް، އައްޑުއަށް އަންނަ އިންވެސްޓަރުންގެ ވިސްނުން ބަދަލުކޮށްލަން،" އޭނާ ވިދާޅުވި އެވެ.

ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބްރިޖް މަޝްރޫއު މިއަދު ހަވާލުކުރީ މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާ އެވެ. މިއަދު ސޮއިކުރީ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގަ އެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދޭން ނިންމާފައި ވަނީ ހިލެ އެވެ.