ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު މާނަކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތައް ބާތިލްކުރަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފަހުން އެ ބަދަލުތައް އުވާލައި، ދެން ގެނައި ބަދަލުތަކީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް ގެނައި ބަދަލެއް ކަމަށާއި އެހެންވެ އެ ބަދަލުތައް ވެސް ސައްހަ ނުވާނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
21 ފެބުރުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު މާނަކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތައް ބާތިލްކުރަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފަހުން އެ ބަދަލުތައް އުވާލައި، ދެން ގެނައި ބަދަލުތަކީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް ގެނައި ބަދަލެއް ކަމަށާއި އެހެންވެ އެ ބަދަލުތައް ވެސް ސައްހަ ނުވާނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަދަލުކޮށް، "މަޖިލީހުގެ ޖުމްލަ މެންބަރުން" މާނަކުރަން އިތުރުކުރި ބައިތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ދައުލަތުން ގަބޫލުކުރާ ސަބަބުތައް ބަޔާން ކުރައްވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މިހާރު ހިނގާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް، ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި "މަޖިލީހުގެ ޖުމްލަ މެންބަރުން" މާނަކުރުމަށް ގަވައިދަށް އިތުރުކުރި ތިން އަކުރަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ހ. އިން، ގަވައިދު ހެދުމަށް ދީފައިވާ އިހުތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށާއި އެހެންވެ އެ ގެނައި ބަދަލު ބާތިލްކޮށްދިނުމަށް ދައުލަތުން އެދުނެވެ.
މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، މަޖިލީހުން ވަނީ ކުރިން ގެނައި އިސްލާހުތައް އުނިކޮށް ގަވައިދުގެ 242 ވަނަ މާއްދާ އަށް، ހަމަ ކުރީގެ އިސްލާހުގެ ނަތީޖާ އަންނަ ގޮތަށް ބައެއް އިތުރުކޮށްފަ އެވެ. އެއީ؛
"ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ."
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ޝަރީއަތުގެ މަޖިލީހުގައި.
ވަކި ފަރާތަކަށް ރައްދުނުވާ ގޮތަށް ކުރިއަށް ގެންދިޔަ މައްސަލައިގައި، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ހުށަހެޅި މައްސަލައިގައި ބާތިލް ކޮށްދިނުމަށް އެދިފައިވާ އަކުރުތަކަށް އަދިވެސް އަމަލުކުރަމުން ދޭތޯ ސުވާލުކުރައްވައިފަ އެވެ. އެއީ މަޖިލީޙުގެ 49 ވަނަ މާއްދާ އަށް އިތުރުކުރި، ކ، އ އަދި ވ. އެވެ.
ދައުލަތުން ވަނީ މަޖިލީހުން މިހާރު އެ އަކުރުތައް އުނިކޮށް އާ މާއްދާއަކަށް ބައެއް އިތުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
"އަޅުގަޑުމެންނަށް މީގައި މައްސަލައެއް އުޅޭތީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ މައްސަލަ މި އޮތް މިގޮތަށް މި ކުރިއަށް ގެންދަނީ އޭގެ ޒާތުގައި. މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ވާނީ ވަގުތީ އަމުރަކަށް އެދިފައި. އަދި އެ ވަގުތީ އަމުރާ ގުޅޭ ގޮތުން މި ސުޕްރީމް ކޯޓުން ވަނީ ނިންމުމެއް ނިންމަވާފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި ވިދާޅުވީ ކުރިން އޮތް ގޮތަށް ކުރިއަށް ގެންދާށޭ. މާނަ އަކީ މި ދެންނެވި މާއްދާތަކަށް އިސްލާހު ގެނައުމުގެ ކުރިން އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ...،" ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވި އެވެ.
ފާތިމަތު ހަލީމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ވަގުތީ އަމުރު އޮއްވައި މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލު ސައްހައެއް ނުވާނެ އެވެ.
"...އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި، ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ކޯޓުން ކުރާ އަމުރަކަށް ތަބާވާން ވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު އެއާ ހިލާފަށް، އެ އަމުރުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ވިދާޅުވެފައި އޮއްވައި އެހާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން އަމަލުކުރައްވާފައިވާ ނިންމެވުމަކީ އޭގެ ޒާތުގައި ސައްހަ ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރެވޭތީ އެގޮތަށް ކުރިއަށް މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
އެހެން ވިދާޅުވުމުން ފަނޑިޔާރު އަޒްމިރަލްދާ ވަނީ ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ގޮތަށް، ބާތިލްކުރުމަށް އެދުނު އަކުރުތައް ބާތިލްކޮށްފި ނަމަ ދައުލަތުން އެދޭ ހައްލު މި މައްސަލައިގެ ތެރެއިން ލިބޭނެތޯ އައްސަވައިފަ އެވެ.
... އެ އަމުރުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ވިދާޅުވެފައި އޮއްވައި އެހާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން އަމަލުކުރައްވާފައިވާ ނިންމެވުމަކީ އޭގެ ޒާތުގައި ސައްހަ ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރެވޭ: ފާތިމަތު ހަލީމް
ދައުލަތުން ބުނީ މަޖިލީހުން ފަހުން އިސްލާހު ގެނެސްފައި ވިޔަސް، މަޖިލީހުން ޖުމްލަ މެންބަރުންގެ އަދަދު މާނަކުރުމާ މެދު އުފެދިފައިވާ ހިޔާލް ތަފާތުވުމަށް ބަދަލެއް ނާންނަ ކަމަށެވެ. އެހެންވެ މި މައްސަލަ ނިމޭއިރު، މަޖިލީހުން ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އަމަލުކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ސުޕްރީމް ކޯޓުން ކަނޑައެޅޭނެ ކަމަށް ބުންޏެވެ. އެހެންވެ، ގަވައިދަށް ފަހުން ފެނައި ބަދަލުން ދައުވާގެ ސީޣާއަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުވާ ހުށަހެޅުމާއި ފަނޑިޔާރުންގެ ސުވާލުތަކަށް މިއަދުގެ ޝަރީއަތަށް ދެ ގަޑިއިރު ހޭދަވި އެވެ. ފަނޑިޔާރުން ވަނީ މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައި ސަބަބާއި ބަދަލުތަކުގެ ނަތީޖާއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ. މި ސުވާލުތަކަށް ފަހު ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ ދައުލަތުން ހުށަހެޅުމަށް އަންގާއިވާ ލިޔެކިޔުންތަކަށް ބެލުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އެކަމަކު އެކަމަށް ވަކި ތާރީހެއް އިއުލާނެއް ނުކުރައްވަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
މެންބަރުންގެ އަދަދު މައްސަލައިގެ ހުކުމް އިއްވުން މާދަމާ
ޖަމީލު ވަކިކުރި މައްސަލައަށް ކޯޓުން ހައްލެއް ނެތް
މާލީ ބަދަލު ދިނުމާ ގުޅޭ ގަރާރު މަޖިލިހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު!
މާލީ ބަދަލުގެ ބުރަ ދައުލަތުން އުފުލަން ޖެހޭތީ ގަރާރެއް
އަޑުއެހުންތައް ނިންމާލީ ބަހުގެ ހޫނު ހަމަލަތަކަށްފަހު!