Roadha Mihaaru
ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު!

ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު، ބަންޑާރަނައިބު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ

26 ނޮވެމްބަރ 2019

ދީބާޖާއަށް ފައިސާގެ ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށައެޅުމެއް ނެތި، އެ ކުންފުންޏަށް 174 މިލިއަން ރުފިޔާ ދޭން ނިންމި ނިންމުމާ މެދު ސީރިއަސް ތުހުމަތުތަކެއް، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މިއަދު ކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދީބާޖާއަށް ފައިސާގެ ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށައެޅުމެއް ނެތި، އެ ކުންފުންޏަށް 174 މިލިއަން ރުފިޔާ ދޭން ނިންމި ނިންމުމާ މެދު ސީރިއަސް ތުހުމަތުތަކެއް، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މިއަދު ކުރައްވައިފި އެވެ.

މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރު ޔައުގޫބު ހުށައަޅުއްވައި އަދި ފާސްވީ އެ މައްސަލާގައި ބަންޑާރަ ނައިބު ރިއްފަތު އިބްރާހިމް ކޮމިޓީއަށް ހާޒިރުކުރާށެވެ.

ޔައުގޫބު ހަނދާންކޮށްދެއްވީ ކޮމިޓީގައި ކުރިން ވާހަކަ ދައްކަވަމުން އެ މައްސަލަ ސުޕްރީމް ކޯޓުގެ ރިވިއުއަކަށް ހުށައަޅުއްވާނެ ކަމަށް ރިއްފަތު ވިދާޅުވި ވާހަކަ އެވެ. އެކަމަކު އޭރު އެކަން ހުށަނޭޅުއްވީ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔަރުންގެ ފަރާތުން އަދުލުވެރި، އިންސާފުވެރި ހުކުމެއް ނުލިބިދާނެތީ ކަމަށް ވިދާޅުވެފައި، އެ ފަނޑިޔާރުން ވަކިކޮށް، އާ ފަަނޑިޔާރުންނާ އެކު ސުޕްރީމް ކޯޓު ހިންގާ އިރު ދީބާޖާގެ މައްސަލަ ރިވިއުކުރަން ރިއްފަތު ނުފޮނުއްވީތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޔައުގޫބު ވިދާޅުވި ގޮތުގައި މައްސަލަ ރިވިއުކުރުމެއް ނެތި، 174 މިލިއަން ރުފިޔާ ދޭން ނިންމީ "ކަނޑައެޅިގެން އުސޫލުތަކާ ހިލާފަށެ"ވެ.

"އެޓާނީ ޖެނެރަލް މެންބަރުންނަށް ދެއްވި މައުލޫމާތުތަކާ ވެސް ހިލާފަށް ކުރެއްވި ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަޅުގަނޑު ވަރަށް ބޮޑަށް ތުހުމަތުކުރަން މީގައި ހަމަ ފައިސާގެ ޓްރާންސެކްޝަންތައް މިކަމުގައި ބައިވެރިވި މީހުންނަށް ފައިދާ ލިބޭނެ ގޮތަށް ދާނެ. އެކަން ބެއްލެވުމަށް ފުލުހުންނަށް ދަންނަން،" ޔައުގޫބު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީން ނިންމީ ޖަވާބުދާރީވާން ވީހާވެސް އަވަހަކަށް ރިއްފަތު ހާޒިރުކުރާށެވެ.

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ގަފޫރު ވިދާޅުވީ ބަދަލު ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމުގައި ދެވަނަ ވިސްނުމަކަށް ވަޑައިގެން، ސުޕްރީމް ކޯޓުގައި ރިވިއު އަކަށް އެދިވަޑައިގަތުމަށެވެ.

އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި އޭރުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މި އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފަ އެވެ. ރައީސް އިއްޔެ ނިންމެވީ އެގޮތަށް ބަދަލު ދޭށެވެ.