Roadha Mihaaru

ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ކުރިއަށް ގެންދަން، އޭޖީގެ އިއުތިރާޒާ މެދު ފަހުން ގޮތެއް ނިންމާނެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ފަހުން ގޮތެއް ނިންމާ ގޮތަށް އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
ނާޒިމް ހަސަން
ނާޒިމް ހަސަން

18 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ފަހުން ގޮތެއް ނިންމާ ގޮތަށް އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެހެންވެ، އެ އިސްލާހު މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ. އެ އޮފީހުގެ ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަލީ ހުސެއިންގެ ވަކީލުންގެ ޓީމް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ --- ފޮޓޯ: ނިޝާން އަލީ / މިހާރު

އަލީ ހުސެއިންގެ ވަކީލުންގެ ޓީމް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ --- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަންޑާރަ ނައިބުގެ އޮފީހުން ގަބޫލުކުރާ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނީ ގާނޫނުއަސާސީ މާނަ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާ ދުސްތޫރީ މައްސަލަތައް ނުވަތަ ގާނޫނެއް ނުވަތަ އެ ނޫން ވެސް ނިންމުމެއް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީ އަށް ގެންނަ ބަދަލަކާ ގުޅޭ މައުޟޫއީ މައްސަލަތައް ނުބެލޭނެ ކަމަށް އެ އޮފީހުން ދެކެ އެވެ.

މި އިޖުރާއީ އިއުތިރާޒާ ގުޅިގެން، އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން މިއަދު ނިންމެވީ އެ ކަމާ ގުޅޭގޮތުން މައްސަލާގައި ހުކުމް ކުރާއިރު ގޮތް ކަނޑައެޅުމަށެވެ. އަދި މިވަގުތު އެ މައްސަލަ ކުރިއަށް ގެންދަން ފަނޑިޔާރުން ނިންމެވި އެވެ. އަދި އަލީ ހުސެއިން ހުށަހެޅުއްވި މައްސަަލައަށް ޖަވާބުދާރީވުމަށް ދައުލަތަށް 10 ދުވަސް ދެއްވި އެވެ.

ފަނޑިޔާރުން އެގޮތަށް ނިންމުމުން ވެސް ދައުލަތުން ވަނީ އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން ފަނޑިޔާރުން ނިންމެވި ގޮތެއް ދުރާލާ ދައުލަތަށް ފޮނުވޭނެ ގޮތެއް އޮތްނަމަ، އެކަން ކޮށްދެއްވުމަށް އެދިފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމުން ބަދަލެއް ނުކުރައްވަ އެވެ.

މި އިޖުރާއީ އިއުތިރާޒާ ގުޅިގެން އަލީ ހުސެއިންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ އެކަމަށްޓަކައި ފާސްކުރާ ގާނޫނަކުން ކަމަށާއި އެހެންކަމުން، "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ ސަބަބެއް އޮވެގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ގާނޫނުތަކާއި އެހެން ގާނޫނުތަކާ ތަފާތު ވާނެ ކަމެއް ނުވަތަ ފަރަގެއް އޮތް ކަމަކަށް ގާނޫނުއަސާސީގައި ނެތެވެ.

މަހުފޫޒު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަ މާއްދާއެއް އެހެން މާއްދާއަކާ ހިލާފުވާ ނަމަ، އެކަން އެގޮތަށް އެ މިންވަރަށް ސުޕްރީމް ކޯޓަށް ބުނެވޭނެ ކަމަށާއި އެފަދަ މައްސަލަތަކުގައި ގޮތް ކަނޑައެޅޭނެ ކަމަށެވެ. ސުޕްރީމް ކޯޓަށް ނުބުނެވޭނީ އެ މާއްދާ ދެން އޮންނަންވީ ގޮތް ކަމަށާއި އެއީ އެ ކޯޓުގެ އިމުން ބޭރުވުން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާ އެމްޑީޕީން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި މިއަދު ދެކޮޅު ހަދައިފަ އެވެ. އެ މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ބާރަކީ އިސްލާހު ކުރުން ކަމަށާއި ގާނޫނުއަސާސީ މުގުރާލުން ނޫން ކަމަށެވެ.

މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވި އެވެ.