Roadha Mihaaru
"އައްޑޫ ބްރިޖުގެ މަސައްކަތް މި ދައުރުގައި ނިންމާނަން"

އައްޑޫ ބްރިޖު މި ދައުރުގައި ގުޅާލައި ބޭނުންކުރަން ފެށޭނެ: ރައީސް

19 ފެބުރުއަރީ 2024

މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްގެން ހަދާ އައްޑޫ ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަޝްރޫއު މި ދައުރުގައި އެއްކޮށް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްގެން ހަދާ އައްޑޫ ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަޝްރޫއު މި ދައުރުގައި އެއްކޮށް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބްރިޖު އެއްބަސްވުމުގައި ސޮއިކޮށް، ހުޅުމީދޫގެ މީހުންނާ ބައްދަލުކުރައްވަން ސ. އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހިތަދޫ-ހުޅުމީދޫ ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއުގެ ސާވޭ ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރިޔަސް އެ އެއްބަސްވުން ވަރަށް އަވަހަށް ކޮންޓްރެކްޓަކަށް ބަދަލުވެ، އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.

"އަޅުގަނޑުގެ އަންދާޒާއަކީ ތިން އަހަރާ ބައި ނޫނީ ހަތަރު އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ބްރިޖުގެ މަސައްކަތް ނިންމައި މި ސިޓީގެ ރައްޔިތުން، ހިތަދޫން ހުޅުމީދޫ އަށް ހުޅުމީދުން ހިތަދޫ އަށް މުޅި ސިޓީ އެއްކޮށް ގުޅި ލާމެހިގެން ދިއުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އަައްޑޫ ހުޅުދޫ، މީދޫގައި މިއަދު ވާހަކަފުޅު ދައްކަވަނީ.

ރައީސް މުއިއްޒު އަައްޑޫ ހުޅުދޫ، މީދޫގައި މިއަދު ވާހަކަފުޅު ދައްކަވަނީ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އައްޑޫ ބްރިޖުގެ މަސައްކަތަކީ ޝަރަފަކަށްޓަކައި ކުރާ ކަމެއް ނޫނެވެ. ރައީސް ވިދާޅުވީ ގައުމަކަށް ކުރިއެރުން ލިބެނީ ގިނަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށާއި އޭގެ ތެރޭގައި މަގުތައް ހެދުމާއި ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި އޮތުން ހިމެނޭ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މާލެ އިން ވެސް ފެންނަނީ އެ މަންޒަރު ކަމަށާއި މާލެ-ހުޅުމާލެ ބްރިޖާ އެކު ބޮޑު ބަދަލެއް އައިކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެހެންވެ ހިތަދޫ-ހުޅުމީދޫ ބްރިޖުން ވެސް އެފަދަ ބަދަލެއް އައްޑު އަށް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އެ މަޝްރޫއު ކުރިއަށް ގެންދާ ސަބަބަކީ އެއީ އެވެ. އެ ބްރިޖު ވާނީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ބްރިޖު ކަމަށް ވިދާޅުވެ، ރައީސް ވަނީ މިފަދަ ބޮޑު ބްރިޖެއް ދެން ވެސް ރާއްޖޭގައި ނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާއިރު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި އައްސޭރި ޓޫރިޒަމް ފުޅާކޮށް މަދުވެގެން 6،000 އެނދު އެޅުމުގެ މަޝްރޫއު އާއި ސީޕްލޭން ހަބެއް ވެސް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަޝްރޫއުތަކާ އެކު، އެތައް ކަމެއް ފުޅާވެ، ރައްޔިތުންގެ އުއްމީދުތައް ހާސިލުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކު އެކީގައި މި މަޝްރޫއުތައް ކުރިއަށް ދިޔައީމާ މި ސިޓީގެ ރައްޔިތުންނަށް ފެންނާނީ ތި ރައްޔިތުން އަބަދާ އަބަދު ތިޔަ އުއްމީދުކުރި އުފާ ފާގަތިކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއާ އެކު ރައީސް ވަނީ އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ރައްޔިތުންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ފުރުސަތު ދީގެން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރާ ދެކޮޅު ކެންޑިޑޭޓުން ހޮވައިފި ނަމަ، މަސައްކަތްތަކަށް ހުރަސް އެޅުމުގެ ފުރުސަތު އޮވެ އެވެ.

"ސަރުކާރަކުން އަދި ކިތަންމެ ކަމެއް ރައްޔިތުންނަށް ކޮށްދޭން ބޭނުންވިޔަސް އެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރާ ދެކޮޅަށް ދީފިއްޔާ ސަރުކާރުން ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސް އެޅުމުގެ ފުރުސަތު އޮންނަ ނިޒާމެއް މި ރާއްޖޭގައި އެބަ އޮވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންވެ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިންތިހާބު ނަގައިދޭން ރައީސް އެދިވަޑައިގަތެވެ.