Roadha Mihaaru
ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން

ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓްކޮށްފި

31 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ސ. ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަޝްރޫއު ހިންގުމަށް ކުރަން ޖެހޭ ސާވޭގެ މަސައްކަތް ކުރުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ސ. ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަޝްރޫއު ހިންގުމަށް ކުރަން ޖެހޭ ސާވޭގެ މަސައްކަތް ކުރުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ލަފަ އާއި މަޝްވަރާގެ މަތިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިރު، ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑު އަށް ވެވަޑައިގެންނެވި ވައުދެކެވެ. މިދިޔަ އޮގަސްޓް މަހު، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު އައްޑު ކުރެއްވި ދަތުރުފުޅުގައި ވަނީ ޔާމީންގެ އެ ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ: ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް އަންނަ އަހަރަށް ވަނީ ބަޖެޓުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ބްރިޖަކީ މާލެ ފިޔަވާ އެހެން ސަރަހައްދަކަށް މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.

އައްޑޫގައި ހަދާ ބްރިޖު ވާނީ ރާއްޖޭގައި ހަދާ އެންމެ ބޮޑު ބްރިޖަށެވެ. ހިތަދު އާއި ހުޅުމީދޫ ގުޅާލުމަށް ގާތްގަނޑަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެ އެވެ. ރާއްޖޭގައި ހެދި ފުރަތަމަ ބްރިޖު، މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.4 ކިލޯމީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް މިހާރު ހަދަމުން އަންނަ ތިލަމާލެ ބްރިޖަކީ 6.7 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ.

މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމެވެ. އެމަނިކުފާނުގެ ވެރިކަމުގައި 64،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ހިންގަން ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެ ވައުދު ފުއްދަވާދިނުމަށް ބޭނުންވާ ބިން ހިއްކަމުގެ ގޮތުން ފުށިދިއްގަރު ފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 400 މިލިއަން ރުފިޔާ ވެސް ހިމަނައިފަ އެވެ.