Roadha Mihaaru
ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ޓެކްސީއެއް އަރައިފި

ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ޓެކްސީއެއް އަރައި ޑްރައިވަރަށް އަނިޔާވެއްޖެ

20 ފެބުރުއަރީ 2024

މާލެ-ހުޅުމާލެ ހައިވޭ ނިމޭ ހިސާބުގައި، ހުޅުމާލޭގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ޓެކްސީއެއް އަރައި އެ ވެހިކަލްގައި އިން ޑްރައިވަރަށް މިއަދު އަނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ-ހުޅުމާލެ ހައިވޭ ނިމޭ ހިސާބުގައި، ހުޅުމާލޭގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ޓެކްސީއެއް އަރައި އެ ވެހިކަލްގައި އިން ޑްރައިވަރަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ހުޅުމާލެ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލް ހަރުކުރުމަށް ޖަހާފައި ހުންނަ ހޮޅިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ނުވައެއް ޖަހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޑްރައިވަރަށް އަނިޔާވުމުން ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އޭނާ އަށް ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު، އޭނާ އަށް ލިބުނު އަނިޔާގެ ތަފުސީލު އަދި ނުލިބެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި، މި އެކްސިޑެންޓުގައި ޓެކްސީގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ސޯލާ ޕެނަލް ހަރުކުރަން ޖަހާފައި ހުރި ހޮޅިދަނޑި ވެސް އޮތީ ބަޅުވެފަ އެވެ.

ހުޅުމާލޭގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ޓެކްސީއެއް އަރައިފައި.

ހުޅުމާލޭގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ޓެކްސީއެއް އަރައިފައި.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާލެ-ހުޅުމާލެ ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކަށް ކާރާއި އެހެން ބާވަތުގެ ވެހިކަލްތައް އަރައި މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެކްސިޑެންޓުތައް ހިނގާފައިވެ އެވެ. އަދި އެ އެކްސިޑެންޓުތަކުގައި ވެހިކަލްތަކަށާއި ސޯލާ ޕެނަލްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.

އާންމުންގެ ރައްކާތެރިކަމަށްޓަކާ ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގައި، އެ އެއްޗެހި އެހެން ތަނަކަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ކަންކަމުގެ ތެރޭގައި ވެސް އެކަން ހިމެނެ އެވެ.

ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުން އަންނަ އެ މަޝްރޫއުގެ އަގަކީ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، ސޯލާ ޕެނަލްތައް އެތަނުން ނެގުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ މަހު ބުނެފައިވެ އެވެ.